ކޮވިޑް-19 އާއި މެދު ހޭޅުންތެރިކުރުވުމަށް މުހިންމު މެސެޖުތަކެއް ހިމެނޭގޮތަށް މުޙައްްމަދު ޢަބްދުﷲ (މުހައްމާ)ގެ ދެކެކެވެސް ޕްރޮޑަކްޝަނުން އުފެއްދި ޑްރާމާ ސީރީޒް “ފުރަބަންދު”ގެ ފުރަތަމަ އެޕިސޯޑާއެކު ބެލުންތެރިންގެ ޝައުޤުވެރިކަން އިތުރުވެއްޖެއެވެ.
އައިސްޓީވީން މިމަހު 03ވަނަ ދުވަހުގެ ރޭ ދައްކަން ފެށި “ފުރަބަންދު” ފެށިގެން އައީ މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމުގެ ކުރިން މާލޭގައި ދިރިއުޅެމުން ދިޔަ ލ. ގަމު އާއިލާއެއް ދިރިއުޅެމުން އައިގޮތް ދައްކައިދެމުންނެވެ. އެ އާއިލާގެ މީހުން ކޮވިޑާއިމެދު ހުރި ކަންބޮޑުވުންތައް ދައްކަމުންނެވެ. އާއިލާގެ އެންމެ އިސް މީހާ (ޢަލީ ސީޒަން) އާއި އޭނާގެ ދަރިފުޅު އެމީހުންގެ ރަށަށް ޗުއްޓީ ހޭދަކޮށްލަން ދެއެވެ.
ގޭގައި ހުރި ހަމައެކަނި ފިރިހެންމީހާ (ސީޒަން) ރަށުން ބޭރަށް ދާ ވަގުތާ ދިމާކޮށް، މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުކަން އެނގުމުން ސީޒަންގެ އަންހެނުން ނާޝިދާ މުޙައްމަދު (ނާއްކޮ)ގެ ކަންބޮޑުވުން އިހުނަށް ވުރެން އިތުރުވެއެވެ. ނާއްކޮގެ އެކަނިވެރިކަން ފިލުވައިދީ އެހީއެއްވުމަށް ހުރީ އަންހެން ކޮއްކޮ ވާޝިޔާ (ޝިޔާ) އެވެ.
އައިސްޓީވީން ކޮންމެ ހުކުރު ދުވަހެއްގެ ރޭ 2100 ގައި ދައްކާ “ފުރަބަންދު” ސީރީޒްއަކީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޢަލީ ސީޒަން ޑައިރެކްޓްކޮށް ލީޑްކުޅޭ ފަސް އެޕިސޯޑްގެ ސީރީޒެކެވެ.
https://www.facebook.com/icetv100/videos/545213492815821/?v=545213492815821&external_log_id=c8686b8deb697bb2dc0d1a9a2e9e8100&q=ice%20tv
މުހައްމާގެ ކޮންސެޕްޓަކަށް އުފައްދާފައިވާ ”ފުރަބަންދުު“ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ބައިސްކޯފުން ގެނެސްދިން ސިލްސިލާ ”ހަނާ“ގެ ސްކްރީންޕްލޭ ލިޔުނު އާމިނަތު ރިނާޒާ އެވެ. މީގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރީ އަލީ ރަޝީދު (ގޮޅާއައްޔަ) އެވެ. ކެމެރާކުރީ ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ.
”ފުރަބަންދު“ގައި ދައްކައިދޭނީ ކޮވިޑް-19އާ އެކު ކުރިމަތިވި ފުރަބަންދުގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެކެވެ.
