ކަރޯކޭ ވީޑިއޯ ޗެނަލް ”މައިސަން ކަރޯކޭ“ – ދިވެހި ކަރޯކޭ ގެ ނަންބަރ ވަން ޔޫޓިއުބް ޗެނަލް ގައި މިހާރު 527 ލަވައިގެ ކަރޯކޭ ވީޑިއޯ ހުރިކަން އެނގޭހެއްޔެވެ؟ އަދި ކޮބާ، “ބައިސްކޯފު” އެޕުންވެސް މިހާރު މައިސަން ކަރޯކޭ ލަވަތައް ލިބެން ހުންނާނެ އެވެ.

”މައިސަން ކަރޯކޭ“ – ދިވެހި ކަރޯކޭ ގެ ނަންބަރ ވަން ޔޫޓިއުބް ޗެނަލް ގެ ނަމުގައި މުޙައްމަދު މައިސަން ކުރަމުން ގެންދަނީ ވަރަށް ބުރަ، އަދި އެހާމެ ބޭނުންތެރި މަސައްކަތެކެވެ. ހިލޭސާބަހަށެވެ.

”މައިސަން ކަރޯކޭ“ ގެ ނަމުގައި ދިވެހި ކަރޯކޭ ވީޑިއޯ ހިމެނޭ ޔޫޓިބް ޗެނަލެއް ފެށީ 2018 ވަނަ އަހަރު އޭޕްރީލް މަހުގެ 16 ގައެވެ. އެންމެ ދެ އަހަރު ފުރިފައިވާ މި ކަރޯކޭ ޗެނަލަކީ ހަމަ ގައިމުވެސް މިވަގުތު އެންމެ ކުރީގައި އުޅޭ ދިވެހި ކަރޯކޭ ޗެނަލެވެ.

”މައިސަން ކަރޯކޭ“ ގައި ހިމެނެނީ މިހައިތަނަށް ރިލީޒް ކޮށްފައިވާ ދިވެހި ލަވަތަކުގެ ތެރެއިން ހިތްގައިމު ކަރޯކޭ ވީޑިއޯ ލަވަތަކެކެވެ. އެގޮތުން މިހައިތަނަށް 527 ލަވައިގެ ކަރޯކޭ ވީޑިއޯ ތައްޔާރުކޮށް ޗެނަލް އަށް އަޕްލޯޑް ކޮށްފައި އެބަހުއްޓެވެ.

”މައިސަން ކަރޯކޭ“ ގައި ހިމަނާފައިވާ ލަވަތައް ހޯދައިލަންވެސް ވަރަށް ފަސޭހަގޮތެއް މައިސަން ވަނީ ފަހިކޮށްދީފައެވެ. ޕީޑީއެފް ފޯމެޓަށް ތައްޔާރުކޮށްފައިވާ ލަވަ ލިސްޓުން، ލަވައިގެ ވީޑިއޯ ލިންކަން ކްލިކްކޮށްލައިގެން ބޭނުންވާ ލަވައެއް އެއްބުރުން ހޯދޭނެއެވެ.

ޑްރޮޕްބޮކްސް އަށް ލާފައިވާ Mysan-Karaoke-Links އިން ލަވަތަކުގެ ލިސްޓް ޑައުންލޯޑްކޮށްލެވޭނެ އެވެ. މިއީ މިއަދާއި ހަމައަށް އަދާހަމަކޮށްފައިވާ ލިސްޓެކެވެ.

”މައިސަން ކަރޯކޭ“ ގައި އަހަރުމެން ބޭނުންވާ ލަވައެއް ނެތަސް ހާސްނުވާށެވެ. ލަވައަށް ރިކުއެސްޓްކޮށްލެވޭނެ އެވެ. މައިސަން ބުނީ ލަވައަކަށް އެދުމަށް [email protected] ނުވަތަ [email protected] މެއިލް ކޮށްލުމުން އެލަވައިގެ ވީޑިއޯ ތައްޔާރުކުރާނެ ކަމަށެވެ.

”މައިސަން ކަރޯކޭ“ ގައި ވީޑިއޯ ލަވަތައް ތައްޔާރުކޮށްފައި ހުންނަނީ އިނގިރޭސި އަދި ހިންދީ ކަރޯކޭ ލަވަތައް ތައްޔާރުކޮށްފައި ހުންނަގޮތަށެވެ.

”މައިސަން ކަރޯކޭ“ ވީޑިއޯ ތައްޔާރުކުރަމުން އަންނަނީ ކަރޯކޭ ވީޑިއޯ ތައްޔާރުކުރުމަށް ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެންނެވެ.

ކަރޯކޭ ވީޑިއޯ ހެދުމުގައި ލަވައިގެ ޅެން ލިޔާއިރު ދިވެހިބަހުގެ ފަންނީ ލަފާ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަސްރަފު ޢަލީގެ އެހީތެރިކަން މައިސަން އަންނަނީ ހޯދަމުންނެވެ.

”މައިސަން ކަރޯކޭ“ ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.