ހެންވޭރު ކާނިވާ ސަރަހައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށްޓަކައި އެ ސަރަހައްދުގައި މިހާރު ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް އޭގެ ވެރިފަރާތުން ނެގުމަށް މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން އަންގައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުގެ އިދާރާއިން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ ވެހިކަލްތައް އެޒޯނުން ނެގުމަށް އަންގަން ޖެހުނީ، ހެންވޭރު ކާނިވާ ސަރަހައްދުގެ ޕާރކިންގ ޒޯނުން ޖާގައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު ހޮވުނު ފަރާތްތަކަށް ޕާރކިންގ ޖާގަ ހަވާލު ކުރުމަށްޓަކައި ކަމުގައެވެ.

އިތުރަށް ބުނެފައިވަނީ މިހާރު އެ ތަނުގައި ޕާކުކޮށްފައިހުރި 4 ފުރޮޅުލީ އުޅަންދުތައް ބަހައްޓާފައިވާ ފަރާތްތަކުން، 7 ޖުލައި 2020 ވާ (އަންގާރަ) ދުވަހުގެ އިރުއޮއްސި 6:00ގެ ކުރިން މިއުޅަނދުތައް ނަގައި މިސަރަޙައްދު ހުސްކޮށްދެއްވުން އެދޭކަމުގައެވެ. އަދި މިތާރީޚުގެ ނިޔަލަށް އެޒޯނުން ނުނަގާ ހުރި ވެހިކަލްތައް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެތަނުން ޓޯކޮށްގެން ގެންދެވޭނެ ކަމަށާއި މި ވެހިކަލްތައް ނެގުމުގައި ދިމާވެދާނެ ގެއްލުމަކަށް އެ ކައުންސިލުން ޒިންމާނުވާނެ ކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.