ރާއްޖޭގެ އެންމެ މަގުބޫލު އެއް މިއުޒިކް ލޭބަލް، ސިމްބޮލިކް ރިކޯޑްސް އިން “އަރި އަރި” ގެ ނަމުގައި މުޅިން އާ ވީޑިއޯ ލަވައެއް ރޭ އާންމުންނަށް ދޫކޮށްލާފި އެވެ. މި ލަވަ ރިލީޒް ކުރިތާ 10 މިނެޓް ތެރޭގައިވަނީ 1500 ވިއުސް އަދި 4 ގަޑި އިރުގެ ތެރޭގައި 6000 ވިއުސް ލިބިފައެވެ. އަދި 24 ގަޑިއިރު ނުވަނިސް، 16000 އަށް ވުރެން ގިނަ ވިއުސް ލިބިފައިވެއެވެ.
ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އާންމުންގެ މިހާ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މި ލަވަ، ޝޫޓް ކޮށްފައިވަނީ އައްޑޫ ސިޓީގެ އިތުރުން މާލޭގައެވެ.
މި ލަވަ ކިޔާފައިވަނީ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މުހަންމަދު ނަބީލް ނިޔާޒް(ޓޯއީ)ގެ އިތުރުން ހުސެއިން ޒިޔާދު (ޒިޔާ) އެވެ.
” މުނިއަވަސް” އާއި ވާހަކަ ދައްކަމުން ޓޯއީ ބުނީ، މި ލަވަ ޝޫޓް ކޮށްފައިވަނީ ޖުމްލަ ފަސް ދުވަހުން ކަަމަށެވެ. އިތުރަށް ޓޯއީ ބުނީ އަދިވެސް މި އަހަރުގެ ތެެރޭގައި ވަރަށް ގިނަ ލަވަ ތަކެއް ބެލުން ތެރިންނާ ހަމައަށް ދޫކޮށްލާނެ ކަމުގައެވެ.
މި ލަވާގެ ވީޑިއޯ އެޑިޓް ކޮށްފައިވަނީ ވެސް ޓޯއީ އެވެ. އޭގެ އިތުރުން މި ލަވާގެ މިއުޒިކް ހަދާފައިވަނީ ރައްޔާން މުހަންމަދު (ރައިޑޭ) އެވެ.
މި ލަވަ މިހާރު ސިމްބަލިކްސް ރިކޯޑްސް ގެ ޔޫޓިއުބް ޗެނަލް އިން ބަލާލެވޭނެ އެވެ.
