އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގައި ތާވަލުގެ ދެވަނައިގައި އޮތް ސިޓީ ބަލިވުމުން ދިގު ތިރީސް އަހަރަށް ފަހު ލިވަޕޫލް ކުރަމުން އައި އުންމީދުތަކުގައި ވަނީ ކުލަ ޖެހިފައެވެ.

އިނގިރޭސި ލީގު 18 ފަހަރު ލިވަޕޫލް ކާމިޔާބުކުރި ނަމަވެސް، މުބާރާތުގެ ފޯމެޓު ބަދަލުކޮށް ޕްރިމިއަރ ލީގުގެ ނަމަށް 20 ފެބްރުއަރީ 1992 ވަނަ އަހަރު ބަދަލުކުރި ފަހުން އެ ކުލަބަށް ލީގު ކާމިޔާބު ކުރެވިފައި ނުވެއެވެ. 30 އަހަރުގެ ދިގު ދަތުރަކަށް ފަހު، އިނގެރޭސި ޕްރިމިއަރ ލީގު ފުރަތަަމަ ފަހަރަށް އެކުލަބުން ކާމިޔާބު ކުރިއިރު، މި ދަތުރުގައި އެތަކެއް އުނދަގޫތަކާއި އެ ކުލަބުން ވަނީ ކުރިމަތިލާފައެވެ. މި ތިރީސް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެ، ގިނަ ކުޅުންތެރިން ޓީމަށް ގެނެސްގެން އެކުލަބުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އިނގެރޭސި ޕްރިމިއަރ ލީގުގެ ތާރީޚުގައި އެކުލަބުން މިހާތަނަށް 1149 މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ 595 މެޗުންނެވެ. އެއީ ގާތްގަނޑަކަށް 52 އިންސައްތަ އެވެ. ޕްރިމިއަރ ލީގުގައި އެކުލަބުން ވަނީ މިހާތަނަށް 2075 ޕޮއިންޓް ހޯދާފައެވެ. ޕްރިމިއަރ ލީގުގައި އެކުލަބުން 1968 ގޯލު ޖަހާފައިވާއިރު، ބައިކޮޅަށް 1146 ގޯލު ވަދެފައިވެއެވެ. ކާމިޔާބު ހޯދުމަށް ލިވަޕޫލުން ކުރި މި ދަތުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާފައި ވަނީ ޓޮޓެންހަމް ހޮޓްސްޕަރ އާ ދެކޮޅަށް ކުޅެގެންނެވެ. ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު 60 މެޗުން އެ ކުލަބުން ވަނީ ޖުމުލަ 108 ޕޮއިންޓު ހޯދާފައެވެ.

މި ތިރީސް އަހަރު ދުވަހުގެ ތެރޭގައި ޕްރިމިއަރ ލީގު ހޯދުމަށް ލިވަޕޫލުން ކުރަމުން އައި މަސައްކަތަށް އެންމެ ގިނައިން ހުރަސްތައް ކުރިމަތިކުރީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި، ޗެލްސީ އަދި އާސެނަލް އެވެ. މި ދަތުރުގައި ލިވަޕޫލް އެންމެ ގިނައިން ބަލިވެފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ. އެ ދެ ކުލަބު މިހާތަނަށް ޖުމުލަ 58 ފަހަރު ވާދަކޮށްފައިވާއިރު، 28 ފަހަރު މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެފައިވެއެވެ. 17 މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، 13 މެޗު ނިމިފައިވަނީ އެއްވަރުވެެގެންނެވެ. ޕްރިމިއަރ ލީގުގެ ތާރީޚުގައި ލިވަޕޫލަށް އެންމެ ޕޮއިންޓެއް ވެސް ހޯދިފައިވާ ނުވާ ހަމައެކަނި ކުލަބަކީ ބްލެކްޕޫލް އެވެ. 2010-2011 ވަނަ ސީޒަނުގައި ބްލެކްޕޫލް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ.

ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށް މިހާތަނަށް ލިވަޕޫލުން ގާތްގަނޑަކަށް 1.47 ބިލިއަން ޕައުންޑް ޚަރަދުކޮށްފައި ވާއިރު، 239 ކުޅުންތެރިޔަކު އެ ކުލަބު ތަމްސީލުކޮށްފައިވެއެވެ. މިހާތަނަށް ތަފާތު 10 ކޯޗެއް އެ ކުލަބަށް އިރުޝާދު ދީފައިވާއިރު، އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު އޮތީ އެ ކުލަބުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ޖާގެން ކްލޮޕް އަތުގައެވެ. ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުނު 65.14 އިންސައްތަ މެޗުން އެ ކުލަބު މޮޅުވެފައިވާއިރު، 60.91 އިންސައްތަ މެޗުން މޮޅުވެގެން އޭނާ އާއި ޖެހިގެން ދެވަނައިގައި އުޅެނީ އެކުލަބުގެ ލެޖެންޑު ކެނީ ޑަލްގްލީޝް އެވެ. ޕްރިމިއަރ ލީގުގެ ތާރީޚުގައި އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑު އޮތީ 128 ގޯލާއެކު، ރޮބީ ފައޮލާ އަތުގައެވެ.

30 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ލިވަޕޫލް އާއި، އެކުލަބުގެ ސަޕޯޓަރުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެފައިވާއިރު، މި ބޮޑު ކާމިޔާބީގެ އަސްލު މޭސްތިރި އަކީ އެކުލަބުގެ ކޯޗު ޖާގެން ކްލޮޕެވެ. 08 އޮކްޓޯބަރު 2015 ވަނަ ދުވަހުގައި އެކަލަބުގެ ކޯޗުކަމާ ހަވާލުވަމުން ކްލޮޕް ބުނެފައި ވަނީ އޭނާގެ އަމާޒަކީ ކޮންމެވެސް އެއް މުބާރާތެއް ލިވަޕޫލަށް ކާމިޔާބުކޮށްދިނުން ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލް މިވަނީ ފީފާ ކުލަބު ވޯލްޑް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަރ ކަޕުގެ އިތުރުން އެ ކުލަބުގެ ތާރީޚުގައި އަލަށް ޕްރިމިއަރ ލީގު ހޯދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.