ސްކޫބާ ސްކޫލްސް އިންޓަރނޭޝަނަލްގެ ފަރާތުން ދިވެހި ޑައިވަރުންގެ ތަމްރީނުކުރުމާއި ސަނަދު ދިނުމަށް ދިވެހިބަހުން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވާކަމަށް އެތަނުން ބުނެފިއެވެ.

ސްކޫބާ ސްކޫލްސް އިންޓަރނޭޝަނަލް އިން ބުނީ ސަރުކާރުން ވަރަށް ފަހު ތާރީޚެއްގައި އިސްލާޙްކުރެވިފައިވާ ގަވައިދެއްގައި ވާގޮތުގެމަތިން، މަސްވެރިން ކަހަލަ ވަޒީފާ އަދާކުރަން ފުޅި އަޅައިގެން ފީނާ ހުރިހާ ފަރާތްތަކަށް ޑައިވިންގް ސެޓްފިކޭޝަން (ލައިސެންސް) އޮންނަން މަޖުބޫރުކޮށްފައިވާކަމަށާއި، މިކަމާ ގުޅިގެން ސްކޫބާ ސްކޫލްސް އިންޓަރނޭޝަނަލް (އެސް.އެސް.އައި) ގެ ފަރާތުން ދިވެހިރާއްޖޭގައި ހުރި އެސް.އެސް.އައި ޑައިވް ސެންޓަރު އަދި އިންސްޓްރަކްޓަރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޑައިވް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ސަޕޯޓް ކުރާނެ ކަމަށެވެ.

އޯޕަން ވޯޓަރ ޑައިވަރ ކޯހަކީ ސްކޫބާ ޑައިވްކުރަން ދަސްކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ޑައިވް ކުރަން ފެށުމަށް ބޭނުންވާ ކޯހެކެވެ. މިކޯހުގައި ދަރިވަރަށް އިންސްޓްރަކްޓަރެއްގެ އެހީއާއި ނުލައި ސެޓިފައިވެފައިވާ އިތުރު ޑައިވަރަކާއިއެކު ފީނަން ތަމްރީނުކޮށްދޭނެ ކަމަށް އެސް.އެސް.އައި އިން ބުނެއެވެ.

2015 އިން ފެށިގެން އެސް.އެސް.އައިގެ އޯޕަން ވޯޓަރ ކޯސް ވަނީ ދިވެހިބަހަށް ތަރުޖަމާކުރެވިފައެވެ. އެސް.އެސް.އައި އިން މިހާރު ފުޅާ ދާއިރާއެއްގައި އެހެނިހެން ކޯސް މެޓީރިއަލް އަދި ފޯމުތައް ދިވެހިބަހުން ލިބެން ހުންނަ ގޮތަށް ހެދުމަށް މަސައްކަތްކުރަމުން ދެއެވެ.

ޑީޕް ޑައިވަރ ކޯސް އަދި އެޑްވާންސްޑް އެޑްވެންޗަރަރ ޕްރޮގްރާމަކީ އޯޕަން ވޯޓަރ ކޯހުގައި ކަނޑައެޅިފައިވާ ލިމިޓަށްވުރެ އަޑިއަށް ދިއުމަށް، އަދި ބޮޑަށް ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް ހުޅުވައިލެވިފައިވާ ކޯސްތަކެކެވެ. އޯޕަން ވޯޓަރ ކޯހުގެ ފަހުން އަންނަ އެކި ތަފާތު އެސް.އެސް.އައި ޑައިވް ކޯސްތައް ހުޅުވާލެވިފައިވާކަމަށް ވެސް އެތަނުން ބުނެއެވެ.

ސްކޫބާ ސްކޫލްސް އިންޓަރނޭޝަނަލް އަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު ބިޒްނަސް-ބޭސްޑް ޓްރެއިނިންގް އޭޖެންސީއެވެ. އެސް.އެސް.އައިގެ 3300 ޓްރެއިނިންގް ސެންޓަރުތައް މުޅި ދުނިޔޭގައި ހުރެއެވެ. މީގެތެރޭގައި 60 އަށް ވުރެން ގިނަ ޓްރެއިނިންގް ސެންޓަރުތައް ދިވެހިރާއްޖޭގައި ހުރެއެވެ. 50،000 އަށްވުރެގިނަ ސްކޫބާ ޕްރޮފެޝެނަލް އެސް.އެސް.އައި ރިޕްރެސްންޓްކުރުމުގެ އިތުރުން 20 މިލިއަނަށްވުރެ ގިނަ ކޯސްތައް ވޭތުވެދިޔަ 50 އަހަރުތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެސް.އެސް.އައި ގެ ފަރާތުން ސްކޫބާ ޑައިވިންގް ކޯސް، އެކްސްޓެންޑެޑް ރޭންޖް (ޓެކްނިކަލް) ޑައިވިންގް ޕްރޮގަރާމް، ފެތުމުގެ ކޯސް، ލައިފް ގާޑް ޓްރެއިނިންގް އަދި ފްރީޑައިވިން ޕްރޮގްރާމުތައް ކުރިއަށް ގެންދާކަމަށް މަޢުލޫމާތު ދެއެވެ.

މާޓިން ލެންގެންބަރގް

ދިވެހިރާއްޖޭގެ ޑައިވިންގް ކޯސްތައް އަދި ސްކޫބާ ސްކޫލްސް އިންޓަރނޭޝަނަލްގެ އިތުރު މަޢުލޫމާތު ބޭނުންވާނަމަ އޭރިއާ މެނޭޖަރ މާޓިން ލެންގެންބަރގް 9607940774+ ([email protected]) އަށް ކޮންޓެކްޓު ކުރުމަށް އެސް.އެސް.އައި އިން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.