ކޮވިޑް-19 އާއި ގުޅިގެން މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި މީޑިޔާ ކައުންސިލުން އެދިއްޖެއެވެ. ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބެލުމަށް މި ކައުންސިލުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ކުރެވުނު ސާވޭއިން ހޯދުނު ހޯދުންތަކުގެ މައްޗަށް ބިނާކޮށް މި ހާލަތުގައި މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަ ދިނުމަށް، ފިޔަވަޅު އަޅައި ދިނުމަށް، ދައުލަތުގެ 13 އިދާރާއެއްގައި ކައުންސިލުގެ ފަރާތުން ރަސްމީކޮށް އެދިފައިވާކަމަށް މީޑިޔާ ކައުންސިލުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 ގެ ސަބަބުން މީޑިޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ ތެރެއިން، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ހައްލުކޮށްދޭން އެދިފައިވާ ކަންކަމުގެ ތެރޭގައި، މީޑިއާތަކުގެ އާމްދަނީ 80-60 އިންސައްތަ ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައި ވާތީ، ރިލީފް ލޯނުގެ ފައިސާ ދޫކުރުން އަވަސް ކޮށްދިނުމަށާއި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުން ނޫސްވެރިންނަށް ވެސް ފުރުޞަތު ދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓާއި، އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، އޮންލައިން ނޫސްތައް ހިންގުމަށް އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ވާތީ، މީޑިއާތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތަޢާރަފްކޮށްދީ އިންޓަނެޓްގެ އަގު މީޑިއާތަކަށް ހެޔޮކޮށްދިނުމަށް އެދި، ރާއްޖޭގެ ތިން ޓެލެކޮމް ކުންފުނި ކަމަށްވާ، ދިރާގައި، އުރީދޫ، އާރުއޯއެލް އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ވަނީ ދެންނެވިފައި ވާކަމަށްވެސް މީޑިޔާ ކައުންސިލުން މައުލޫމާތު ދެއެވެ.
އަދި ހަމައެހެންމެ، ކޮމިޔުނިޓީ ނޫސްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ސިޓީ ކައުންސިލްތަކުން ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރާ ކަމަށް، އެފަދަ ނޫސްތަކުން ފާހަގަ ކުރާތީ އެކަން އިސްލާހުކޮށް ދިނުމަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ކައުންސިލްގައި ވަނީ ދެންނެވިފައިވާކަމަށާއި ކޮވިޑް-19 އާ ގުޅޭ ބައެއް މައުލޫމާތުތައް ހޯދުމާއި އެހެނިހެން ވެސް މައުލޫމާތުތައް މީޑިއާތަކުން ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާ ކަމާއި ބައެއް ތަންތަނުން އެއްގޮތަކަށް ވެސް މައުލޫމާތު ނުދޭ ކަމަށް މީޑިއާތަކުން ފާހަގަ ކުރާތީ އެކަން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށްވެސް މީޑިޔާކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
އަދި ހަމައެހެންމެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލުތަކާއި މެރިޓަށް ނުބަލާ ކަމަށް ގިނަ މީޑިއާތަކުން ސާވޭއަށް މައުލޫމާތު ދީފައި ވާތީ، ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ސަމާލުކަމަށް އެކަން ގެނެވިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މީޑިޔާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެދި މީޑިޔާ ކައުންސިލުން ހެދި މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާ ވެސް ވަނީ ހިއްސާކޮށްފައިވާކަމަށް މީޑިޔާ ކައުންސިލުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ ”ހޭންޑްސަމް“ ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.




