ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދޮންފަނު ހޯދައިފި އެވެ. ދަރަވަންދޫގައި ރޭ ކުޅެވުނު މި ފައިނަލް މެޗުގައި ދޮންފަނާއި ބައްދަލުކޮށްފައި ވަނީ ބ. އަތޮޅުގައި ހިންގާ ދަ ނައުޓިލުސް ރިސޯޓް އެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެންނާނެކަމަށް ބެލެވުނު މި މެޗު ދޮންފަނު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން މޮޅުވެގެން ނެވެ. މި މެޗުގެ ކުރީކޮޅު ނައުޓިލުސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދޮންފަނުގެ މައްޗަށް ގަދަވެވޭގޮތެއް ނުވި އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ 13 ވަނަ މިނިޓްގައި ދޮންފަނުން ޖެހި ލަނޑާއިއެކު މެޗުގެ ކޮންޓްރޯލް އެ ޓީމުން ހޯދި އެވެ. މި ލަނޑު ދޮންފަނަށް ކާމިޔާބުކޮށްދިނީ މޮހްސެން މޮންތަޒެމި އެވެ. ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނައުޓިލުސްއަށް، ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

ދަރަވަންދޫ ކައުންސިލްގެ އިދާރާ – އެފްބީ
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދޮންފަނުން ނެވެ. ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ދޮންފަނުން އިތުރު ލަނޑެއް ޖަހައި ނަތީޖާ ފުޅާކޮށްލި އެވެ. 20 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ފައިޒާން ފަޒީން އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި ދެން ވެސް ފެނުނީ ދޮންފަނުގެ ލަނޑެކެވެ. ދެވަނަ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ފައިޒާން ފަޒީން އެވެ. 29 ވަނަ މިނިޓްގައި މުޙައްމަދު ފައިޒާން ފަޒީން އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މެޗުގެ ފަހުކޮޅު އިބްރާހިމް ރާއީ ދޮންފަނުގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ.
5-0 އިން ދޮންފަނު މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނު ޓީމުގެ މޮހްސެން މޮންތަޒެމި އެވެ. މުބާރާތުގެ އެހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ނައުޓިލުސްގެ އަޙްމަދު ސޮބާހް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ދޮންފަނު ޓީމުގެ ކޯޗު އިސްމާއިލް އިބްރާހިމް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ އިސްމާއިލް ނާޒިލް ނަޒީފް އެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އަބްދުލް އަހަދް ހުސައިން އެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ނިއު ސްޕީޑް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ނައުޓިލުސްގެ މުޙައްމަދު ނަވީދު، ކިންގްސް ޔުނައިޓެޑްގެ އަހްމަދު އެލްސައިދު، ދޮންފަނުގެ މޮހްސެން މޮންތަޒެމި، ދޮންފަނުގެ މުޙައްމަދު ފައިޒާން ފަޒީން، ނައުޓިލުސްގެ އަޙްމަދު ސޮބާހް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދޮންފަނު ޓީމުގެ މޮހްސެން މޮންތަޒެމި އެވެ.
