މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މުއްދަތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިތުރުކޮށްފިއެވެ.

އެ ޑިޕާޓްމަންޓުން 04 އޭޕްރިލް 2020 ވަނަ ދުވަހު މިކަމާއި ގުޅިގެން ފުރަތަމަ ނެރުނު އިޢުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ މި ދަނޑިވަޅުގައި އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ވަނީ މެދުކަނޑާލެވިފައިކަމަށާއި އަދި އައިޑީ ކާޑު ނެތުމުން، އައިޑީ ކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ އެ އޮފީހަށް ލިބެމުންދާކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުގައި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމުގެ ގޮތުން އަލަށް އުފަންވާ ކުއްޖެއްނަމަ ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 01 ޖެނުއަރީ 2020 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދެއްވުމަށް އެ ޑިޕާޓްމަންޓުން  ނިންމަވާފައިވާކަމުގައެވެ. އަދި 30 ޖޫން 2020 ގެ ނިޔަލަށް މިގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިޔުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ޑިޕާޓްމަންޓުން ކުރި އިޢުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވޭތޯ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދާތީ އެ އޮފީހުން މިގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވާ މުއްދަތު އިތުރުކުރާ ކަމުގައެވެ. މިގޮތުން މިހާރު މި މުއްދަތު 31 ޖުލައި 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.