އަޅުގަނޑުމެންގެ ޤައުމީ ދިދަ މިނިވަން ކަމާއި އެކު، ވައިގެ ތެރޭގައި އުދުހެމުން ދަނީ، އެ ދިދައިގެ އާދޭސް ވަޔާއި އެކު މުޅި ޤައުމަށް އިއްވަމުންނެވެ. އެ ދިދަ މިނިވަން ކަމާއި އެކު، ވިހުރިލަން އެ ދިދައިގެ ހިމާޔަތުގައި ރެއާއި ދުވާލު ބުރަ މަސައްކަތެއް ކުރާނެ އެއް ބަޔަކީ ސިފައިންގެ ބޭފުޅުންނެވެ. އަޅުގަނޑުމެންގެ މުޅި ޤައުމު ދެއަތް މައްޗަށް ނަގައިގެން އިސް ސަފުގައި ސިފައިންގެ ބޭފުޅުން ނުކުންނަވަނީ، އެބޭފުޅުންގެ ފުރާނައަށް އެއްވެސް ޖެހިލުން ވުމެއް ނެތިއެވެ. ދިވެހި ޤައުމާއި މި ދީން ތާއަބަދު ހިމާޔަތް ކުރުމަކީ އެ ބޭފުޅުންގެ ނުގުޑާ ފަދަ ވަރުގަދަ ޢަޒުމެވެ.

މުޅި ދުނިޔެ ބައްދާލި ކޮރޯނާގެ ބިރުވެރިކަން، މި ކުޑަކުޑަ ޤައުމަށް އަރައިގަތުމާއި އެކު، އެންމެ ކުރީ ސަފުން ފެނުނު އެއް ބަޔަކީ ވެސް ހަމަ ސިފައިންގެ ބޭފުޅުންނެވެ. އަޅުގަނޑުމެން ގޭގައި ބައިތިއްބައިގެން، އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކޮށްދިނުމަށް އެބިރުވެރި ދަނޑިވަޅުގައި ސިފައިން ދެއްކި ނަމޫނާ އަކީ ޝުކުރުގެ ބަރުތީލަތަކުން ފުއްދާލެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ހައްޤުގައި ދިވެހި ލޭ ހިނގާ، އަޅުގަނޑުމެން ފަޚުރުވެރިވާ ސިފައިންގެ ބޭފުޅުން ރެއާއި ދުވާލު ނުނިދައި، އެ އުފުލި ބުރައާއި ވޭނަކީ އަޅުގަނޑުމެން ދަރާފައިވާ، ދަރަނީގެ ޝުކުރެގެ ހާރެކެވެ.

މި ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި، ނިކަމެތި ހާލެއްގައި ވެސް، ސިފައިންގެ ބޭފުޅުންގެ ފަރާތުން ފެންނަނީ ޤައުމީ ރޫޙެވެ. ޤައުމީ ޖޯޝާއި، ލޭފިނި ނުވާ ހިތްވަރެެވެ. އެ ހިތްވަރުން މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ސިފައިންގެ ބޭފުޅުންނަކީ ނަމޫނާ ދައްކާފައިވާ ބައެކެވެ.

ކޮރޯނާގެ ބިރުވެރިކަމުން މުޅި ޤައުމު އަނދިރި ވެފައިވާ މި ބިރުވެރި ހާލަތުގައި، ލޯބިވާ ޢާއިލާ އާއި ދަރިން ކޮޅު ދޫކޮށްލާފައި އެތައް ސިފައިންގެ ބަޔަކު އަޅުގަނޑުމެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ނުކުތެވެ. އެފަދަ ސިފައިންގެ ބޭފުޅަކު މުނިއަވަސްއާ އޭނާގެ އިޙްސާސްތައް ޙިއްޞާ ކޮށްދިނެވެ.

“ދެރަވޭ ޢާއިލާއާ ލޯބިވާ އެންމެ 1 އަހަރުގެ ދަރިފުޅު ދޫކޮށްފަ ދާން. ނަމަވެސް މި ނުކުންނަނީ ޤައުމަށްޓަކައި ކަން އިޙްސާސްވާ ކޮންމެ ފަހަރަކު ހިތަށް އުފާވެރިކަން ލިބޭ. ޤައުމު ސަލާމަތް ވުމަކީ، އަޅުގަނޑުގެ ޢާއިލާ ވެސް ސަލާމަތް ވުން. ފުރަތަމަ ޤައުމު.”

ސިފައިންގެ ބޭފުޅަކު ކިޔައިދިނެވެ. މިގޮތަށް އެތައް ސިފައިންގެ ބޭފުޅުންނެއް މިޤައުމުގެ ޙައްޤުގައި ގެންދަނީ ޤުރުބާން ވަމުންނެވެ.

ކޮރޯނާގެ ވައިރަހުގެ ޝިކާރައަކަށް ބައެއް ސިފައިންގެ ބޭފުޅުން ވެގެން ދިޔަ ޚަބަރަކީ އަޅުގަނޑުމެންގެ ކަންފަތުގެ ހިނދުރި ތެރެއަށް ޖެހި، ވޭނީ ގުގުރިއެކެވެ. ނަމަވެސް އެއާއި ޖެހިގެން ދެން ފެނުނީ ސިފައިންގެ ފަނޑުވުމެއް ނެތް ހިތްވަރުގަދަ ކަމެވެ. ކެރުންތެރިކަމެވެ. ބަލިން ރަނގަޅު ވުމާއި އެކުވެސް، ސިފައިންގެ ބޭފުޅުން ނުކުތީ ވަޒީފާއަށެވެ. ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

މިހާރުވެސް، ރާއްޖެއިން ބޭރުން އަންނަ ދިވެހީންގެ ކަރަންޓީނުގެ މުއްދަތުގައި ސިފައިންގެ ބޭފުޅުންގެ ފަރާތުން ލިބެމުންދާ، އޯގާތެރި ޚިދުމަތްތަކަކީ މި ފުރުޞަތުގައި ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. ފޫހިކަމެއް ނެތި ލޯތްްބާއި، ކުލުނާއި އެކު ސިފައިންގެ ބޭފުޅުން ގެންދަނީ އެފަރާތްތަކަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރި ވުމަށް މަސައްކަތް ކުރަމުންނެވެ.

އަޅުގަނޑުމެން ދިވެހީންގެ ފަރާތުން، ސިފައިންގެ ބޭފުޅުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރެވޭނީ އެބޭފުޅުން ދެއްވާ އިރުޝާދުތައް ކަނުލައި އަޑު އަހައިގެންނެވެ. އެ އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލަނބައިގެންނެވެ. އެބޭފުޅުންގެ މަސައްކަތް ގަބޫލުކުރުމަށް އަމިއްލަ މީހާގެ ރައްކާތެރިކަމަށް ތިމާ މަސައްކަތްކުރާށެވެ. ފަރުދީ ޒިންމާ އަދާކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.