ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަން ފަށާފައިވާ ފިލްމު “ބީވީމާ“ގެ 35 އިންސައްތަ ޝޫޓްކޮށް ނިމިފައިވާކަމަށް އެ ކުންފުނީގެ ވެރިޔާ އަދި ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނެފިއެވެ.

ބީވީމާ” އަކީ ހުނަރުވެރި ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ޚުދު، ޒަރީރު ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާގެ އިތުރުން ޢާއިޝަތު ފުއާދު ތަޢުފީޤް އެވެ.

ފިލްމު “ބީވީމާ“ގެ ކާސްޓުންގެ ނަންތައް ހާމަކޮށްފައި ނުވިޔަސް ފިލްމުގެ ޓެކްނިކަލް މަސައްކަތްކުރާ އިސް ފަރާތްތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން، ފިލްމު ކެމެރާކުރަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ އެވޯޑް ހޯދާފައިވާ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މީގެ އިތުރުންް، ފިލްމުގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް ކަމަށް މޮގާ ބުންޏެވެ.

މޮގާ ބުނީ ފިލްމުގެ ކާސްޓުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. ފިލްމުގެ ފޭސްބްކް ޕޭޖުން މިހައިތަނަށް އާއްމުކޮށްފައިވާ ޕޯސްޓްތަކަށް ބަލާއިރު، ރެސްޓޯރެންޓެއްގެ ތެރޭގައި ޝޫޓްކުރާ ސީންއެއްގައި ފެންނަން އިނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ކަމަށް ޤަބޫލުކުރެވެއެވެ. މީގެ އިތުރުން ޑާކް ރެއިންގެ ފިލްމުތަކުން ފެންނަ ޢަލީ ޝަޒްލީމް ވެސް ފިލްމު ސެޓްގައި އިންނަ ފޮޓޯއެއް ފެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.