މަސްތުގެ ވަކިތަކުން
ވަޝިއްޔާގެ ދިގު އިސްތަށިގަނޑު މިހާރު ވަނީ ނިއުޅިފައެވެ. ނަށަމުން ދިޔައިރު އެ އިސްތަށިގަނޑު ކޮނޑުމަތިން ތިރިއަށް ފައިބާފައި އޮތެވެ. ކުލަކުލައިގެ ބައްތިތަކުގެ އަލީގައި އޭނާ ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ނޭނގޭ މީހެއްގެ ގޮތުގައެއް ނޫނެވެ، ނަމަވެސް މިރުޒާ ދަންނަ، މަޑުމައިތިރި ވާހަކަތަކާއި ހަވީރުގެ ސައިގެ ވަގުތުތަކުން ފެނުނު އަންހެންކުއްޖާގެ މިނިވަން އަދި އުފާވެރި ސޫރައެއްގެ ގޮތުގައެވެ.
އޭނާ ހޭ މަންޒަރު މިރުޒާ ބަލަން ހުއްޓެވެ. އޭނާ އެނބުރި އެކުވެރިންނަށް ބަލައިލި މަންޒަރު މިރުޒާ ބަލަން ހުއްޓެވެ. އަދި އެހެން ފިރިހެނުންގެ ސަމާލުކަން އޭނާއަށް ހުއްޓެމުންދިޔަ މަންޒަރުވެސް މިރުޒާ ބަލަން ހުއްޓެވެ. އެންމެ ފަހުން ފާހަގަކުރި ކަމުން މިރުޒާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ވަޝިއްޔާއަކީ އެއްވެސް މަސައްކަތަކާނުލާ މީހުންގެ ސަމާލުކަން ދަމައިގަންނަ އަންހެނެކެވެ. އެހެން މީހުންނަށް ދެއްކުމަށްޓަކައި ނުވަތަ އެހެން އަންހެނުންނާ ވާދަކުރުމަށްޓަކައި އޭނާ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. އޭނާގެ ރީތިކަމަކީ ހިތްގައިމު ކަމެކެވެ. ނަމަވެސް، އޭނާގެ ތޫނުފިލިކަމާއި، މަޑުމައިތިރިކަމާއި، އިޚުލާސްތެރިކަމަކީ އޭނާގެ ފަރާތުން މީހުންގެ ސަމާލުކަން ދުރަށް ގެންދަން އުނދަގޫވާ ސަބަބެވެ.
އެއްވެސް މީހަކު ބަލަން ނެތް ނަމަވެސް، އޭނާގެ އަމިއްލަ ދުނިޔެއެއް އޮންނަހެން ހީވެއެވެ. މިރުޒާ ބޭނުންވަނީ އެ ދުނިޔެ ދެނެގަންނާށެވެ. އޭނާގެ ހިތުގެ ހަޤީޤީ ޚިޔާލުތައް އަޑުއަހާ މީހަކަށް ވާން މިރުޒާ ބޭނުންވެއެވެ. އޭނާ ވަރުބަލިވެފައި ހުންނަ ވަގުތު ހެއްވާލާ، އޭނާ ރުޅިއަންނަ ސަބަބުތައް ދެނެގަނެ، އޭނާގެ ރުހުން ހޯދަން އެނގޭ މީހަކަށް ވާން ބޭނުންވެއެވެ. އެއްވެސް މީހަކު ބަލަން ނެތް ވަގުތު އޭނާގެ ނޯޓުފޮތުގައި ލިޔަނީ ކޮން އެއްޗެއްކަން އެނގެން މިރުޒާ ބޭނުންވެއެވެ. އަދި އެއްވެސް މީހަކު އަހައިފިނަމަ އެކަމަށް އިންކާރު ކުރި ކަމުގައިވިޔަސް، ވަޝިއްޔާ ކޮންމެ ތަނަކަށް ވަންނައިރު އެންމެ ފުރަތަމަ ހޯދާ މީހަކީ އޭނާ ކަމުގައި ވާން މިރުޒާ އެދެއެވެ.
ނަމަވެސް މިހާރު، ދުރުގައި ހުރެގެން އޭނާއަށް ބަލަން ހުރިއިރު، ކަމެއް ބަދަލުވެއްޖެކަން މިރުޒާއަށް އިޙުސާސް ކުރެވުނެވެ. އޭނާގެ ހަރަކާތްތަކުގައި ކުރިން ހުރި ސާބިތުކަމެއް މިހާރަކު ނެތެވެ. އޭނާގެ މޫނުމަތީގައިވާ ހިނިތުންވުމާއި އޭނާގެ ހަރަކާތްތަކާ ދިމަލެއް ނުވެއެވެ. އޭނާ ވަށައިގެން ބަލަމުން ދިޔައީ އޮޅުންބޮޅުންވެފައިވާ، ހާސްކަންމަތީގައިވާ ގޮތަކަށެވެ. މިއީ ހަފުލާތަކުގައި ކުއްލިއަކަށް މަސްތުވާ މީހުންގެ ކިބައިން މިރުޒާ ދެކޭ ފަދަ އަލާމާތްތަކެކެވެ.
މިރުޒާ ތެދުވެ ސީދާވެލިއެވެ. ވަޝިއްޔާ ގޮނޑިއެއްގައި ހިފެހެއްޓިއެވެ. މިރުޒާގެ ސަމާލުކަން އިތުރަށް ވަރުގަދަވިއެވެ. އޭނާގެ އަތަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި، މުޅި ތަން ބަދަލުވެފައިވާ ސަބަބު ނޭނގިގެން އުޅޭ ކަހަލަ ގޮތަކަށް، ބައްތިތަކުގެ އަލިތަކަށް އޭނާ މޫނު އުފުލާލިއެވެ.
މިރުޒާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ފެށިއެވެ. މަސްތުވުމަކީ ކޮބައިކަން އޭނާއަށް އެނގެއެވެ. މީހުން މާގިނައިން ބޯތަނާއި، މަސްތުވާތަކެތީގެ އަސަރު ކުރާ މަންޒަރު އޭނާ ވަނީ ދެކެފައެވެ. އަދި އެންމެ ނުރައްކާތެރި ވަގުތުތަކަކީ އަބަދު ހަޅޭއްލަވާ ނުވަތަ ވެއްޓޭ ވަގުތުތައް ނޫންކަން އޭނާއަށް އެނގެއެވެ. ބައެއް ފަހަރު ނުރައްކަލުގެ ތެރޭގައި ހުންނަ މީހާއަކީ، ކަމެއް ގޯސްވެއްޖެކަން އިޙުސާސްކުރުމުގެ ޤާބިލިއްޔަތު މަޑުމަޑުން ގެއްލެމުންދާ މީހާއެވެ.
މިރޭގެ ކުރީކޮޅު ވަޝިއްޔާ ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާ މޭވާގެ ބުއިމެއް ބޯން ހުރި މަންޒަރު މިރުޒާ ދުށްޓެވެ. އަދި މީހަކު ގޮވައިގެން ނަށަން ދިޔަ ވަގުތު، އޭނާގެ ތަށި އެއްވެސް މީހެއްގެ ބެލުމެއް ނެތި ބަހައްޓާފައި ދިޔަ މަންޒަރުވެސް މިރުޒާ ދުށްޓެވެ. އޭނާގެ ތަށްޓަށް މީހަކު އެއްޗެއް އެޅީބާއޭ ހިތަށް އެރި ވަގުތު، މިރުޒާގެ ހުރިހާ ޚިޔާލެއް އެކަމަށް ހުސްވިއެވެ.
ނަމަވެސް އެއީ ޔަގީން ކަމެއް ނޫނެވެ. ފެންނަމުންދިޔަ އަލާމާތްތަކަށް އެކަނި ބަލައިގެން އެއީ ކޮން އެއްޗެއްކަން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. އަދި އޭނާއަކީ ޑޮކްޓަރެއްވެސް ނޫނެވެ. އޭނާއަށް ފެންނަމުންދިޔަ ކަންތައްތަކަށް އެހެން ސަބަބުތަކެއް މެދުވެރިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ކުއްލިއަކަށް އައި އެ ބަދަލާއި، ވަޝިއްޔާއަށް އެ ވަމުންދިޔަ ގޮތްނޭނގޭ އުނދަގޫތަކާއި، ހަށިގަނޑުގެ ބެލެންސް ގެއްލެމުންދިޔަ މަންޒަރު ފެނުމުން، އެއީ ސީރިއަސް ކަމެއްގެ ގޮތުގައި އޭނާ ބަލައިގަތެވެ.
އޭނާ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ވަޝިއްޔާ އައި ފަހުން އޭނާއަށް ފާރަލަމުންދިޔަ މީހުންގެ މަތިން އޭނާ ހަނދާންވިއެވެ. އޭގެ ތެރެއިން ބައެއް މީހުން ފާޅުގައި އޭނާއަށް ތަޢުރީފު ކުރަމުންދިޔައިރު، އަނެއް ބަޔަކު ދިޔައީ އޭނާއާ ވާހަކަދެއްކޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބައެއް މީހުންގެ ނަޒަރު ހުރިގޮތުން، އެއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނޫންކަން އޭނާއަށް އިޙުސާސްވިއެވެ.
އޭނާއަށް އެ ހުރިހާ ކަމެއް ފާހަގަކުރެވުނެވެ. ކޮންމެ ކަމަކަށް އޭނާ ހުރީ ސަމާލުވެގެންނެވެ. އަދި ހުރިހާ އިންތަކެއް ހުރަސްކޮށް، މި ނުބައި އަމަލު ހިންގީ ކާކުކަން އޭނާއަށް މިހާރު ވަނީ ވަރަށް ބޮޑަށް ޔަގީންވާން ފަށާފައެވެ.
މިރުޒާ އޭނާގެ އަތުގައި ހުރި ތަށި ބެހެއްޓިއެވެ.
“މައާފުކުރޭ.” އޭނާގެ ކައިރީގައި ވާހަކަދައްކަން ހުރި މީހާ ގާތު އޭނާ ބުންޏެވެ.
ޖަވާބަކަށް މަޑުކުރުމެއް ނެތި އޭނާ އެތަނުން ހިނގައިގަތެވެ.
*****
އޭނާއަށް ވަޝިއްޔާގެ ގާތަށް ދެވުނުއިރު، ވަޝިއްޔާ ދިޔައީ އޭނާގެ ރަހުމަތްތެރިޔާ ގާތު އިށީންނަން ބޭނުންވާ ވާހަކަ ބުނަން މަސައްކަތް ކުރަމުންނެވެ. އޭނާގެ ބަސްތައް ހުރީ ލަސްވެފައެވެ. މޫނުމަތިން ފެންނަނީ ގޮތްނޭނގޭ ހާސްކަމެކެވެ. އަދި އޭނާ ގޮނޑީގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން، އޭނާގެ އިނގިލިތަކުގެ ހަންގަނޑު ވަނީ ހުދުވެފައެވެ.
މިރުޒާ އޭނާގެ ކައިރިއަށް ދިޔައީ އޭނާ ސިހުނަނުދީ، މަޑުމަޑުންނެވެ.
“ވަޝިއްޔާ.”
އޭނާގެ އަޑަށް ވަޝިއްޔާ އެނބުރުނެވެ.
ވަގުތުކޮޅަކަށް އޭނާއަށް މިރުޒާ ވަކިކުރަން އެނގުމުން ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ވަރަށް އަވަހަށް އެކަން ނުތަނަވަސްކަމަށް ބަދަލުވިއެވެ.
“މިރުޒާ؟”
“އަހަރެން މިހުރީ.”
އޭނާ މިރުޒާއަށް ބަލަހައްޓައިގެން އިނެވެ.
“ތި ބަލަނީ..” އޭނާ ބުނަން އުޅުނު ބަސް ފުރިހަމައެއް ނުކުރެވުނެވެ.
ވަޝިއްޔާއަށް އޭނާއާ ހަތަރުކަޅި ހަމަކުރަން ފަސޭހަވާނެހެން، މިރުޒާ ކުޑަކޮށް ގުދުވެލިއެވެ.
“ވީގޮތެއް އަހަރެން ގާތު ބުނެބަލަ.”
“އަހަރަކަށް ނޭނގެ.”
އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ.
“އަހަރެން ނަށަން ހުއްޓާ، ކުއްލިއަކަށް ހުރިހާ އެއްޗެއް ބަދަލުވާން ފެށީ.”
މިރުޒާ އޭނާގެ ރަހުމަތްތެރިޔާއަށް ބަލާލިއެވެ.
“އޭނާއަށް މިހެންވާތާ ކިހާއިރެއް ވެއްޖެ؟”
“މިވީ އެންމެ މަދު މިނެޓުކޮޅެއް. އޭނާ ބުނަނީ އާދަޔާ ޚިލާފު ގޮތްތަކެއް ވަނީއޭ. ވީގޮތެއް އަހަންނަކަށްވެސް ނޭނގެ.”
“އޭނާ އެއްވެސް އެއްޗެއް ބުއިތަ؟”
“ފްރެޝް ޖޫސް ތަށްޓެއް ބުއިހެން ހީވަނީ. މީގެ އިރުކޮޅެއް ކުރިން.”
މިރުޒާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އޭނާ އަލުން ވަޝިއްޔާއަށް ބަލާލިއެވެ.
“މިރޭ އެއްވެސް ބޭހެއް ނުވަތަ މީހަކު ދިން އެއްޗެއް ބޭނުންކުރިންތަ؟”
އޭނާ މަޑުމަޑުން ބޯހޫރާލިއެވެ. “ނޫން. އަހަރެން ހަމައެކަނި ބުއީ ޖޫސް ތަށި.”
އޭނާގެ ދެލޮލުން މިރުޒާގެ މޫނަށް ބަލަމުންދިޔައިރު، އެ ހާސްކަމުގެ ފަހަތުގައިވާ ބިރުވެރިކަން މިރުޒާއަށް ފެނުނެވެ.
“މިރުޒާ، އަހަންނަށް ރަނގަޅަށް ނުފެންނަނީ ކީއްވެ؟”
މިރުޒާގެ ހިތަށް ވަރަށް ބޮޑު ތަދެއް އިޙުސާސްވިއެވެ. މީގެ ކުރިންވެސް މީހުން އެ ސުވާލު ކުރާ އަޑު އޭނާ އަހާފައިވެއެވެ. ނަމަވެސް ވަޝިއްޔާގެ ފަރާތުން އެ ސުވާލު އަތުވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހީނުކުރެއެވެ.
“އަހަރެން ބުނާ އެއްޗެއް އަޑުއަހާ.” ހަމަޖެހިލަމުން އޭނާ ބުންޏެވެ. “ކަލޭ އެކަނިވިޔަކަ ނުދޭނަން. އަހަރެމެން އެހީތެރިކަން ހޯދާނަން.”
އޭނާ މިރުޒާގެ އަތުގައި ހިފެހެއްޓިއެވެ. އާދަޔާ ޚިލާފު ބާރަކާއެކު އޭނާ މިރުޒާގެ ގަމީހުގެ އަތްކުރީގައި ބާރަށް ހިފަހައްޓާލިއެވެ. “ކޮންމެވެސް ކަމެއް ގޯސްވެއްޖެ.”
“އަހަންނަށް އެނގޭ.”
“އާދޭސްކުރަން..”
އެ ލަފުޒު ބުނެވުނުއިރު، މިއުޒިކުގެ އަޑުގެ ތެރެއިން އެ އަޑު އިވުނީ ވަރަށް ކިރިޔާއެވެ. މިރުޒާ މަޑުމަޑުން ވަޝިއްޔާގެ އަތުގެ މަތީގައި އޭނާގެ އަތް ބާއްވާލިއެވެ.
“ވަޝިއްޔާ، އަހަރެން މިހުރީ ކަލެއާ އެކުގަ.” އޭނާ ޔަގީންކަން ދިނެވެ.
އޭނާގެ އަޑުގައި ހުރި ސާބިތުކަމުގެ ސަބަބުން ވަޝިއްޔާގެ ހާސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަހަލައެވެ. ނަމަވެސް މިރުޒާގެ ހިތުގައި ހިނގަމުންދިޔައީ މުޅިން ތަފާތު ޚިޔާލުތަކެކެވެ. މިއީ އިއްތިފާޤެއް ނޫންކަން އޭނާގެ ސިކުނޑި ބުނެދެމުން ދިޔައެވެ. މީގެ ކުރިން އޭނާ ފާހަގަކުރި އެ މީހުންގެ ތެރެއިން ކޮންމެވެސް މީހަކު މިކަމުގެ ފަހަތުގައިވާކަން އޭނާއަށް ޔަގީނާ ގާތަށް އެނގެއެވެ.
މިރުޒާ ތެދުވެ، ވަޝިއްޔާގެ ރަހުމަތްތެރިޔާއަށް އިޝާރާތް ކުރިއެވެ.
“އަހަރެމެން އޭނާ މިތަނުން ބޭރަށް ގެންދަން އެބަޖެހޭ. ތާޒާ ވައި ލިބޭނެ ތަނަކަށް ގެންދާނީ.”
(ނުނިމޭ)
