ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮންފަނާއި ނައުޓިލުސް ފައިނަލަށް
ބ. ދަރަވަންދޫ ކައުންސިލް - އެފްބީ

ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ފައިނަލަށް ބ. ދޮންފަނާއި ބ. އަތޮޅުގައި ހިންގާ ދަ ނައުޓިލުސް ރިސޯޓް ދަތުރުކޮށްފި އެވެ. މިމަހުގެ 16 އިން ފެށިގެން 24 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދާ މި މުބާރާތުގައި 8 ޓީމު ވަނީ ބައިވެރިވެފަ އެވެ.

ގުރޫޕް އޭގައި ދޮންފަނާއި ކިންގް ޔުނައިޓެޑް އަދި ލަޔަން ޔުނައިޓެޑާއި ދުސިތުތާނީ ރިސޯޓް ވާދަކުރިއިރު، ގުރޫޕް ބީގައި ވާދަކުރީ ދަ ނައުޓިލުސް ރިސޯޓާއި ކިހާދޫގެ އިތުރުން ނިއު ސްޕީޑް އާއި ދޮންފަނު ވެޓަރަންސް އެވެ.

ގުރޫޕް އޭގެ އެއްވަނަ ދޮންފަނު ހޯދިއިރު، މި ގުރޫޕްގެ ދެވަނަ ޓީމަކީ ކިންގް ޔުނައިޓެޑް އެވެ. ގުރޫޕް ބީގެ އެއްވަނަ ނައުޓިލުސް ހޯދިއިރު، މި ގުރޫޕްގެ ދެވަނަ ޓީމަކީ ކިހާދޫ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅެފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ހޯދި ދޮންފަނާއި ގުރޫޕް ބީގެ ދެވަނަ ހޯދި ކިހާދޫ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 3-1 އިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ދޮންފަނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކިހާދޫ އެވެ. މެޗުގެ 5 ވަނަ މިނިޓްގައި ކިހާދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، މުޙައްމަދު އަޔާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލީ އަނީސް އެވެ. ކިހާދޫގެ ލަނޑަށް މާގިނައިރެއް ނުވެ ދޮންފަނުން ނަތީޖާ ހަމަހަމަކުރި އެވެ. މޮހްސެން މޮންތަޒެމި ތަނަވަސްކޮށްދިން ފުރުސަތެއްގައި ދޮންފަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އިފްހާމް އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ދޮންފަނުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާފަ އެވެ. ފަހަތުން އަރައި ދޮންފަނު މޮޅުވި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސް އަޙްމަދު އިފްހާމް އެވެ. ދޮންފަނުން ލީޑު ނެގި މިނިޓްގައި އެ ޓީމުން ލީޑު ފުޅާ ވެސް ކުރި އެވެ. އިބްރާހިމް ރާއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދޮންފަނުގެ ތިންވަނަ ލަނޑު ޖެހީ މޮހްސެން މޮންތަޒެމި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނު ޓީމުގެ މޮހްސެން މޮންތަޒެމި އެވެ.

ބ. ދަރަވަންދޫ ކައުންސިލް – އެފްބީ

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި ނައުޓިލުސް އާއި ގުރޫޕް އޭގެ ދެވަނަ ހޯދީ ކިންގް ޔުނައިޓެޑް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނައުޓިލުސް ކާމިޔާބު ކުރީ 5-3 އިން ނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނައުޓިލުސް އެވެ. 3 ވަނަ މިނިޓްގައި ޢަބްދުﷲ ވިޝާލް މި ލަނޑު ޖެހީ އަޙްމަދު ސަބާހް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ލަނޑަށް މާގިނައިރެއް ނުވެ ނައުޓިލުސްއިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޢަބްދުﷲ ވިޝާލް އެވެ.

ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކިންގް ޔުނައިޓެޑުން 8 ވަނަ މިނިޓްގައި ލަނޑެއް ޖަހައި އުންމީދު އާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހްމަދު އެލްސައިދް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިންގް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ، އެލްސައިދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާމިއު އަލީ ޝަރީފް އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ދެވަނަ ހާފު ފެށުމާއިއެކު އަނެއްކާ ވެސް ނައުޓިލުސްއިން ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އައްޒާން މުޙައްމަދެވެ. ކިންގް ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރުމުގެ ކުރިން ނައުޓިލުސްގެ ލީޑު ފުޅާކޮށްދިނީ މެޗުގައި ހެޓްރިކް ހެދި ޢަބްދުﷲ ވިޝާލް އެވެ. އަދި މެޗުގެ ފަހުކޮށް ހުސައިން އިމްތިޔާޒް އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ. ކިންގް ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ ފަހުކޮޅު އެ ޓީމަށް ޖަހައިދިނީ ޝާފިއު ޝުއޫދު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ނައުޓިލުސްގެ މުޙައްމަދު ނަވީދު އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހުގެ ރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top