ދިވެހީންގެ ތެރޭގައި ސޯޝަލް މީޑިއާގެ މަޤްބޫލުކަން ބޮޑުވެފައިވާ މިޒަމާނުގައި ވަރަށް ފައިދާހުރިގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންވެސް އުޅެއެވެ. އެފަދަ އެއް ފަރާތަކީ މިހާރު ފޭސްބުކާއި ޓެލެގްރާމްގައި ކުރިއަރަމުން އަންނަ ހުބާ ޕްލާންޓްސް އެވެ.
ހުބާ ޕްލާންޓްސްގެ މައިގަނޑު މަޤްޞަދަކީ ގަހާއި ގަސްހެއްދުމާ ގުޅޭ މަޢުލޫމާތު އެއްކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ ދަނޑުވެރިކަމާއި ގަސް ހެއްދުމަށް ޝަޢުޤު ހުންނަ ފަރާތްތަކަށް ގެނެސްދިނުމެވެ. އަދި ގަސް ހައްދައި ވިއްކާފަރާތްތަކާއި ގަންނަ ފަރާތްތައް އެއްތާކަށް ގެނެސްދިނުމެވެ.
މިގޮތުން ދަނޑުވެރިކަމުގެ ގޮތުގައި ހައްދާ ގަހާއި ބަގީޗާގެ ގޮތުގައި ހައްދާ ތަފާތު ގަސްގަހާއި އެގަސްގަހަށް ބޭނުންވާ ކާނާއާއި އިންދައި ހައްދާނެ ގޮތުގެ މަޢުލޫމާތާއި ތަފާތު ބަލިތަކުގެ ޙައްލުތައްވެސް ހުބާ ޕްލާންޓްސް އިން ގެނެސްދެމުން ގެންދެއެވެ. އަދި ފޭސްބުކާއި ޓެލެގްރާމް މެދުވެރިކޮށް މީހުން ކުރާ ސުވާލުތަކަށް ޖަވާބުދީ ލަފަޔާއި އިރުޝާދު ދެމުން ގެންދެއެވެ.
ހުބާ ޕްލާންޓްސް ޕޭޖު އަދި ޓެލެގްރާމް ހިންގަމުންދަނީ ބަގީޗާކުރުމާއި ދަނޑުވެރިކަމުގައި ޢަމަލީގޮތުން ހަރަކާތްތެރިވަމުންދާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޒުވާނުން ކޮޅެކެވެ.
https://scontent.fmle2-1.fna.fbcdn.net/v/t1.0-9/128853135_1071670859938320_4312694451830451008_o.jpg?_nc_cat=102&ccb=2&_nc_sid=8bfeb9&_nc_ohc=VtlVLlu1vR4AX8PtFPf&_nc_ht=scontent.fmle2-1.fna&oh=b7b45b76845324edca5a7f720d37a3d9&oe=5FF65F45
“އަޅުގަނޑުމެން ދެކެނީ ރާއްޖޭގައި ގަސްހެއްދުމާ ބެހޭ މަޢުލޫމާތު ރަނގަޅަށް މީހުންނަށް ނުލިބޭކަން. އަދި ނުބައި މަޢުލޫމާތުގެ މައްޗަށް ވަރަށް ގިނަ މީހުން ޢަމަލުކުރާކަން ފާހަގަކުރެވޭ. ޚާއްޞަކޮށް ބޭހާއި ކާނާގެ ތަފާތު މީހުންނަށް އެނގިފައިވާ މިންވަރު ވަރަށް ކުޑަ. ކާނާގެ އަސާސީ ބައިތައް ކަމުގަވާ އެން.ޕީ.ކޭ އަދި މި ތިން މާއްދާގެ ބޭނުންވެސް ގިނަ މީހުންނަށް އެނގިފައެއް ނުވޭ.” ހުބާ ޕްލާންޓްސްގެ ފަރާތުން ފާއިޒު ފާހަގަކުރިއެވެ.
އެހެންކަމުން ސައްޙަ މަޢުލޫމާތު ހޯދުމާއި ފޮތް ކިޔުމަށް ހުބާ ޕްލާންޓްސް އިން ބާރު އަޅައެވެ. އަދި އެ ޕޭޖުން އައު މަޢުލޫމާތެއް ޙިއްސާ ނުކުރާ ކަމަށާއި، ފޯރުކޮށްދެނީ ރާއްޖެއިން ލިބެން ހުރި މަޢުލޫމާތުކަމުގައި ފާހަގަކުރެއެވެ.
https://t.me/hubaPLANTS telegram channel
https://t.me/hubaPLANTSinfo telegram group Q&A
“އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަންކަން އެބަހުރި. މިސާލަކަށް ދިވެހި ބައެއް ދަނޑުވެރިން މިހާރު ކޫޑި ކޮންޓްރޯލް ކުރަން ބޭނުންކުރާ އެކްޓާރާ ނުވަތަ ގުރުނޑުވުމުން ޖަހާ އަބަމެކްޓިން (ރިހާކުރު ބޭސް) މިހާރު ހަދާފައިވަނީ އާއްމުކޮށް ބޭނުންކުރާ ކާނާއަކަށް. ބޭނުންކުރުމުގައި ފެނާ އެއްކުރަނީ ހިތަށް އެރި ވަރެއް. އަނެއްކާ ގޭގެ ގޯތިތެރޭގައި ވެސް މިފަދަ ކެމިކަލް ބޭސް ގިނަ މީހުން ބޭނުންކުރޭ. މިހެން ބޭސް ޖަހާފައި 14 ދުވަސް ނުކޮށް މިރުސް، ކިއުކަންބާ، ލެޓަސް ފަތް ފަދަ ތަކެތި އެގެންދަނީ ވިއްކަން ބާޒާރަށް. މިހާރު ކަމާބެހޭ ފަރާތްތަކުންވެސް އެބަޖެހޭ ރާއްޖޭގައި ކެންސަރު ބަލި ގިނަވުމާ މިކަމާ ގުޅުމެއް އޮތްތޯވެސް ދިރާސާކޮށް ބަލަން.” ހުބާ ޕްލާންޓްސްގެ ފަރާތުން ޙުސައިން ކަންބޮޑުވުން ފާޅުކުރިއެވެ.
އެހެންކަމުން ބޭހުގެ ގޮތުގައި ބަޔޯޕެސްޓިސައިޑާއި ކާނާގެ ގޮތުގައި އޯގަނިކް ކާނާ ބޭނުންކުރުމަށް ހުބާ ޕްލާންޓްސް އިން ބާރު އަޅައެވެ. އަދި ބޭހާއި ކާނާގެ ފުރިހަމަ މަޢުލޫމާތު ނޭގި އެތަކެތި ބޭނުން ނުކުރުމަށާއި އަދި މަޢުލޫމާތު ހޯދުމުގައި އެގްރިކަލްޗަރ މިނިސްޓްރީއަށް ބަރޯސާ ވުމަށް އެދެއެވެ. އެގޮތުން މަޢުލޫމާތު އެއްކުރުމުގައި ހުބާ ޕްލާންޓްސް އިން ވެސް އެންމެ ބޮޑަށް ބަރޯސާ ވަނީ މިނިސްޓްރީއަށް ކަމަށް ހާމަކުރެއެވެ.
