ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ފުރަތަމަ ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަންް”ގެ ޓްރެއިލާ، 01 ސެޕްޓެމްބަރު 2020ގައި ނެރޭނެކަމަށް، މުނިއަވަސް އަށް ޔޫއްޕެ ބުނެފިއެވެ. ސީރީޒްގެ ޓައިޓްލް ޓްރެއިލާއެއް ސީރީޒްގެ ފޭސްބްކް ޕޭޖާއި މުނިއަވަސް މެދުވެރިކޮށް މިއަދު ދޫކޮށްލާފައި ވެއެވެ.

ލޯބީގެ ކަންތައްތަކެއްގެ ތެރެއިން މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތަކެއް ފެނިގެންދާނެ “ހުވާކޮށްފާ ބުނަންް” އަކީ ކޮންމެ ސީޒަންއެއްގައި 26 އެޕިސޯޑް ހިމެނޭގޮތަށް ތިން ސީޒަނަކަށް ގެނެސްދޭ ސީރީޒެކެވެ. ސީީރީޒްގެ ފުރަތަމަ ސީޒަން އަންނަ ސެޕްޓެމްބަރު މަހުގެ 15 ހިސާބުގައި އާންމުންނަށް ފެންނަވަރު ވާނެ ކަމުގެ އުންމީދުކުރާ ކަމަށް ޔޫއްޕެ ބުނެއެވެ.

ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު ޔޫއްޕެ ބުނީ މިއީ ބެލުންތެރިންނަށް ކަމުދާނެ އަދި މުހިއްމު މެސެޖްތަކެއް ވެސް ލިބޭނެ ކަހަލަ ސީރީޒަކަށް ވެގެންދާނެ ކަމަށެވެ.

ހުވާކޮށްފާ ބުނަންް”ގެ ޕޯސްޓް ޕްރޮޑަކްޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޢަލީ ރަޝީދު (ގޮޅާ އައްޔަ) މިއަދު ބުނީ މި ސީރީޒް ދައްކާނެ ޕްލެޓްފޯމެއް އަދިވެސް ފައިނަލްނުވާ ކަމަށާއި އެންމެ ރަނގަޅު ހުށައެޅުމެއް ލިބުނު ފަރާތަކަށް ދޫކޮށްލުމަށް ޔޫއްޕެ ޕްރޮޑަކްޝަނުން ނިންމާފައިވާކަމަށެވެ.

ޔޫއްޕެ ސްކްރީންޕްލޭއަކަށް ހަދާ ”ހުވާކޮށްފާ ބުނަން”ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޙްމަދު ސަޢީދު، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ޢީސާ (އާނަންދު)، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ)، މަރްޔަމް ޝިފާ، ޝިޔާ އަދި ’ތިން ބިބީ’ން ފެނިގެންދިޔަ ނަތާޝާ ހިމެނެއެވެ.

01 ސެޕްޓެމްބަރުގައި ޓްރެއިލާ ރިލީޒްވެގެންދާނެ މި ސީރީޒާމެދު އުފެދޭ ބޮޑު ސުވާލަކީ ސީރީޒް ފެނިގެންދާނީ ކޮން ޕްލެޓްފޯމެއްގައިތޯ އުފެދޭ ސުވާލެވެ. ބައިސްކޯފު، ދިރާގު ޓީވީ ނުވަތަ ކޮންމެވެސް ޓީވީ ޗެނަލަކުން ހަމަ ގައިމުވެސް ”ހުވާކޮށްފާ ބުނަން” ބަލަން ފެށުމަށް ބެލުންތެރިން ތިބޭނީ އިންތިޒާރުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.