ކޮރޯނާގެެ ތޫފާނުގެ ވިލާގަނޑުގެ ދަށުގައި ދިވެހިރާއްޖެ އޮންނަތާ މިހާރު ދުވަސްތަކެއް ވޭތުވެގެން ގޮސްފިއެވެ. ފުރަބަންދުގައި އަޅުގަނޑުމެން އެތައް ދުވަހެއް ހޭދަކޮށްފީމެވެ. ފޫހިކަމާއި، ނުތަނަވަސް ކަން އަޅުގަނޑުމެންގެ ހިތުގެ އެންމެ އަޑިން ޖާގަ ވެސް ހޯދިއެވެ. އޮފީސްތައް ބަންދުކޮށް ސުކޫލުތައް އެތައް ދުވަަހެއް ވަންދެން ބަންދު ކޮށްފިއެވެ. ނަމަވެސް، މިހާރު އަނެއްކާ ވެސް އަޅުގަނޑުމެން މިދަތުރު ފެށީ އެހެން މަންޒިލަކަށެވެ. ނަމަވެސް، އެއީ ކޮރޯނާގެ ބިރުވެރިކަން ނެތް މަންޒިލެއް ނޫނެވެ. އެ މަންޒިލްގައި އަޅުގަނޑުމެން އުޅެން ޖެހޭނީ ކޮރޯނާ ވައިރަހާއި އެކުގައެވެ.

އާނއެކެވެ! އަޅުގަނޑުމެންގެ އެންމެ ގާތުގައި ކޮރޯނާ ވައިރަސް އުޅެމުންދާ މަންޒިލެއްގައި އަޅުގަނޑުމެން ދިރިއުޅެން ޖެހޭނީ ވަރަށް ވިސްނައިގެން ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ކިތަންމެ އަރިހުގައި، ހުރިހާ ވަގުތެއް ކޮރޯނާ އަޅުގަނޑުމެންނާއި އެކު ވީކަމުގައި ވިޔަސް، އެއީ އަޅުގަނޑުމެންގެ ދުޝްމަނެކެވެ. އެ ދުޝްމަނަށް އަބަދުވެސް އަޅުގަނޑުމެން ފާރަލާން ޖެހޭނެއެވެ. މޯޅިއަކަށް ދެމިލައި ފުން ނޭވާއެއް ލަމުން، އަޅުގަނޑުމެން އާ އާންމު ހާލަތަށް މިވަނީ މަރުޙަބާ ކިޔަން ޖެހިފައެވެ. ކަމާއި ގުޅުން ހުރި ފަރާތްތަކުގެ އިރުޝާދުތައް އަޑުއަހައި، އެއަށް ބޯލަނބައިގެން މެނުވީ ސަލާމަތުގެ އައްސޭރި ލޮލުގެ ހިމަކޮޅުން ވެސް ފެންނާކަށް ނެތެވެ.

ޓީވީ، ރޭޑިއޯތަކުން ހުއްޓާނުލައި، އަޅުގަނޑުމެންނަށް ދަނީ އެތަކެއް މެސެޖުތަކެއް ދެމުންނެވެ. ރައްކާތެރިވުމަށް ކުރަން ޖެހޭ އެތައް ކަމެއް އަޅުގަނޑުމެންނަށް ފޫހިކަމެއް ނެތި މީޑިއާތަކުން ދަނީ ކިޔައިދެމުންނެވެ. އެ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް ގެންދަނީ ފޯރު ކޮށްދެމުންނެވެ. ހަމަ މިބީދައިން މީސް މީޑިއާ ބަލައިލުމުން ވެސް އާންމު ރައްޔިތުންގެ ފަރާތުންް ފެންނަމުން ދަނީ އުއްމީދީ އުފާވެރި މަންޒަރެެކެވެ. އަމިއްލަ ދަރިފުޅު ސުކޫލަށް ފޮނުވަން ވެސް ގިނަ ބެލެނިވެރިން ބިރުން އުޅެމުން ދަނީއެވެ. މިބަލީގެ ބިރުވެރި ކަމާއި، ނުރައްކާ އެ ބެލެނިވެރިންނަށް އެނގޭތީއެވެ. އިޙްސާސް ކުރެވޭތީއެވެ. ނަމަވެސް މިއީ ހަމަ އެކަނި ލޮލުގެ ކުރިމަތިން ފެންނަ އޮޅުވާލުމެއް ނޫން އިތުރު އެއްޗަކަށް އަޅުގަނޑުމެންނަކަށް ނުވިއެވެ. ފޭސްބުކުގެ ސްޓޭޓަސްތަކާއި، ތިމާގެ އަމަލު ދިމަލެއް ނުވެއެވެ.

މީ ވަރަށް ދެރަ ހުރި ކަމެކެވެ. ދަރިން ސުކޫލަށް ފޮނުވަން ދެކޮޅު ހަދަމުން އެކުދިން ގޮވައިގެން ދަތުރު ގޮސް، ޕިކްނިކް ހެދުމުން އެވީ ކޯއްޗަކަށް ހެއްޔެވެ؟ ބޭރު ތެރޭގައި މައިންބަފައިން ބޭނުން އިރަކު، ގައިދުރު ކަމަށް ނުވިސްނައި އުޅެފައި ގެއަށް އައިސް، މީސް މީޑިއާގައި މިދައްކާ ވާހަކަތަކުގެ މަޤުޞަދަކީ ކޮބައިތޯއެވެ؟ ބޭރު ތެރޭ އުޅޭނެ ވަރަކަށް އުޅެފައި، ދަރިން ސުކޫލަށް ފޮނުވަން ދެކޮޅު ހަދަންވީ ކީއްވެ ހެއްޔެވެ؟ ހައްތަހާ ވެސް ސުވާލުތަކެވެ. މި ލިޔުމުގެ ބޭނުމަކީ މި ސުވާލުތައް ކޮށްގެން އެ ބެލެނިވެރިންގެ އަގު ވައްޓާލުމެއް ނޫނެވެ. ނަމަވެސް މިދަނޑިވަޅުގައި މިލިބުނު ލުއި ތަކުގެ ބޭނުން އެންމެހާ ބެލެނިވެރިން ހެޔޮ ގޮތުގައި ހިފުމަށް އެއްބާރުލުން ދޭންވީ ނޫންތޯއެވެ؟ އިތުރު ބިރުވެރި ކޮރޯނާގެ ރާޅެއް އަޅުގަނޑުމެންގެ ބޯމައްޗަށް ބިންދާލަން އިތުރު ފުރުޞަތެއް ނުދިނުމަށް އެެންމެހާ ދިވެހީން އަތު ގުޅުވާލަން ވީނޫންތޯއެވެ؟

މީ އާދައިގެ ކަމެއް ނޫނެވެ. ފޭސްބުކް ސްޓޭޓަސް އަކުން ނިމޭނެ ކަމެއް ވެސް ނޫނެވެ. މީ ސީރިއަސް ކޮށް ވިސްނަން ޖެހޭނެ ކަމެކެވެ. އެހެން ނޫނީ ކޮރޯނާގެ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހޭނެ ފަރާތަކީ ތީ ކަމަށް ވެސް ވެދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.