ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތާގުޅިގެން ހިންގާ ހަރަކާތްތަކުގެތެރެއިން، ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް ލޯންޗްކޮށް އެ ޗެނަލް މެދުވެރިކޮށް ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ “ވާހަކަ އަށި” ސިލްސިލާ ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް ލޯންޗްކޮށްދެއްވައި، “ވާހަކަ އަށި” ސިލްސިލާ ފައްޓަވައިދެއްވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އަލްފާޟިލާ ޔުމްނާ މަޢުމޫނެވެ.

ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް ލޯންޗް ކުރުމަށް ބޭއްވުނު އޮންލައިން ރަސްމިއްޔާތުގެ ރިކޯޑިންގ

މިބައްދަލުވުމުގައި މިނިސްޓަރ ޔުމްނާ ވަނީ ލައިބްރަރީގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމާއި އަދި އެގޮތުން ލައިބްރަރީގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކާއި މަންސަތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ލައިބްރަރީގެ ޔޫޓިއުބް ޗެނަލެއްގެ ޚިދުމަތް ފެށިގެންދިޔައިރު ލައިބްރަރީގެ ބައެއް އޮންލައިން ޚިދުމަތްތައް ހޯދާނެ ގޮތް ކިޔައިދޭ މަޢުލޫމާތު ވީޑިއޯތައް މި ޗެނަލްގައި ހިމެނޭކަމީ ލައިބްރަރީގެ ޚިދުމަތް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއްކަމުގައި ވާނެ ކަމަށެވެ. އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން މި ޗެނަލް މެދުވެރިކޮށް “ވާހަކަ އަށި” ޕްރޮގްރާމްގެ ތެރެއިން ކޮންމެ މަހަކުވެސް ކުޑަކުދިންނާއި ގުޅޭ އެކިއެކި ވާހަކަ، ވީޑިއޯ މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ވާހަކަ ކިޔުމަށާއި ފޮތްތެރިކަމަށް ކުދިންގެ ޝައުޤުވެރިކަން އުފެދުމުގެ އިތުރުން ކުދިންގެ މުނިފޫހިފިލުވުމަށް ބޭނުންކުރެވޭ އިލްމީ، ރަނގަޅު ވަޞީލަތަކަށްވެސް މިސިލްސިލާ ވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ މުޝީރުންގެ ތެރެއިން އޮނަރަބަލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) އާއި އޮނަރަބަލް ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އަދި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު ތާރިޤާއި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރުގެ ނާއިބު، އަލްފާޟިލް އަޙުމަދު މުހްސިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާޓްސް މިނިސްޓްރީގެ އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ)

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮނަރަބަލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) ވަނީ ލައިބްރަރީއިން ޓެކްނޮލޮޖީގެ އެކި ވަޞީލަތްތަކުގެ ތެރެއިން ފަށާ މިފަދަ ޚިދުމަތައް ކުރިއަށްގެންދާއިރު، ދިވެހި ބަހުގެ ހަމަތަކާއި ޤަވާއިދުތަކަށް ސަމާލުކަންދީ، ޚާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާ އެކިއެކި އުފެއްދުންތަކުގައި އެކުދިންގެ ދިވެހި ބަހުގެ ހުނަރު ކުރިއަރައިގެންދާނެ ގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އާޓްސް މިނިސްޓްރީގެ އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ)

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮނަރަބަލް ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) ވަނީ އެކި ދާއިރާާތަކުން ފޮތް ލިޔުމަށް މީހުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ނަސޭޙަތްތެރިވެލައްވައި، ޚާއްސަކޮށް ސަމާސާ އދަބުފަދަ، އެ ދާއިރާތަކުން ފޮތް ލިޔުން މަދުވެފައިވާ ނުވަތަ ހުއްޓިފައިވާ ދާއިރާތަކުން ފޮތް އުފެއްދުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ކުތުބުޚާނާއަށް މުހިއްމު ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ، ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޠާރިޤު ވަނީ ކުތުބުޚާނާގެ މުވައްޒަފުން ކުރިއަށް އޮތް ތާނގައިވެސް ގުޅިގެން އެކުއެކީގައި ކުތުބުޚާނާގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ މުހްސިން ވަނީ ޤައުމީ ކުތުބުޚާނާއަށް ޒަމާނާއި އެއްގޮތަށް މުހިއްމު ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، އެކަމުގައި ކުތުބުޚާނާގެ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ބުރާސްފަތި ދުވަހު އިފްތިތާޙު ކުރެވުނު ޤައުމީ ކުތުބުޚާނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެކި މަޢުލޫމާތާއި ވީޑިއޯ ވާހަކައާއި ޢިލްމީ ފޯރަމްތައް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ކުތުބުދާރު، އައްނަބީލާ ހަބީބާ ހުސައިން ހަބީބު (ނ.ދ.ޢ.ވ)

ބުރާސްފަތި ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރާއި، މިނިސްޓްރީގެ މުޝީރުންނާއި ސްޓޭޓް މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު އާމިރާއި ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މަހާސިން އަޙުމަދު ދީދީއާއި ކުތުބުޚާނާގެ އިސްވެރިންނާއި މުވައްޒަފުން އަދި މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.