ޤުދުރަތުން ލިބޭނެ އެންމެ މަތިވެރި ލޯތްބަކީ މައިވަންތަ ކަމުގެ ލޯތްބެވެ. އެންމެ މާތް ވެގެންވާ ގުޅުމަކީވެސް މަޔަކާއި ދަރިޔަކާއި ދެމެދު އޮންނަ ނިމުމެއް ނުވާ ހަޤީޤީ ގުޅުމެވެ. މައިވަންތަކަމުގެ ލޯތްބާއި ކުލުނަކީ އެހެން އެއްވެސް ކަމަކާއި ނުބަށްދަލު، ފުން އަދި އަސަރު ގަދަ އިޙުސާސް ތަކެކެވެ. ދުވަހަކުވެސް ދުލުން ބަޔާން ނުކޮށްދެވޭނެ އަދި އަގު ވަޒަން ނުކުރެވޭނެ އަގުހުރި ޚިދުމަތްތަކެއް ކޮށްދޭ ލޮބުވެތި ފިސާރި ކަނބަލުން ތަކެކެވެ. އަދި މި ހުރިހާ އިޙުސާސް ތަކުގައި ކުލަ ޖައްސައިދެނީ މައިންގެ ނިމުމެއް ނެތް ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަމާއި ހެޔޮ ދުޢާ ތަކެވެ. ޤުދުރަތުން ހާމަ ކޮށްދޭ ހަޤީޤަތަކީ މައިވަންތަކަމުގެ ލޯތްބަކީ ޝުކުރުވެރިވުން ޙައްޤު މަތިވެރި ނިޢުމަތެއް ކަމެވެ. ހަމަ އެފަދައިން އަހަރެންނަކީ ވެސް ނުހަނު ކެތްތެރި، ލޯބިވާ، އަޅާލައި، އޯގާތެރިވާ އަދި ހިތްވަރުގަދަ މައެއްގެ ދަރިޔަކީމެވެ. އަދި އެ މައިމީހާއަށް ޓަކައި އުމުރު ދުވަހު އުޅެގެންވެސް ޝުކުރުވެރި ނުވޭވެނެއެވެ. ސަބަބުތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ.

މަންމާއެވެ. މަންމަ އަކީ ނުވަމަސް ދުވަސް ވަންދެން ލޯތްބާއެކު މަންމަގެ ބަނޑުތެރޭގައި އަހަރެން ގެންގުޅުނު ލޮބުވެތި ކަނބަލެވެ. ރައްކާތެރި ކަމާއެކު އަހަރެން ދުނިޔެ އަށް ގެނެސް ދިނުމަށް، ތަޞައްވަރު ނުކުރެވޭހާ ބުރަޔާއި ވޭން އުފުލަމުން ދިޔަ ހިތްވަރުގަދަ މަންމައެވެ. ޝަކުވާއެއް ނެތި މަންމަގެ ހުރިހައި އަގުހުރި ވަގުތުތައް އަހަރެންނަށް ޓަކައި ހޭދަ ކުރި މީހަކީވެސް ހަމަ މަންމައެވެ. މަންމަގެ ނިންޖާއި އަރާމު އަހަރެންގެ ޙައްޤުގައި ޤުރުބާން ކުރި އެންމެ ސާފު ހިތުގެ ވެރިޔަކީވެސް ހަމަ ތި މަންމައެވެ. ވަރުބަލި ކަމެއްނެތި އެކަނިމާއެކަނި އަހަރެންގެ ހުރިހައި ކަމެއް ބަލަހައްޓައިދިން ކެތްތެރި މީހަކީވެސް މަންމައެވެ. މަންމަގެ އަމިއްލަ ނަފުސަށް ނުބަލާ ވަރަށް އަހަރެންގެ ރައްކާތެރި ކަމަށް ވިސްނި އެންމެ ހިތް ހެޔޮ މީހަކީވެސް މަންމައެވެ. އަދި އަމިއްލަ ކަންކަން ނުކޮށް އަހަރެންނަށް ޓަކައި ހިނިތުންވުމަކާއި އެކު ހުރިހާ ކަމެއް ކޮށްދިން ފަރާތަކީ މަންމައެވެ. އަހަރެންނަށް ހިނގަން ދަސްކޮށްދީ، ވެއްޓެން ދިޔަ ކޮންމެ ފަހަރަކު އަހަރެންގެ އަތުގައި ހިފި މީހަކީވެސް މަންމައެވެ. ލޮނާއި ހަކުރުގެ ތަފާތު ދަސްކޮށްދިން ފަދައިން ހެވާއި ނުބައި ވަކި ކުރަން ދަސްކޮށްދިން އެންމެ ފުރަތަމަ އަހަރެންގެ ހަޔާތުގެ މުދައްރިސަކީ ވެސް ތިޔަ ލޮބުވެތި މަންމައެވެ.

ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންގެ މައްޗަށް ވާޖިބު ކަމެކޭ ބުނާ އަޑު އަހަރެން އަހަމެވެ. އަދި އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭ ދަރިޔަކީ އިސްލާމީ ރިވެތި އުސޫލު ތަކުގެ މަތީގައި ތަރުބިއްޔަތުވުން ކަމުގައި ބުނާ އަޑުވެސް އަހަމެވެ. އެހެން ކަމުން މަންމަ އަހަރެންނަށް އިސްލާމީ އުސޫލުތަކާއި ހަމަތައް ދަސްކޮށްދޭން އެންމެ އިސްކަމެއް ދިނީވެސް އަހަރެން ދެކެ އެހެން މީހަކު ނުވާ ލޯބި މަންމަ ވާތީކަން އަހަރެންނަށް އެނގެއެވެ. ސަބަބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ހިދާޔަތަކީ އިސްލާމް ދީނާއި އަދި ﷲ ދެއްކެވި އެންމެ ހެޔޮމަގާއި ތެދުމަގު ލިބުން ކަމުގައި ވެފައި އެންމެ ކުޑަ ދުވަހުން ސުރެ އަހަރެންނަށް މި ހުރިހާ ކަމެއް ދަސްކޮށްދިން މީހަކީވެސް މަންމަ ކަމުގައި ވާތީއެވެ. އަދި ދީނުގައި އަންގަވައިފައިވާ ގޮތަށް މަންމަ އަހަރެން ތަރުބިއްޔަތު ކުރީތީވެސް މެއެވެ. ހަމަ މިފަދައިން އިސްލާމް ދީނުގައި މައިންނަށް ދެވިފައިވާ މަތިވެރި ދަރަޖަ އަހަރެންނަށް އެނގެއެވެ. މަންމަ އަށް ނުރުހުމުގެ ގޮތުން އުއްފުވެސް ނުބުނަން އަންގަވައިފައި ވާއިރު އަހަރެންނަށް މިގޮތަށް ކަންތައް ކުރެވޭ އަންނަނީ މަދު ފަހަރެކެވެ. އެމީހެއްގެ ފައިތިލަ ދަށުން ސުވަރުގެ ދެވޭނެ ކަމަށް ބުނާ މީހާ އަކީ މަންމަ ކަމުގައި ވާއިރު، މަންމަ އަށް ބީރު ކަންފަތެއް ދީގެން އެކަމަށްވެސް މިހެދެނީ ދެކޮޅެވެ. ނަމަވެސް މަންމަގެ ބޮޑު ހިތާއި، ކެތްތެރިކަމާއި ލޯބި އަހަރެންނަށް މަޢާފްކޮށްދިނީ ގުނާ އަދަދު ކުރަން ނޭނގޭ މިންވަރަށެވެ. މިއީ މަންމަ ނޫން އެހެން މީހަކު ދުވަހަކުވެސް އަހަރެން ދެކެ ނުވާނެ ލޯތްބެއް ކަން ކަށަވަރެވެ.

އަހަރުތައް ފާއިތުވަމުން ދިޔަ ނަމަވެސް މަންމަ އަހަރެން ދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާންނަ ކަން އަހަރެންނަށް އެނގެއެވެ. އަހަރެން އުފަންވި ދުވަހުން ފެށިގެން މަންމަ އަހަރެންނަށް ޓަކައި މަންމަގެ މުޅި ދިރިއުޅުން ޤުރުބާންކޮށްލި ކަމަކީ މިކަމަށް ފުދޭނެ ހެއްކެކެވެ. އެންމެ ކުޑައިރުން ފެށިގެން ކޮށްދިން ހުރިހާ ކަންތައްތަކާއި، ދިން ލޯތްބާއި އަޅާލުމަކީ މަންމަ އަހަރެން ދެކެ ވާ ލޯބިކަން އަހަރެންނަށް އެނގެއެވެ. މަންމަ ކުރަން ޖެހޭ ކަންކަން ނުކޮށް އަހަރެން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް މަންމަ ކުރެއެވެ. އަހަރެން ބަލިވެއްޖެ ނަމަ ކައިރިން ދުރަށް ނުގޮސް، ލޯތްބާއި އެކު ހުރިހާ ކަމެއްވެސް ކޮށްދޭ ހިތްހެޔޮ ފަރާތަކީ ހަމަ މަންމައެވެ. ނަމަވެސް މިއަދު އަހަރެންނަށް މަންމަގެ ހާލު ބަލައިލެވެނީ މަދު ފަހަރަކުއެވެ. މަންމަ އަށް އަހަރެން ކާން ޖެހޭ ބޭހާއި ކާންޖެހޭ ގަޑި އަހަރެންނަށް ވުރެ ބޮޑަށް އެނގި ހަނދާން ހުންނައިރު، އަހަރެންނަށް މަންމަ މިހާރު ކަނީ ކޮންކޮން ބޭސް ތަކެއް ކަމެއްވެސް ނޭނގެއެވެ. މަންމަގެ މުޅި ދުނިޔެ އަހަރެންނަށް ދިންއިރު އަދި އެކަމަށް އަހަރެންނަށް ޝުކުރުވެރި ނުވެވޭއިރުވެސް މަންމަ އަހަރެން ދެކެ ވާ ލޯތްބަށް ބަދަލެއް ނާންނަނީ މަންމަ އަހަރެން ދެކެ ވާ ލޯބީގެ ބޮޑު ކަމުން ކަން އަހަރެންނަށް މިއަދު އަންދާޒާ ކޮށްލެވެއެވެ.

ކޮންމެ މީހަކު ވެސް ކޮންމެވެސް ދުވަހަކުން ދުނިޔެ ތެރެއައް ނިކުމެ އަމިއްލަ އަށް އުޅެން ދަސްކުރަން ޖެހޭނެ ވާހަކަ އަކީ މަންމަ އަހަރެން ގާތުގައި އެންމެ ގިނައިން ދައްކާ އެއް ވާހަކައެވެ. މަންމަ ނުލާވެސް އުޅެން ޖެހޭނެކަމާއި އަދި އެކަމަށް ޓަކައި ހަރުދަނާ ރަނގަޅު އިންސާނަކަށް ވުމަކީ ކިހާ މުހިންމު ކަމެއްކަން ކިޔާދޭ ހަނދާން އަހަރެން އަބަދުވެސް ވެއެވެ. ނަމަވެސް މަންމަ ހުންނައިރުވެސް މަންމަގެ މުހިންމުކަން ހަނދާނުން ކައްސާލަނީ ކިތައް ފަހަރު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. މަންމަ ދެރަވާ އެތައް ކަމެއް ކުރެވި އަދި މަންމަ ހިތުގަ ޖެހޭ ކިތަންމެ އެއްޗެއް ބުނެވޭކަން އަހަރެންނަށް އެނގެއެވެ. އެހެން މީހުން ނެކޭ އެއްފަދައިން މަންމަ ވެސް ދެރަވެ ކަރުނަ އަޅާނެކަންވެސް މިއަދު އިހުސާސްވެއެވެ. ނަމަވެސް ހިތުގަ ޖެހޭ ކަމެއް ނުވެ، ބޭނުން ގޮތެއް ބޭނުން އިރަކު ނުވުމުން އަހަރެން ޝަކުވާ ކުރާހެން ދުވަހަކުވެސް މަންމަ އެއްޗެކޭ ނުބުނެއެވެ. އަދި އަބަދުވެސް ހިނިތުންވުމަކާއިއެކު އަހަރެންނަށް މަޢާފްކޮށްދީ ހެޔޮ ދުޢާކޮށްދޭ ކަން އަހަރެންނަށް އެނގެއެވެ. މީގެ އިތުރުންވެސް ދިރިއުޅުމުގެ ހުރިހާ ކަމެއް މަންމަ ދޫކޮށްލުމަށް ފަހު އަހަރެންގެ ޙައްޤުގައި ވާއިރު، އަހަރެންނަށް ތި ލޯބި މަންމަ އަށް އިސްކަން ނުދެވޭވަރަށް އެހެން މީހުންނަށް އިސްކަން ދެވެއެވެ. މި ގޮތަށް އަބަދު ހުންނާނެހެން ހީވާ ކޮންމެ މީހަކު ޙަޔާތުން ވަކިވެ ދާއިރު، ދެންވެސް އެންމެ ފުރަތަމަ ދުވަސް ފަދައިން ހިނިތުންވުމާއި އެކު ކުރެވޭ ހުރިހާ ކުށްތަކަށް މަޢާފްކޮށް އަހަރެންގެ ގައިގައި ބަށްދާލައި އޯގާތެރިކަމާއި އެކު ނިތް ކުރީގައި ބޮސްދެނީވެސް ހަމަ ތިފަދަ ދެވެނައެއް ނުވާ މަންމައެވެ. މަންމަގެ އާދޭސްތަކަށް ބީރު ކަންފަތެއް ގިނަފަހަރު ދޭއިރުވެސް ބޭނުނުންވާ އެންމެ މުހިންމު ނަސޭޙަތްތައް ދޭ ހަމައެކަނި ފަރާތަކީ މަންމަކަން އަހަރެންނަށް މިއަދު ޔަޤީންވެއެވެ. މަންމަގެ ޤުރުބާނީތަކުގެ އަގު ވަޒަން ނުކުރެވޭއިރުވެސް، ބޭނުންވާ ކޮންމެ ހިނދަކު ކައިރީގައި ތެދުވެރި އަދި ނިމުމެއް ނެތް ލޯބިދޭން ހުންނަ ހަމަ އެކަނި މީހަކީ ތި ލޮބުވެތި މަންމަ ކަން އަހަރެންނަށް މިއަދު ދަސްވެއްޖެއެވެ.

އެހެން ދެވަނައެއް ނުވާ އަހަރެންގެ އެންމެ ލޯބިވާ މަންމާއެވެ. ތި ލޮބުވެތި މަންމަ އަކީ މަތިވެރި ނިޢުމަތެއް ކަމާއި މެދު ޝައްކެއް ނެތެވެ. އަދި މީހަކަށް ލިބޭނެ އެންމެ ރަނގަޅު މަޔަކީވެސް ހަމަ ތިކަހަލަ މައެއް ކަމާއި މެދުވެސް ޝައްކެއް ނެތެވެ. މަންމަގެ އަގު ބޮޑެތި ޤުރުބާނީ ތަކަކީ ދުވަހަކުވެސް އަހަރެންނަށް އޭގެ ބަދަލު ނުދެވޭނެ ފަދަ މަތިވެރި ޤުރުބާނީ ތަކެކެވެ. އުމުރު ދުވަހުވެ ވެސް އަގު ވަޒަން ނުކުރެވޭނެ ޚިދުމަތް ތަކެކެވެ. ނަމަވެސް މަންމަގެ ހެޔޮ ދުޢާ ތަކާއި އެކު މަންމަ ފަޚުރުވެރިވާ ފަދަ ދަރިޔަކަށް ވުމަކީ އަހަރެންގެ ހަޔާތުގެ މަޤްސަދު ކަމުގައި ދެކެމެވެ. މަންމަގެ ދުޢާތައް އަބަދުވެސް އަހަރެންނާއި އެކު ވާކަން އަހަރެންނަށް އެނގެއެވެ. ހަމަ އެފަދައިން ލޯބިވާ މަންމައަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލެއްވުމަށް އަބަދުވެސް ދުޢާ ކުރަމެވެ. އަދި މަންމަ އާއި އެކު ސުވަރުގޭގައި ލައްވާތޯ ކުރެވޭ ދުޢާ އަކަށް ނިމުމެއް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފިރުޝަތު ޒަމީލް
ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.