އިމާމް މާލިކުގެފާނު ކިޔަވައިދެއްވަނީއެވެ. އެކަލޭގެފާނު ގެ ދަރިވަރުން ޝައުގުވެރިކަމާއިއެކު ފިލާވަޅު އަޑުއަހަމުންދަނީއެވެ. ދުރުން އައި މީހަކު ގޮވާލިއެވެ.. މަދީނާއަށް ބޮޑު އެތެއް ވަދެގެން އެބަ އާދެއެވެ. އެހިނދު މި މަޖްލިސްގެ ހަމަހިމޭންކަން ގެއްލުނެވެ. އިމާމް މާލިކުގެ އިޒުނަ ހޯދުމަށްފަހު ދަރިވަރުން ތައް އަވަސްވެގަތީ އެތް ބަލަންދިޔުމަށެވެ.

އެކަމަކު ޔަޙްޔާ ބިން ޔަޙްޔާ އަލްލައިޘީ އެތް ބަލާކަށް ނުދެއެވެ.

އިމާމް މާލިކު: އެންމެން އެތް ބަލަން ދިޔައިރު ޔަޙްޔާ އެތް ބަލަން ނުދިޔައީ ކީއްވެ؟

ޔަޙްޔާ ބިން ޔަޙްޔާ އަލްލައިޘީ: އަހަރެން މަދީނާއަށް އައީ ކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނެން. އެތް ބަލާކަށެއް ނޫން.

ޔަޙްޔާ ބިން ޔަޙްޔާ ވެގެންދިޔައީ މާލިކީ މަޒުހަބުގެ އެންމެ ބޮޑު އެއްް އިމާމުކަމުގައެވެ.

އިމާމް މާލިކުގެ އަލްމުވައްޠާ ގެ އެންމެ ސައްޙަ ރިވާޔަތަކީވެސް ޔަޙްޔާ އަލްލައިޘީގެ ރިވާޔަތެވެ.

އެކަލޭގެފާނުގެ އެންމެހާ އެކުވެރިން އެތް ބަލަން ދިޔައިރު، އެ އޮއެވަރުން ޔަޙްޔާ ބިން ޔަޙްޔާ ސަލާމަތްކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. މަތިވެރި ހިއްމަތެވެ. ހާޞިލުކުރަން ބޭނުންވާ އަމާޒު އެކަލޭގެފާނުގެ ސިކުނޑީގައި ކުރެހިފައިވާލެއް ފުރިހަމަ ކަމެވެ. ފޯކަސް އާއި ކޮންސެންޓްރޭޝަން ގެ ވަރުގަދަކަމެވެ.

އެފްރިކާގެ ހަރުބަހެއްގައިވެއެވެެ.

”އެތެއް ޝިކާރަކުރަންދާ ޝިކާރަވެރިޔަކު، ދޫންޏަށް ގާއުކާކަށް ނުހުއްޓޭނެއެވެ.“
ތަންތަނާއި ކަންކަން އިޞްލާޙްކުރާން އުޅޭއިރު އަމާޒުގެއްލޭ ބޭކާރު ކަންކަމުން ދުރުވުމަކީ މުހިންމުކަމެކެވެ

ސޫރަތުލް ފުރްޤާންގެ 74 ވަނަ އާޔަތުގައި، މުއުމިނުންގެ ބައެއް ސިފަތައް ބަޔާން ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވަނީ: وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَاماً

މާނައަކީ: ”އަދި އެއީ ބުނާ މީހުންނެވެ. އަޅަމެން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި ދަރިންގެ ކިބައިން، ހިތްތައް ހަމަޖައްސާ ދެނިވި ދަރިފަސްކޮޅެއް އަޅަމެންނަށް ދެއްވާފާނދޭވެ! އަދި ތަޤްވާވެރިންނަށް މަގު ދައްކާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ! “

ރަޙްމާންވަންތަ އިލާހުގެ އަޅުތަކުން މި ދުޢާ ކުރަނީ ހަމައެކަނި ތަޤްވާވެރިންގެ ތެރެއިން ލެއްވުމަކަށެެއް ނޫނެވެ. އަދި ކިއެއްތަ؟ އެ އަޅުތަކުން ދުޢާކުރަނީ ތަޤްވާވެރިންނަށް މަގު ދައްކައިދޭ އިމާމުންކަމުގައި ލެއްވުމަށެވެ. ހިއްމަތުގެ އަހުލުވެރިން ހެޔޮކަމުގެ މައިދާނުގައި ކުރިއަރާ ދަނީ މިފަދައިންނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

عن الحسين بن علي بن أبي طالب:) إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ، وأَشرافَها، ويَكرَهُ سَفْسافَها       (الألباني (١٤٢٠ هـ)، صحيح الجامع ١٨٩٠ • صحيح

ހަމަކަށަވަރުން އެކަންކަމުގެ މަންފާ ބޮޑު ބޮޑެތި އަދި ޝަރަފުވެރި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލްވުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ ކަމެކެވެ. ބޭކާރު ކުދިކުދި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލުވުމަކީ އެކަލާނގެ ނުރުއްސަވާ ކަމެކެވެ.

މުސްލިމު އަޚުންނާއި އުޚުތުންނޭވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ހިއްމަތްތެރިކަން އިތުރުކުރުމަށް ބާރު އަޅުއްވައިފައިވާއިރު، ކަންނެތްކަމާއި ވަޅޯތާފަނާކަމުގެ ހިރަފުސްތައް އަޅުގަނޑުމެންގެ ހަށިތަކުން ފޮޅާލަމާތޯއެވެ؟

އެހެން ހަދީޘެއްގައި އައިސްފައިވެއެވެ.

قال رسول الله {صلى الله عليه وسلم} المؤمن القوي خيرٌ وأحب إلى الله من المؤمن الضعيف وفي كل خير احرص على ما ينفعك واستعن بالله ولا تعجز

صحيح مسلم

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. “ (ދުނިޔެއާއި އާޚިރަތުގައި) ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ދަހިވެތިކަމާއިއެކު މަސައްކަތްކުރާށެވެ. އަދި ﷲގެ ވާގިފުޅު އެދޭށެވެ. އަދި ނިކަމެތިވެ ނުގަންނާށެވެ..“