ގުދުރަތީގޮތުން ރަށްތައް ލައްވަވާފައި ވަނީ ފުރިހަމަވެގެންވާ ނިޡާމެއްގެ ތެރެއިންނެވެ. ރަށާއި ރަށުގައި ހެދިފަވާ ގަސްތަކާއި ރަށުގެ ވަށައިގެންވާ ހޭޅިޔާއި އެ ހޭޅިފަށުގައިވާ ގަސްތަކުން ހިފެހެއްޓިފައިވާ ޗާލު ދޮންވެލިގަނޑެވެ. އެދޮންވެލިގަނޑުގެ މޫދާހިސާބުން އެވާ ރީތި އަކިރިވެލިގަނޑެވެ. ރަށަށް ޖަހަމުންދާ ރާޅުތައް ހިފަހައްޓަމުންދާ ރީތިރީތި މުރަކަތަކާ ހެދިބޮޑުވަމުންދާ ގާތަކެވެ. ފުއްޓަރުންނަގާ ބިޔަ ރާޅުތައް ހިފަހައްޓަމުންދާ މަށޮޅައިގެ ތޮއްޓެވެ. މިހުރިހާކަމެއް އެކުވެގެން ރަށް އުފެދި ހެދެމުން ދަނީ ކަނޑުން ލައްގާ ވެލިގަނޑު ރަށްވަށާ ދައުރުވާ ނިޡާމެއްގެ ތެރެއިންނެވެ. އަހަރެމެން ކިޔަމު ނޫންހެއްޔެވެ. “އެއްތުނޑި ގިރަންޏާ އަނެއްތުނޑި ވޮޑޭނެއެވެ”. މިހެން ދިމާވަނީ ރަށްވަށާ ވެލިގަނޑު އެނބުރޭތީއެވެ.

އަހަރެމެން އިންސާނުން ދިރިއުޅުމުގެ ކަންކަން ފުއްދުމަށްޓަކައި މިނާޒުކު ނިޡާމުގެ ބޭނުން ހިފަމުއެވެ. ގެދޮރު އިމާރާތްކުރުމާއި ޒީންތްތެރި ކުރުމަށެވެ. ކެއިންބުއިމަށާ ހިތްހަމަޖައްސާލުމަށެވެ. ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުން އަންނަ މިފަދަ ކަންކަމުން މިއަދު އަހަރެމެން ދުރުވާން އެބަޖެހެއެވެ. ތިމާވެއްޓާއި ރަށްޓެހި، ވާނުވާ އެނގޭ ބަޔަކަށްވާން އެބަޖެހެއެވެ. އަތިރިމައްޗަށް ދާ ކޮންމެފަހަރަކު ނޫނީ ތެލިދޮވެލަން އެރިފައި އެއްގަމަށް އަރަމުން ތެލީގެ ފުރެންދެން އަކިރި ހިފައިގެން ގެއަށްދާ ޒަމާން ހިނގައްޖެއެވެ. މިގޮތަށް ނެގޭ ވެލި ނޫނީ އަކިރި އަހަރު ދުވަހުން އެނެގެނީ ކިހާ އަކިރިއެއްކަން އެނގޭހެއްޔެވެ. އެއީ 365 ބާލިދީއެވެ. މިޒަމާނަށް ބަލާއިރު ދުވާލެއްގެ މައްޗަށް ހައެއް ނުވަތަ ޢަށެއް ގޯނި އަކިރިވެލި އެބަނެގެއެވެ. އެއީ އަހަރަކު 2190 އާއި 2920 ދެމެދުގެ އަދަދެއްގެ އަކިރި ގޯންޏެވެ. މީ އެންމެ ފަރުދެއްގެ މައްޗައް ބަލާނަމަ ވާވަރެވެ.

ދެން ބަލަންވީ ކަނޑުން އުފެދިގެން އަހަރެއްގެ މައްޗައް ރަށަށް ލައްގަނީ ކިހާ އަކިރި ވެއްޔެއްތޯއެވެ. ކަނޑުގައި ދިރިއުޅޭ މަސްތަކާ އެހެނިހެން ދިރޭ ތަކެތި މުރަކަ ކެއުމާއި ބިމުގައި ހޮރު ކޮނުމުގެ ސަބަބުން އުފެދޭ ވެއްލި، ކަނޑުގެ ބާނިތަކުން އުފައްދާ ރާޅާއެކު މިވެލިތަކުން ބައެއް ރަށަށް ލައްގައެވެ. މިހެން އުފެދިގެން ރަށަށް ލައްގާ ވެލިކޮޅުވެސް ރަށާހަމައަށް އަންނަނީ ފުރޭނެމުން ބާކީވަމުން އަންނަ މަދު އެތިކޮޅެކެވެ. މިގޮތުން ގިނަދުވަސްދުވަހު ރަށާ ހަމަޔަށް ގޯންޏެއްގެ ވެލިވެސް ނާދެއެވެ. އަހަރެމެންނަށް މިފެންނަނީ ކުއްލިއަކަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގޮނޑުދޮށަށް ވެލިގިނަވެ ވެލިގަނޑު ބޮޑުވާތަނެވެ. ރަށަށް ވެލި ލެއްގުމުގައި ގިނަ މަރުހަލާތަކެއް ކަޑައްތުކުރެއެވެ. ކަނޑުން އަރާ ވެލި މެދުފަޅުގައި ޖަމާވެފައި ކިތަންމެ ދުވަހަކުވެސް ހުރެދާނެއެވެ. ގިނަފަހަރަށް އުދަބޮޑުވެ އޮއެވަރު ހިނގަން ފެށުމުން މިހެން ހުންނަ ވެލިތައް ކުޑަ ދުވަސްކޮޅެއްގައި ރަށަށް ލައްގައެވެ.

ދުވާލެއްގެ މައްޗައް އާދައިގެ ގޯންޏެއްގެ ވެލި ރަށަށް ނުލައްގާއިރު، ރަށު ގޮނޑުދޮށުން 8 ގޯނި ވެލި ނަގާނަމަ ދެންވާނީ ކިހިނެއްތޯއެވެ. މީކީ ވަރުވަރުން މީހުން އައިސް ކޮންމެދުވަހަކު ކިޔައިނުދިނަކަސް އެނގެން ވާނެ ކަންކަމެވެ. އަހަރެމެންނަށް ލިބޭ އާމްދަނީއަށް ވުރެން ޚަރަދުބޮޑުވީމާ ވަނީ ކީއްހެއްޔެވެ. ރަށައްވެސް ވާނީހަމަ މިހެންނެވެ. ވެލީގެ މުއްސަނދިކަން ގެއްލި ރަށް ގިރުން އިތުރުވާނެއެވެެ. ރަށަށް އުދައެރުން އިތުރުވާނެއެވެ. ވިސްނާލާށެވެ. އަމިއްލައަތުން ތިޔަހަލާކުކޮށްލެވެނީ ތިމާ ނިދާ ތަންމައްޗެވެ. ހެޔޮނުވާނެއެވެ. ރަށަށް ތިހެން ނުހަދާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.