އިންޑިޔާ ގެ ރަށްފުށުގެ އަވަށްތަކާއި އެހައި ތަހުޒީބު ނޫން ސިޓީތަކުގެ މަގުތައް އޮންނަ ގޮތް އަހަރުމެން އެންމެންނަށްވެސް އެނގޭނެ އެވެ. ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި ނުވަތަ ވިއްސާރަ މޫސުމަށް ފަހުގައި އޮންނަ ގޮތެވެ. އެތަކެއް ސަތޭކަ ގަޑިއިރާއި، އިންސާނީ ވަޞީލަތްތައް ބޭނުންކޮށްގެން އަހަރީ ބަޖެޓްގައި ހިމެނޭ އެތަކެއް ފައިސާ އެއް ހޭދަކޮށްގެން މަގުމަތީގައި ހެދޭ ވަޅުގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް އަބަދުވެސް އަންނަނީ ކުރެވެމުންނެވެ. ތާއަބަދު ތަކުރާރުވަމުންދާ މި ހާލަތު ބަދަލުކުރުމަށްޓަކައި ކެނެޑާގައި ދިރިއުޅޭ އިންޑިޔާ ގެ ޕްރޮފެސަރެއް މިވަނީ އަމިއްލައަށް މަރާމާތު ވާ ގޮތަށް މަގު ހަދާނެގޮތެއް އީޖާދުކޮށްފަ އެވެ. އާނއެކެވެ. ޑޮކްޓަރ ނެމްކުމާރް ބަންތިޔާ އާއި އޭނާގެ ބައިވެރިން ވަނީ ކާމިޔާބުކަމާއި އެކު މި ޓެކޮނޮލޮޖީ ޓެސްޓް ކޮށްފަ އެވެ. އެކަމަށްޓަކައި އެމީހުންވަނީ އަމިއްލަ އަށް މަރާމާތުވާ މަގެއް އިންޑިޔާގައި ހަދާފަ އެވެ.

ޕްރޮފެސަރ ބަންތިޔާ އަދި އޭނާ ހަދާފައިވާ އަމިއްލައަށް މަރާމާތުވާ މަގު

އިންޑިޔާގެ ނާގުޕޫރަށް އުފަންވެ އެތަނުގައި އުޅެބޮޑުވި ބަންތިޔާ މަސައްކަތް ކުރަމުން އަންނަނީ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިޔާ ގެ ޑިޕާޓްމަންޓް އޮފް ސިވިލް އިންޖިނިއަރިންގ ގައެވެ. 2006 ވަނަ އަހަރުން ފެށިގެން ބަންތިޔާ އަންނަނީ ‘ފައިބަރ ރިއެންފޯސްޑް ޕޮލިމަރ’ ބޭނުންކޮށްގެން މަގުތައް މަރާމާތުކުރާ ގޮތާއި މަގުތަކުގެ ވަރުގަދަ ކަން ބަލައި ދިރާސާތައް ކުރުމުންނެވެ. ދިގުދެމިގެން ދިޔަ ބޮޑު ދިރާސާ އަކަށް ފަހު، އޭނާ ވަނީ އަމިއްލަ އަށް މަަރާމާތުވާ ގޮތަށް، އެކަށޭނަ އަގެއް ހިމެނޭ، ދިގުމުއްދަތަކަށް ހަލާކުނުވެ އޮންނަ އަދި ދެމެހެއްޓެނިވި ގޮތެއްގައި މަގުތައް ބޭއްވޭ ޓެކްނޮލޮޖީ އެއް ތަރައްޤީ ކޮށްފަ އެވެ.

 

2014 ވަނަ އަހަރު، ޕްރޮފެސަރ ބަންތިޔާ ނިންމީ ދުނިޔޭގައި ވާ އަމިއްލަ ޒާތުގައި މަރާމާތު ވާ ފުރަތަމަ މަގު އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓް ގެ ތޮންޑެބާވީީ އަވަށުގައި ހެދުމަށެވެ. މި ޕްރޮޖެކްޓް ނިމިފައިވަނީ މިދިޔަ އަހަރު ގެ ފިނިމޫސުމުގަ އެވެ. މި މަގު ވަނީ އިންޑިޔާ އަށް އަންނަ ހޫނު މޫސުމާއި ވިއްސާރަ މޫސުމުގައިވެސް އެއްވެސް ގެއްލުމެއް ނެތި ދެމިއޮވެފަ އެވެ. އެހެންކަމުން އެ މަގަކީ މި ދާއިރާގައި ހޯދާފައިވާ ބޮޑު ކާމިޔާބީ އެއް ކަމަށް ވަނީ ބެލެވިފަ އެވެ.

 

“މި މަގު ހަލާކު ނުވެ އޮންނާނެ 15 އަހަރުވާންދެން. މިއީ އިންޑިޔާގެ މަގުތަކުގެ އުމުރަށް ބަލާއިރު މަގެއްގެ އެވަރެޖް އުމުރަށްވުރެންވެސް ބޮޑުވަރެއް. އަދި ފުރަތަމަ ފަހަރު ކޮށްލާ ޚަރަދަށް ބަލާއިރު މިއީ އާއްމުކޮށް މަގު ހަދާ ގޮތާއި އަޅައި ބަލާނަމަ 30 އިންސައްތަ ޚަރަދުކުޑަ ގޮތެއް.” ޕްރޮފެސަރ ބަންތިޔާ އުފެއްދި މަގާއި މެދު އޭނާ ބުނެފައި ވެއެވެ.

ޕްރޮފެސަރ ބަންތިޔާ ގެ ޓެކްނޮލޮޖީގައި ހަދާފައިވާ މަގު

މި މަގު އިމާރާތްކުރުމުގައިި ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން މަގު ހެދުމުގައި ޖައްވަށް ބޭރުވާ ފެހިގޭގެ އަސަރު އެކުލެވޭ ގޭސް ބޭރުކުރާ މިންވަރުވެސް އެތައް ތަނެއް ކުޑަކޮށްދެ އެވެ. ސިމެންތީގެ ޚަރަދުވެސް 60 އިންސައްތަ އަށް ކުޑަކޮށްދެ އެވެ. ޕްރޮފެސަރ ބަންތިޔާ ގެ ޓެކްނޮލޮޖީގައި ބޭނުންކުރަނީ ‘ހައިޑްރޯ ފިލިކް ނެނޯ-ކޯޓިންގ ‘ އެއް އެކުލެވޭ ފައިބަރ އެކެވެ. މި ފައިބަރ އަކީ އެއަށް ފެން ދަމައިގަންނަ ފައިބަރ އެކެވެ. އެގޮތަށް ދަމައިގަންނަ ފެނުގެ ސަބަބުން މަގުގައި އުފެދޭ ރެނދުތައް މަރާމާތު ކޮށްދެ އެވެ.

 

މީގެ މަގެއްގައި ފަތުރާފައިވާ ތަކެތީގެ ބޯމިނަކީ 100 މިލިމީޓަރެވެ. މިއީ އާއްމުކޮށް އިންޑިޔާގައި ހަދާފައިވާ މަގުތަކުގެ ބޯމިނުގެ 60 އިންސައްތަ ކުޑަ މިންވަރެކެވެ. މިކަމުގެ ސަބަބުން މަގު ހެދުމަށް ބޭނުންވާ ތަކެއްޗާއި ޚަރަދު ކުޑަކޮށްދެ އެވެ. އިންޑިޔާގެ ރަށްފުށުގެ ސަރަހައްދު ތަކުގައި 2.4 މިލިޔަން ކިލޯ މީޓަރުގެ މަގު ހަދާން ވަނީ ޖެހިފައެވެ. އެހެންކަމުން ޕްރޮފެސަރު ބަންތިޔާ ގެ މި އީޖާދަކީ އިންޑިޔާ އަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ އީޖާދެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.