ކޮވިޑް-19 އާއި މެދު ހޭލުންތެރިކުރުވުމަށް މުހިންމު މެސެޖުތަކެއް ހިމެނޭގޮތަށް އުފައްދާފައިވާ ”ފުރަބަންދު“ގެ ދެ އެޕިސޯޑް އައިސްޓީވީން މިހާތަނަށް ދައްކާފައިވާއިރު، ސީރީޒްގެ ލީޑުން ފެނިގެންދާ ހުނަރުވެރި އެކްޓްރެސް ނާޝިދާ މުޙައްމަދު (ނާއްކޮ)ގެ އެކްޓިން އަކީ ފާހަގަކޮށްލެވޭ އެކްޓިން އެކެވެ.

ފުރަބަންދުގެ ދުވަސްވަރު ފިލްމީ ފަންނާނުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ކުރާނެ މަސައްކަތެއް ނެތި، ގޮތް ހުސްވެފައިކަން ފާހަގަކޮށްލެވެއެވެ. މިފަދަ ދަނޑިވަޅެއްގައި “ފުރަބަންދު” ސީރީޒްގެ ލީޑް ކުޅެން ނާއްކޮއަށް ލިބިގެން ދިއުންވީ ކޮވިޑް-19ގެ ފުރަބަންދުގެ ދަތި ހާލަތުގައި އާއިލާއެއްގައި ހުރި އަންހެނަކު ބަރުދާސްތުކުރާ ކަންތައްތަކެއް ދައްކައިލަން ލިބުނު ފަހި ފުރުޞަތަކަށެވެ.

‘ދެކެދެކެވެސް ޕްރޮޑަކްޝަން’ގެ ޑްރާމާ ސީރީޒް “ފުރަބަންދު” ޑައިރެކްޓްކޮށް ފިރިހެން ލީޑް ކުޅެނީ ޢަލީ ސީޒަން އެވެ.

މުނިއަވަސްގެ ފަރާތުން ނާއްކޮ އާއި ބައްދަލުކޮށްލައި، “ފުރަބަންދު”ގެ ވާހަކަތައް ދައްކައިލީމެވެ.

ނާއްކޮ އާ މުނިއަވަސް އިން މިހެން ބައްދަލުވާ ފުރަތަމަ ފަހަރަށް ވުމުން، ކިޔުންތެރިންނާ ހިއްސާކޮށްލަދީފާނަންތަ މި ދާއިރާއާއި ގުޅުނީ ކޮން ދުވަސްވަރެއްގައި އަދި ކިހިނެއްކަން؟

ވަރަށް ކުރިން އެއީ. ކޮރޯނާ އާޓްސްގެ އެންމެ އިސްވެރިޔާ ކުޅުދުއްފުށްޓަށް ކޮންމެވެސް ޖަލްސާއަކަށް ވަޑައިގެން އުޅުއްވި އިރު، އޭރު އަޅުގަނޑުމެން ރަށުގަ ސްޓޭޖް ނަށާ އުޅުނިން. ދެން އެތަނުން ފެނިގެން އެދުނު އެދުމަށް ދާއިރާއަށް ނުކުތީ. އޭގެ ކުރިންވެސް ލިބުނު އޮފާރ.

މިއީ ސީރީޒް އަދި ފިލްމުތަކަށް ބަލާއިރުގަ، ނާއްކޮ ލީޑް ކުޅޭ ފުރަތަމަ ޕްރޮޑަކްޝަންތަ؟

ބައިވަރު އެއްޗެހީގަ ލީޑް ކުޅެފަ ހުންނާނެ. އެހެން ހަމަ ސީދާ ކިތައް އެތީގަ ކަމެއް ބުނާކަށް ނޭނގޭ. އެކަމަކު މި ފަހަކަށް އައިސް ލީޑް އަސްލު ނުކުޅެވޭ. އެ ވާގޮތަކީ ދަރިއަކު ލިބުމަށް ފަހު ރަށުން ބޭރަށް ދާން އުނދަގޫވީމަ މާލެ، ހުޅުމާލެ އަދި ވިލިނގިލީގަ ޝޫޓްކުރާ އެއްޗެއް ވެއްޖެއްޔާ އޯކޭއޭ ބުނަން. ދެން ގިނަ މީހުން ވާއެއްޗަކީ ފައިވް އެޕިސޯޑްސް ނުވަތަ ތަންކޮޅެއް ބޮޑު ފިލްމެއް ވެއްޖެއްޔާ ބޭނުންވަނީ ހަމަ ރަށުން ބޭރުގަ މަސައްކަތް ކޮށްލަން، އޭރުން އެއްތާކު ތިބެގެން ތަންކޮޅެއް އަވަހަށް މަސައްކަތް ނިންމާލެވޭތީ ދޯ.

ދެން “ފުރަބަންދު”ގަ ވާގޮތަކީ ދާއިރާގަ މަސައްކަތް ހުއްޓިފަ މަސައްކަތެއް ނުލިބިފަ ތިއްބާ މީތި މި ލިބުނީ. ލިބިފަ، މީތި މާލޭގެ ގެއެއްގެ ތެރޭގަ ޝޫޓްކުރާތީ ވަރަށް ފަސޭހަ އަސްލު. ފައިވް އެޕިސޯޑްސް ވެސް ވަރަށް އަވަހަށް ނިމިއްޖެ ފައިވް ވަރަކަށް ޑޭޒް ތެރޭގަ.

ކިހިނެއް “ފުރަބަންދު” ކުޅެން ފުރުޞަތު ލިބުނީ؟

ސީޒަން ގުޅާލާފަ ބުނީ އެބަ ހަދަމޭ ޑްރާމާއެއް، ކުޅެވޭނެހޭ. ދެން ނާއްކޮ އެހިން ކާކުގެ އެއްޗެއްތޯ. ދެން ބުނީ މުހައްމާގެ އޭ. ދެން ކިހިނެއްވާ އެއްޗެއްތޯ އަހާލީމަ ފޮނުވާލީ ކިޔާލަން. ދެން އޯކޭ ދިނީ.

ފުރަބަންދު ޑްރާމާގެ އެޑިޓިންގެ ތެރެއިން

“ފުރަބަންދު”ގަ ނާއްކޮ ކުޅެފާވާ ރޯލާ ދޭތެރޭގަ ހާމަކޮށްލެވެން ހުރި މަޢުލޫމާތެއް ހާމަކޮށްލަ ދީފާނަން؟ ދެން މިހާރުވެސް ދެ އެޕިސޯޑް ދައްކާފަ ހުރީމަ ބެލުންތެރިންނަށް އެނގޭނެ ކޮންމެވެސް ވަރަކަށް ނާއްކޮގެ ރޯލުވެސް.

ކުރިއަށް އޮތް ތިން އެޕިސޯޑަކީ ހަމަ ވަރަށް މުހިންމު ތިން އެޕިސޯޑޭ ބުނެލަން ބޭނުންވަނީ. އަދި ކިރިޔާ ޑްރާމާ މި ފެށުނީއޭ ދެވަނަ އެޕިސޯޑާ ހަމައިން. ދެން ވާނެގޮތް ހަމަ ވިސްނާލާށޭ. އަސްލު މީ ވަރަށް ދެރަވާ އެއްޗެއް ހަގީގަތަށް ބުނަންޏާމުން މި ދިޔައީ ހަމަ އެންމެނަށްވެސް، ޚާއްޞަކޮށް މާލޭގަ ތިބި އެންމެންނަށްވެސް ވަރަށް ހިތްދަތި ދުވަސްތަކެއް.

އަސްލަށް ބުނަންޏާ ބުނެލަން ބޭނުންވަނީ ހަމަ ޔަގީނުންވެސް ވަރަށް ގިނަ މީހުންގެ ލައިފްގަ މި ކަންތައްތައް (ފުރަބަންދު ސީރީޒްގަ ދައްކާ ކަންތައްތައް) ދިމާވެފައޭ ހުންނާނީ މި ދިޔަ ތިން މަސް ތެރޭގަ ކޮންމެވެސް ވަރަކަށް، ޚާއްސަކޮށް އަންހެނުންނަށް، ގޭގަ އެހެން އެކަނި ތިބޭ ބަޔަކަށް. އެހެންވީމަ މީ ހަމަ ބަލާލާފަ މިޔާ ދޭތެރޭގަ ވިސްނާލުން ވަރަށް މުހިންމު އެއްޗެއް އަސްލުގަ. ދެން ޑްރާމާގަ ވާގޮތް އެހާ ބޮޑަށް ބުނެދޭކަށް ބޭނުމެއް ނޫން. އެކަމަކު މާލެއަށް ފުރަމަ މި ލޮކްޑައުން އައި އިރުގަ ނޫނިއްޔާ ފުރަތަމަ ކޭސް އެއް ފެނުނު ފަހުން ހަމަ ޔަގީނުންވެސް ނާއްކޮ ލައިފަށް ވެސް އައި ވަރަށް ބޮޑު ކަންތައްތަކެއް. އެއާ މި ޑްރާމާއާ ވެސް ހަމަ ވަރަށް ބޮޑު ގުޅުމެއް އެބަހުރި.

“ފުރަބަންދު” ޑްރާމާގަ ވާހަކަލިޔުންތެރިޔާ އަދި ޑައިރެކްޓަރ ބޭނުންވާ ފެންވަރަށް “ފުރަބަންދު”ގަ ނާއްކޮގެ ކެރެކްޓަރ ނާއްކޮއަށް ދެއްކުނުތަ؟ ނާއްކޮ ކުޅުނު ރޯލު ހިތްހަމަޖެހޭ ފެންވަރަށް ކުޅެވުނުތަ؟

ވަރަށް ހަމަ ހެޕީ. އަސްލުގަ ހަމަ ދުވަހަކުވެސް ހަމަ ފިލްމެއްގަ ނުބުނާހާ ޔަގީންކަމާއެކު ބުނެލަން ބޭނުން، ވާހަކަ ލިޔުންތެރިޔާ ރިނާވެސް އަދި ސީޒަން ވެސް ހިތްހަމަޖެހޭ ގޮތަށް، ހިތްހަމަޖެހޭ ވަރަށް ކުޅެވިފައޭ އިންނާނީ. އަދި ޕްރޮޑިއުސަރ (މުހައްމާ) އާއި އެޑިޓަރ (ގޮޅާ އައްޔަ) ވެސް ވަރަށް ގިނަފަހަރު ބުނި ހަމަ ޔަޤީނުންވެސް މީތި ބަލާފަ މީހުންނަށް މިހެން ވާނޭ. އެ ވާނެ ގޮތް ފެންނާނީ “ފުރަބަންދު” ބަލަމުންދާއިރު، ކުރިއަށް އޮތް ތިން އެޕިސޯޑުގަ. ވާހަކައަކީ މީތި ބަލާފަ މިހެން ހަމަ ނުވެ ނުދާނޭ. މުހައްމާ ހަމަ ރިޕީޓްކޮށް އެހެން ބުނި، އެއީ ބެކް މިއުޒިކް އަޅާފަ އެންމެ ފަހު ދެ އެޕިސޯޑް ބަލާ ނިންމާލާފަ ބުނީ ތިމަނައަށް ވެސް އަސަރުކޮށްފިއޭ. އެހެންވީމަ ހަމަ އެގޮތް ވާނެ ކަމަށް މި އުއްމީދުކުރަނީ. އެހެންވީމަ އޭގެ މާނައަކީ އެންމެން އޯކޭ ދީފަ އެންމެން ހަންޑްރެޑް ދިނީމަ އެހެރީ ހިތްހަމަ ޖެހޭ ވަރަށް ކުޅެވިފައޭ ބުނެވޭނީ.

ޑްރާމާ ސީރީޒް “ފުރަބަންދު”ގެ ޝޫޓިންގައި ނާއްކޮ އަދި ޝިޔާގެ މަންޒަރެއް ނަގަނީ – ފޮޓޯ: ދެކެދެކެވެސް

“ފުރަބަންދު”ގެ ވާހަކައާމެދު ބުނާނީ ކީކޭ؟

އަސްލުގަ ބުނެލަން ބޭނުންވަނީ ބައިވަރު ކަންތައްތައް މީގެ ތެރޭގަ ހިމެނޭނޭ. މި ބުނީ އެކި ގޮތަށް އެކި މީހުންނަށް މި ފުރަބަންދުގަ ދިމާވި އެކި ހާދިސާތައް ދިމާވެފަ ހުންނާނީ. އެގޮތަށް ބަލާ އިރު މި ލިޔެފަ މީނދީވެސް ހަމަ ވަރަށް މުހިންމު ޕޮއިންޓަކަށް. އެހެންވީމަ އަސްލު ވަރަށް ހިތްހަމަ ޖެހޭ.

ދެން ރިނާ އޭތި ނިންމާލާފަ އިން ގޮތްވެސް ހަމަ ވަރަށް ހިތްހަމަޖެހޭ. އެއް އެޕިސޯޑުން އަނެއް އެޕިސޯޑަށް، ކޮންމެ ނިމުމަކާ ދޭތެރޭވެސް ވަރަށް ހިތްހަމަޖެހޭ. ބެލުންތެރިން ބަލާހިތްވާ ގޮތަށް ނިންމާފަ ވަނީ. އެއީ މިހާތަނަށް ދެވަނަ އެޕިސޯޑް ނިމުމާއެކު ވަރަށް ބައިވަރު ސުވާލު އައި، ‘ދެން މިހާރު ބަސްޓުކޮށްލަނީ ދޯ އޭ،’ ވަރަށް ގިނަ ކޯލްތައް އައި، ދެން ފްރެންޑުންވެސް ބުނަނީ ‘އެނގޭ ހެއްޔޯ ނާއްކޮ ތިކުރާ ކަންތައް؟ މިހާރު ތީ އެކުއްޖާ ބަސްޓްކުރަނީއޭ.’

ސީޒަންގެ ޑައިރެކްޝަން ކިހިނެއް؟

އޯކޭ. ސީޒަން އާ އެކީގަ މަސައްކަތްކޮށްލަން ފަސޭހަ. ދެން އޭނާގެ ވެސް ހުރޭ ތަފާތު ކަންތައްތަކެއް.

“ފުރަބަންދު” ބަލަންވީ ކީއްވެގެންކަމަށް ނާއްކޮ ދެކެނީ؟

“ފުރަބަންދު” ބަލަންވީ ހަމަ ޔަޤީނުންވެސް މިހާރު ދިމާވެގެން މިއުޅޭ ކަންތައް، އަނެއްކާވެސް ހަމަ މިރޭގެ ޚަބަރު ފެނިފަ އަނެއްކާ ހަމަ ޑަބަލް ދެރަވި. އެއީ މިހާރުވެސް މީހުންނަށް ހުޅުވާލީމަ، މި ހުރިހާ ދުވަހު ބަންދެއްގަ ތިބެފަ ލުއިތަކެއް ދެމުންދެމުން ގޮސް އޯޕަންކޮށްލީމަ، ތިމާމެންނަށް ހީވީ މީގެ ކުރިން ދުވަސްތަކުގަ (ކޮވިޑް-19 ގެ ކުރީގެ ދުވަސްތަކުގަ) ލައިފްގަ އުޅުނުހެން އުޅެން ފަށަންވީއޭ، އެކަމަކު އަދި ނުވޭ އެހެން އުޅޭކަށް. ހަމަ ޔަޤީނުންވެސް ކުރިއަށް އޮތް ދުވަސްތަކުގަ ނުވިސްނާ އުޅެފިއްޔާ އަނެއްކާވެސް ހިތާމަވެރި ކަންތައްތަކަކާ ކުރިމަތިވެދާނެ. އެހެން ވެދާނެތީވެސް މީތި ބަލާލުން ވަރަށް މުހިންމު، ޚާއްޞަކޮށް މީތި ބަލާލަން ގޭގަ މަޑުކޮށްލާށޭ. ހަމަ ޔަޤީނުންވެސް މީތި ބަލާފަ މިއިން ފިލާވަޅެއް ނުލިބި އެއްވެސް މީހަކު ނުދާނޭ.

ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ އިތުރު ކަމަކީ ކޮބާ؟

ބުނެލަން ބޭނުންވަނީ ރިނާ، ވާހަކަ ލިޔުންތެރިޔާ އަދި ގޮޅާ އައްޔަގެ ފަރާތުން މިއާ ބެހޭގޮތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނޭ. ޚާއްޞަކޮށް ތަންކޮޅެއް ގިނަ ދުވަސްކޮށްފަ މި ކުޅުނީ ލީޑަކަށް. އެހެން އެއްޗަކަށް ނުލިބޭ ވަރުގެ ހިތްވަރެއް ނޫނީ ކުރިއަށް އަދި ކުޅެން ހުރި އެއްޗެއްސަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދިޔައޭ ބުނެލި ބަސްތަކުން.

ދެން ވަރަށް ބޮޑަށް ތެންކިޔުއޭ މުހައްމާވެސް އަދި ސީޒަންވެސް ނާއްކޮ ޗޫޒްކުރީމަ މިޔަށް، މީ ހަމަ ބައިވަރު ކާސްޓުން އެބަތިބި ލޮކްޑައުންގަ ހަމަ އެއްވެސް މަސައްކަތެއް ނުކޮށް މިހެން ތިއްބާ މީތި ލިބުނީ. ދެން ޚާއްޞަކޮށް ޚާއްޞަ ހުއްދައެއް ނަގައިގެން މި ހުއްދައިގެ ދަށުން ބޭރަށް ނުކުމެ، މީތި ޝޫޓްކުރަން ދިޔައީވެސް.

މުނިއަވަސްގެ މަސައްކަތާ ދޭތެރޭގަ ނާއްކޮ ދެކެނީ ކިހިނެއް؟

ހަމަޔަޤީނުންވެސް ނާއްކޮ މި ދާއިރާއަށް ނުކުތްފަހުން އަދި އެއް އެއްވެސް ނިއުސްއަކުންނެއް މި ދާއިރާއަށް ދޭންޖެހޭ ޚާއްޞަ ކަމެއް ގަދަރެއް އިހްތިރާމެއް ނުދެޔޭ މުނިއަވަސް އިން ނޫނިއްޔާ، އަދި މިހާތާކަށެއް. ވާހަކައަކީ މި ދާއިރާއަށް ހަދާފަ އޮތް ނިއުސްއެކޭ ބުނަންވެސް ހަމަ ޖެހިލުމެއް ނުވެޔޭ މި ބުނީ މި ދާއިރާގެ އެއްޗެހި މީހުންނަށް އަނގަދޭން ނޫނިއްޔާ ފުޅާކޮށްދޭން. އެހެންވީމަ ވަރަށް ބޮޑު ހިތްވަރެއް ލިބޭ ހަގީގަތުގަ މުނިއަވަސް އިން ނާއްކޮމެންނާ ބާއްވާ ގާތްކަމުން، ދެން މި ދާއިރާގެ އެންމެނަށް ވެސް ހަމަ. އެހެންވީމަ ހަމަ ތެންކިޔޫ ބުނެލަން ބޭނުން.

ދެން އެކި މީހުންގެ ހުންނާނީ އެކި ކަހަލަ ޚިޔާލު. އޭގަ ހުންނާނެ ހިތްހަމަޖެހޭ މީހުންނާ ނުޖެހޭ މީހުންނާ. ކޮންމެ އެއްޗެއްގަވެސް ކޮންމެ މީހެއްގެވެސް ހުންނާނެ ފާޑުކިޔުންތަކެއް، ނޫނިއްޔާމުން އެއްވެސް މީހަކަށް އެންމެންގެ ހިތެއް ނުލިބޭނެދޯ. ދެން އޭތި ބައިންދާލާފަ ހަމަ ކުރިއަށް ތި ދާގޮތަށް ކުރިއަށް ދިއުން ނާއްކޮ އެދެނީ ދާއިރާއާ އެކީގަ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.