ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ޕްރަތޫނާމް ބާޒާރުން ދިވެހިން ފެނުމަކީ ހަމަ ވަރަށް އާއްމު ކަމެކެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު، ޕްރަތޫނާމުން ބާޒާރުކޮށްލަން އުޅެނިކޮށް އިސްކޮޅުން ދިގު ދިވެއްސަކާ ދިމާވެއްޖެއެވެ. ހަމަ ފެންނަ އިރަށް ‘އާނ މިއީ ފިލްމު “އިތުބާރު”ގައި އެ އުޅޭ މުނީރު ކަން’ އެނގިއްޖެއެވެ. ނޭނގޭ ވަރެއް ވެސް ނޫންތާއެވެ. އަހަންނަށް އެންމެ ގިނަ ފަހަރަށް ބެލުނު ދިވެހި ފިލްމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ “އިތުބާރު” ފިލްމެވެ.

ފިލްމު “އިތުބާރު”ގައި އަތޮޅުވެރިންގެ އެހީތެރިޔާގެ އަރިހުގައި އުޅޭ މުނީރަށް ކިޔާ އަސްލު ނަމެއް އޭރަކު ނުވެސް އެނގެއެވެ. މުނީރުގެ އިތުރުން ދެން އަހަރެން ދަންނަނީ ‘މުޖުތަބާ’ ނުވަތަ މުޖޭ އެކެވެ. އެއީ ދިވެހި ފިލްމު “ލޭކަރުނަ”އިން ފެނުނު ކެރެކްޓަރ އެކެވެ. އަހަރެން ދަންނަނީ މުނީރަކާ މުޖޭއެކެވެ.

ފިލްމު އިތުބާރުގެ މަންޒަރެއް

ކޮންމެއަކަސް ޕްރަތޫނާމުން ދިމާވި މީހާއަށް މުޖޭއޭ ކިޔާ ގޮވައިލީމެވެ. އަސްލު ނަމަކީ ކޮބައިކަން ނޭނގޭކަމަށް ބުނެ ވާހަކަދައްކަން ފެށީމެވެ. ބޭނުންވީ މުޖޭގެ ޚާއްޞަ އިންޓަވިއުއެއް ނެގޭގޮތް ވޭތޯ މަސައްކަތް ކޮށްލުމެވެ. ނަމަވެސް އެ ބައްދަލުވުން އެހިސާބުން ނިމުނީއެވެ. އޭގެ ފަހުން، ބެންކޮކުން މުޖޭއާ ދިމައެއް ނުވެއެވެ.

ކޮންމެއަކަސް އޭގެ ދުވަސްތަކެއް ފަހުން، މުޖޭއާ ވައްތަރު މީހަކު، ފޭސްބްކް ތެރެއިން ފެނިއްޖެއެވެ. އެކަމަކު، އޭނާގެ ނަމަކަށް ޖަހާފައި އޮތީ މުޙައްމަދު އަފްރާހް އެވެ. އެހެންވީމާ މުނީރު އާ މުޖޭގެ އަސްލު ނަމަކީ މިއީތާއޭ ހިތަށްއެރިއެވެ. ފޭސްބްްކްް މެސެންޖަރ އިން ‘ހައި’ ޖަަހައިލީމެވެ. އެތަކެއް ގަޑިއިރުތަކެއް ފަހުން ޖަވާބެއް ލިބިއްޖެއެވެ.

މުޙައްމަދު އަފްރާހަކީ 80ގެ އަހަރުތަކުގައި ތަމްސީލު ކުޅުމުގެ ތެރެއިން ފެންނަ އާއްމު މޫނެކޭވެސް ބުނެވިދާނެވެ. އެންމެ ފުރަތަމަ ފިލްމަކުން ފެނިގެންދިޔައީ ފިލްމު “އިތުބާރު” ގައެވެ. އެއީ މުނީރުގެ ރޯލެވެ. ކޮމެޑީ އަދި ވިލަން ކެރެކްޓަރ އެކެވެ. އޭގެ ފަހުން، ފިލްމު “ލޭކަރުނަ”އިގައި ފެނިގެން ދިޔައީ މުޖޭގެ ރޯލުންނެވެ. އެވެސް ކޮމެޑީ ރޯލެކެވެ.

އައްޑިހައިގެ ބެލްބޮޓަމްއެއްގައި އަފްރާހް މިއަދު

“އެންމެ ކާމިޔާބު ފިލްމަކަށްވީ “އިތުބާރު”ގަ ކުޅުނު މުނީރު ކެރެކްޓަރ.” މާގިނަ ފިލްމުތަކެއް ނުކުޅުނަސް، އަފްރާހް މެންގެ ފިލްމީ ރަންޒަމާާނުގަައި، އޭނާ ކުޅުނު ކެރެކްޓާތަކުން އެންމެ ކާމިޔާބު ކެރެކްޓާއަކީ ކޮބައިތޯ އަހައިލުމުން ބުންޏެވެ.

ފިލްމު “އިތުބާރު، “ލޭކަރުނަ”އިގެ އިތުރުން ފިލްމު “ކުށްހީ”ގައި ވެސް އަފްރާހް ފެނިގެން ގޮސްފައިވެއެވެ. ކޮންމެވެސް ފިލްމެއްގައި ‘ބުގުރަތު’ ނަމަކަށް ކިޔާ ރޯލެއް ކުޅުނުކަން ހަނދާންކުރަމުން އަފްރާހް ބުނީ އޭރު ކުޅެވުނު ކޮންމެ ރޯލަކީވެސް ބެލުންތެރިންނަށް ކަމުދިޔަ އަދި މަޤްބޫލުވި ރޯލުތަކެއް ކަމަށެވެ.

މިއަދުވެސް އަފްރާހް ހުރީ ފިލްމީ ދާއިރާއާ ދުރުގައެއް ނޫނެވެ. ކަމުދާ ކަހަލަ ރަނގަޅު ރޯލެއް ލިބިއްޖެނަމަ އެކްޓްކުރަން ތައްޔާރަށް ހުރިކަން އޭނާގެ ވާހަކަތަކުން އެނގިގެން ދިޔައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.