ތިމާ އެކަމަކަށް އެދި ދަންނަވަމުންދާ ކަމެއް އެހެން މީހަކަށް ލިބޭތަން ފެނުމަކީ، ހިތުގެ އަޑިން ޤަބޫލުކުރަން ދަތި އިޙުސާސްތަކެއް އުފައްދާފާނެ ކަމެކެވެ. ތިމާ އެކަނިވެރިކަމުގައި ހުންނައިރު ރަޙުމަތްތެރިއަކު ކައިވެނިކޮށްފާނެއެވެ. މާލީ ދަތިކަމެއްގައި އުޅެނިކޮށް މީހަކު ގެއެއް ގަނެފާނެއެވެ. ނުވަތަ ތިމާގެ ހިތުގައި ދަރިއަކަށް އެދި އޮތް ބޮޑު ކެކުޅުމެއް އޮއްވައި، އެހެން މީހަކަށް ދަރިއަކު ލިބިގެން އުފާކުރާތަން ފެނިދާނެއެވެ. ނުވަތަ ވަޒީފާގައި ތިމާ ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ކޮން އިރަކުންބާވައޭ ހިތަށްއަރާފައި ހުއްޓައި، އެހެން މީހަކު ވަޒީފާގެ ކުރިއެރުން ފާހަގަކުރާތަން ފެނިދާނެއެވެ.
ތިބާ އެމީހުންނަށް މަރުޙަބާ ކިޔައި، ހިނިތުންވުމާއެކު ހެޔޮއެދުންތައް ފޮނުވަމެވެ. ނަމަވެސް، ހިތުގެ އެންމެ ފުނުގައި ސުވާލެއް އުފެދެއެވެ. “ޔާ ﷲ! އަޅުގަނޑުގެ ފުރުސަތު އަންނާނީ ކޮން އިރަކުންތޯއެވެ؟”
ދެން އުފެދެނީ ކުށްވެރިކަމުގެ އިޙުސާސެވެ. އެހެން މީހެއްގެ އުފަލުގައި ބައިވެރިވާން ދަތިވުމަކީ ހަސަދަވެރިވުން ހެއްޔެވެ؟
އެހެންވުން ލާޒިމެއް ނޫނެވެ. ތިމާގެ އަމިއްލަ ދިރިއުޅުމުގައި އުނިވެފައިވާ ކަންތައްތަކާމެދު ދެރަވާ ހާލު، އެހެން މީހަކަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދެވިދާނެއެވެ. އިންސާނީ އިޙުސާސްތަކަކީ އޮޅުންބޮޅުން ބޮޑު އެއްޗެކެވެ. އަދި އެ އިޙުސާސްތައް ނެތްކަމަށް ހެދުމަށްވުރެ، ތެދުވެރިކަމާއެކު އެކަން ޤަބޫލުކުރުން ސިއްޙަތަށް މާ ފައިދާހުއްޓެވެ.
ނުރައްކާ ފެށެނީ، އެހެން މީހެއްގެ ކުރިއެރުމަކީ ތިމާގެ އަމިއްލަ ނަފްސުގެ އަގު ވަޒަންކުރާ މިންގަނޑަކަށް ހަދާ ހިސާބުންނެވެ.
އަޅާކިޔުމުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލުން
ސޯޝަލް މީޑިއާގެ މި ޒަމާނުގައި، އެންގޭޖްމަންޓްތަކާއި، ކައިވެނިތަކާއި، ވަޒީފާގެ ކުރިއެރުންތަކާއި، އާ ގެދޮރާއި، އަދި އާއިލީ އުފާވެރި މުނާސަބަތުތައް އަބަދުވެސް ފެންނަން ހުރެއެވެ. މީގެ ސަބަބުން، އެންމެން ކުރިއަށްދާއިރު ތިމާގެ ދިރިއުޅުން އެއްތަނެއްގައި މަޑުޖެހިފައިވާކަމަށް ޤަބޫލުކުރަން ފަސޭހަވެއެވެ.
އެހެން މީހެއްގެ ކައިވެނީގެ ސަބަބުން ތިމާގެ އެކަނިވެރިކަމާމެދު ސުވާލު އުފެދެއެވެ. އެމީހުންގެ ކާމިޔާބީގެ ސަބަބުން ތިމާގެ އަމިއްލަ ޤާބިލިއްޔަތާމެދު ޝައްކު އުފެދެއެވެ. އެމީހުންގެ އުފާވެރިކަމުގެ ސަބަބުން ތިމާއަށް ލިބެން އޮތް ފުރުޞަތު ގެއްލިއްޖެ ކަމަށް ހީކުރެވެއެވެ.
ނަމަވެސް ދިރިއުޅުމަކީ އެންމެން އެއް ތާވަލަކަށް ދުވާ ރޭހެއް ނޫނެވެ. ކައިވެންޏާއި، މައިވަންތަކަމާއި، މާލީ ފުދުންތެރިކަމާއި، ޝިފާ ލިބުމާއި، އަދި ވަޒީފާގެ ކާމިޔާބީއަކީ އެންމެންނަށް އެއްވަގުތެއްގައި ލިބޭނެ ކަންކަމެއް ނޫނެވެ. މުޖުތަމަޢު އުންމީދުކުރާ ވަގުތަށް ކަންކަން ފުރިހަމަނުވުމަކީ ތިބާ ނާކާމިޔާބުވުމެއް ނޫނެވެ.
ތިބާގެ ދިރިއުޅުމަކީ މާނަވީ އެއްޗަކަށް ވުމަށްޓަކައި، އެއީ އެހެން މީހެއްގެ ދިރިއުޅުމާ އެއްގޮތް އެއްޗަކަށް ވާކަށް ނުޖެހެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ، އަލް-ރައްޒާޤު ހަނދުމަކުރާށެވެ.
މުސްލިމުންގެ ހައިސިއްޔަތުން، އެހެން މީހުންނާ އަޅާކިޔުމުގެ ޚިޔާލުތައް އަންނަ ހިނދު، ﷲ ތަޢާލާގެ ރީތި ނަންފުޅުތަކުގެ ތެރެއިން “އަލް-ރައްޒާޤު” (ރިޒުޤު ދެއްވާ ރަސްކަލާނގެ) ހަނދުމަކުރުމަކީ ވަރުގަދަ ތަސައްލީއެއް ލިބޭނެ ކަމެކެވެ.
ޤުރުއާނުގައިވަނީ، “ހަމަކަށަވަރުން، ﷲ އީ، ރިޒުޤު ދެއްވާ ރަސްކަލާނގެއެވެ. ބާރުވެރިކަމުގެ ވެރި، ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.” ސޫރަތުއް ޛާރިޔާތު (51:58).
އެހެން މީހަކަށް ލިބޭ ނިޢުމަތަކީ ﷲ ތިބާގެ މަތިން ހަނދުމަނެތްކަމުގެ ހެއްކެއް ނޫނެވެ. އެހެން މީހަކު ކައިވެނިކުރުމަކީ ތިބާއަށް ލޯބި ލިބުމުގެ އުންމީދު ކެނޑުމެއް ނޫނެވެ. އަދި އެހެން މީހެއްގެ ކާމިޔާބީއަކީ ތިބާގެ ފުރުޞަތުތައް ބަންދުވުމެއް ވެސް ނޫނެވެ.
ރިޒުޤަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ، ނުވަތަ ފާޅުގައި އިޢުލާންކޮށް އުފާ ފާޅުކުރާ ކަންކަމަށް ނިސްބަތްވާ އެއްޗެއް ނޫނެވެ. އޭގެ ތެރޭގައި ޞިއްޙަތާއި، ހިތުގެ ހަމަޖެހުމާއި، ހެޔޮލަފާ ގުޅުންތަކާއި، ޢިލްމާއި، ގެއްލުންތަކުން ރައްކާތެރިވުމާއި، އަދި ދަތި އުނދަގޫ ތަޖުރިބާތަކަށްފަހު އަލުން ތެދުވުމުގެ ހިތްވަރު ހިމެނެއެވެ.
ޝުކުރުވެރިވުމަކީ ދެރަވާކަން ފޮރުވުމެއް ނޫނެވެ. ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކުރާ ހާލު، ތިމާގެ ހިތް އެދޭ ކަންކަމަށް އެދި ދުޢާކުރުންމަތީ ދެމިހުރެވިދާނެއެވެ.
ﷲ އަށް ވަކީލުކުރުމަކީ ކޮންމެ އެދުމެއް ތިމާ ބޭނުންވާ ގޮތަށް ނުވަތަ ބޭނުންވާ ވަގުތަށް ފުރިހަމަވާނެ ކަމުގެ ޔަޤީންކަމެއް ނޫނެވެ. “ތަވައްކުލް” އަކީ ﷲ އަށް އިތުބާރުކުރާ ހާލު، ހެޔޮ ކަންކަމަށް އެދި ދުޢާކުރުމާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިހުރުމެވެ.
އެމީހުންގެ އުފަލުގައި ބައިވެރިވާ ހާލު، އަމިއްލަ ނަފްސަށްޓަކައި ދެރަވެވިދާނެއެވެ.
ތިމާގެ ގާތުގައި ބައިވެރިއަކު ހުރިނަމައޭ ހިތަށްއަރާ ހާލު، ރަޙުމަތްތެރިއަކަށް ލޯބިވެރިއަކު ލިބުމުން އެކަމާ އުފާކުރެވިދާނެއެވެ. ތިމާގެ އަމިއްލަ ޙާލަތާމެދު މާޔޫސްވެފައި ހުރެމެ، އެހެން މީހެއްގެ ކާމިޔާބީ ފާހަގަކުރެވިދާނެއެވެ.
މި ދެ އިޙުސާސަކީ އެކުއެކީގައި އުޅެވިދާނެ ދެ އިޙުސާސެވެ.
އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ ބަދަލުގައި، އެ އިޙުސާސްތަކުން ބުނެދެނީ ކޮން އެއްޗެއްތޯ ބަލާށެވެ. ތިބާއީ އެކަނިވެރިއެއް ހެއްޔެވެ؟ އިންތިޒާރުކޮށްގެން ވަރުބަލިވެފައި ހުރީ ހެއްޔެވެ؟ ވަކި އުންމީދެއް ޙާޞިލުނުވެ އުމުރު ދާތީ ބިރުގަންނަނީ ހެއްޔެވެ؟ ނުވަތަ މުޖުތަމަޢުގެ އުންމީދުތަކުގެ ސަބަބުން ދަތިވަނީ ހެއްޔެވެ؟
ސޯޝަލް މީޑިއާގެ ސަބަބުން ތަކުރާރުކޮށް ތިމާގެ ހިތަށް ތަދުވާނަމަ، އެއިން ދުރުވުމަކީ ހިތުގެ ހަމަޖެހުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އެހެން މީހުންނަށް ހެޔޮ ދުޢާކޮށް، ތިމާގެ ހިތަށް ހިތްވަރު ދެއްވުމަށް އެދި ﷲ އަށް ދެންނެވިދާނެއެވެ.
ތިމާގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެހެން މީހަކަށް ދެރައެއް އެދުމެއް ނޫނެވެ.
ތިބާގެ ދިރިއުޅުން މަޑުޖެހިފައެއް ނުވެއެވެ.
މުޖުތަމަޢުން ކާމިޔާބީ މިނަނީ ކައިވެންޏާއި، ދަރިންނާއި، މުއްސަނދިކަމާއި، މުދަލާއި، އަދި ވަޒީފާގެ މަޤާމުތަކުންނެވެ. ނަމަވެސް ދިރިއުޅުމުގެ އެންމެ މާނަވީ ކާމިޔާބީތަކަކީ ލޮލަށް ނުފެންނަ ކަންކަމެވެ.
އޭގެ ތެރޭގައި ހިތްދަތިކަމުން އަރައިގަތުމާއި، ގެއްލުންދެނިވި ޙާލަތްތަކުން ދުރުވުމާއި، ލޯބިވާ މީހުންނަށް އޯގާތެރިވުމާއި، މާލީ ދަތިތަކުން އަރައިގަތުމާއި، އެހީތެރިކަމަށް އެދުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އަލުން ބިނާކުރުމާއި، އަދި އަލުން ފެށުމުގެ ހިތްވަރު ހޯދުން ހިމެނެއެވެ.
ތިބާގެ އަގު ވަޒަންކުރެވެނީ ތިބާގެ ކައިވެނީގެ ޙާލަތަކުން، ނުވަތަ ތިބާގެ މިލްކިއްޔާތުގައި ހުރި ތަކެއްޗަކުން، ނުވަތަ ހާސިލުކުރި ކާމިޔާބީތަކަކުން، ނުވަތަ ވަކި އުމުރެއްގައި ވަކި ލަނޑުދަނޑިތަކަކަށް ވާސިލުވުމަކުން ނޫނެވެ.
އެހެން މީހަކު އުފާ ފާޅުކުރަމުންދާ ވަގުތަކީ ތިބާގެ ޒަޚަމްތަކަށް ފަރުވާ ހޯދާ ވަގުތު ކަމުގައި ވެދާނެއެވެ. އެހެން މީހަކު އާ ކަމެއް ފަށާއިރު، ތިބާ ހުރީ ކުރީގެ ކަމެއް އަލުން ބިނާކުރުމުގެ މަސައްކަތުގައި ކަމަށް ވެދާނެއެވެ. ދިރިއުޅުމުގެ އެކި މަރުޙަލާތައް ތަފާތުވުމަކީ، އެއް ދިރިއުޅުން އަނެއް ދިރިއުޅުމަށްވުރެ އަގުބޮޑުވާންޖެހޭ ސަބަބެއް ނޫނެވެ.
ދުޢާކުރުންމަތީ ދެމިހުންނާށެވެ. ތިބާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މާނަވީ ފިޔަވަޅުތައް އަޅަމުން ގެންދާށެވެ. ނުވެފައި ހުރި ކަންތައްތަކާމެދު ހިތާމަކުރުމުގެ ފުރުޞަތު އަމިއްލަ ނަފްސަށް ދޭށެވެ. ނަމަވެސް، މިހާތަނަށް ކުރިމަތިވި މާޔޫސްކަމުގެ ސަބަބުން ތިބާގެ މުސްތަޤުބަލު ނިމިއްޖެ ކަމަށް ނިންމައިގެން ނުވާނެއެވެ.
ކުރިއަށް އޮތީ ކޮން ކަންތައްތަކެއް ކަމެއް ތިބާއަކަށް ނޭނގެއެވެ. އެއީ ފުރިހަމަ ދިރިއުޅުމެއް އުޅޭހެން ހީވާ މީހާގެ ދިރިއުޅުމުގެ ފަހަތުގައިވާ އަމިއްލަ އުނދަގޫތައް ތިބާއަށް ނޭނގޭ ފަދައިންނެވެ.
ދެން ފަހަރަކުން، ތިބާ އެދިއެދި ހުރި ކަމެއް އެހެން މީހަކަށް ލިބޭތަން ފެނުމުން، އެއީ ދުނިޔޭގައި ހެޔޮކަން އޮތްކަމުގެ ހަނދާންކޮށްދިނުމެއް ކަމުގައި ދެކޭށެވެ. އެއީ ތިބާއަށް އޮތް ހެޔޮކަން ބަންދުވީ ކަމަށް ނުދެކޭށެވެ.
ކުރެވެން އޮތް މިންވަރަކުން އެމީހުންނަށް މަރުޙަބާ ކިޔާށެވެ. ހިތަށް ބަރުވާ ވަގުތުތަކުގައި އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ. އަދި އެހެން މީހެއްގެ ތާވަލަކީ ތިމާގެ ކާމިޔާބީ މިނާ މިންގަނޑެއް ކަމުގައި ނުހަދައި، ﷲ އަށް އިތުބާރުކުރުންމަތީ ދެމިހުންނާށެވެ.
އަޅަމެންގެ ހިތްތަކަކީ، އަމިއްލަ ނަފްސުގެ އުންމީދުތައް ގެއްލުވައިނުލައި، އެހެން މީހުންނަށް ލިބޭ ނިޢުމަތްތަކަށް އުފާކުރާ ހިތްތަކެއް ކަމުގައި ލައްވާށިއެވެ. އަދި ނޭނގުމުގެ ތެރޭގައި އުޅޭއިރު ކެތްތެރިކަން ދެއްވައި، އިންތިޒާރުގެ ވަގުތުތަކުގައި ހިތްހަމަޖެހުން ދެއްވާށިއެވެ.
އެހެން މީހުންނަށް ލިބޭ ނިޢުމަތަކީ ތިބާއަށް ލިބޭ އުނިކަމެއް ނޫނެވެ. ތިބާ ކުރާ އިންތިޒާރަކީ ތިބާގެ ނާކާމިޔާބީއެއް ނޫނެވެ. އަދި ތިބާގެ ދިރިއުޅުމަކީ މަޑުޖެހިފައިވާ އެއްޗެއް ވެސް ނޫނެވެ.
