ޑޯނަޓަކީ ގޭގައި ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ފޮނި ކާއެއްޗެކެވެ. ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ މި ރަހަފަތް ދަސްކޮށްލެވިއްޖެ ނަމަ، ޑޯނަޓްގެ ބޭރުގައި ތަފާތު ރަހަ ތަކުގެ ކޯޓިން ލައިގެން ބޭނުންކޮށްލެވިދާނެއެވެ. މި ރަހަަފަތުގައި ބޭނުންކޮށްފައި ވާނީ ޗޮކްލެޓް ޓޮޕިންއެކެވެ.

ޑޯނަޓް ފުށްގަނޑަށް ބޭނުންވާނެ ތަކެތި

  • 1 ¼ ޖޯޑު ކިރު
  • 2 ¼ ސައިސަމުސާ ޔީސްޓް (ކަމީރު)
  • 2 ކުކުޅު ބިސް
  • 8 މޭޒުމަތީ ސަމުސާ (1 ސްޓިކް) ބަޓަރު ވިރުވައި ހިހޫކޮށްފައި
  • ¼ ޖޯޑު ހަކުރު (މުގުރާފައި)
  • 1 ސައސަމުސާ ލޮނު
  • 4 ¼ ޖޯޑުގެ ގޮދަން ފުށް އަދި ފުށްގަނޑު ދެމުމުގައި ބޭނުންކުރާނެ ފުށް
  • 2 ތެލުލުމަށް ބޭނުންވާނެ ކުކިންގ އޮއިލް

ޗޮކްލެޓް ޓޮޕިންއަށް ބޭނުންވާނެ ތަކެތި

1 މޭޒުމަތީ ސަމުސާ ތެޔޮ
3 މޭޒުމަތީ ސަމުސާ ފެން
3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
ބައި ދަޅު ގެރިކިރު

ޑޯނަޓް ތައްޔާރުކުރާނެ ގޮތް

1- ކިރުފޮދު ކުޑަކޮށް ހޫނުކޮށްލާށެވެ. ބޯތަށްޓެއްގެ ތެރެއަށް ކިރުފޮދު އަޅައިލާށެވެ. އޭގެ ތެރެއަށް ކަމީރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ފަސް ވަރަކަށް މިނެޓް ވާންދެން އެއްކޮށްލުން ރަނގަޅުވާނެއެވެ.

2- ބޯތަށީގެ ތެރެއަށް ބިސް، ބަޓަރު، ހަކުރު އަދި ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް 2 ޖޯޑު ފުށް އަޅައި ރަނގަޅަށް އެއްކުރާށެވެ. އިތުރަށް ފުށް އަޅަމުން އެއްކުރާށެވެ. ފުށްގަނޑު ތެތް ނަމަ އިތުރަށް ފުށް އަޅާށެވެ. އެހެން ބޯތަށްތެއްގެ ތެރެއަށް ކުޑަކުޑަ ތެޔޮފޮދެއް ޖަހައި ތެޔޮފޮދު އުނގުޅާލާށެވެ. މޮޑެފައި އޮތް ފުށްގަނޑު ބޯތަށިތެރެއަށް ލުމަށްފަހު ބޯތަށި ރަނގަޅަށް ބަންދުކޮށްލާށެވެ. ގަޑިއެއްހައި އިރު ވަންދެން ފުށްގަނޑު ބާއްވާށެވެ. ކަމީރުގެ ކީމި އަސަރުކޮށްގެން ފުށްގަނޑު ރަނގަޅަށް ފުފޭނެއެވެ.

3- ފުށްގަނޑުން ގުޅަވަރެއް ނަގައި ރޮށިދަމާ ގޮނޑިމަތީގައި ފުށްގަނޑު ދަމާށެވެ. ދަމާނީ ބައި އިންޗިއެއްހައި ބޯމިން ހުންނަ ވަރަށެވެ. ބިއްލޫރި ތަށްޓެއް ނުވަތަ މަގެއްގެ އަނގަމަތި ފުށްގަނޑުގައި ޖައްސާ އޮއްބާލައި ކަފާލާށެވެ. ވަށްކޮށް ކަފާލާފައިވާ ފުށްގަނޑުގެ މެދުގައި މިނަރަލް ވޯޓަރ ފުޅިއެއްގެ މަތިގަނޑުގެ އަނގަމަތި ޖައްސައި ކަފާލާށެވެ.

4- އުނދުން މައްޗަށް ތާާހެއް އުދައި، ތެޔޮ އަޅާާށެވެ. މަޑު ގިނީގައި ތެޔޮގަނޑު ހޫނުވުމުން، ފަހަރަކު ދޭއް ނުވަތަ ތިން ޑޯނަޓް ލައިގެން ތެލުލާށެވެ. ތެލުލާނީ ކުޑަކޮށް ރަތްކުލަ އަރަންދެނެވެ.

ޗޮކްލެޓް ޓޮޕިން ތައްޔާރުކުރާނެ ގޮތް

1- ކުޑަ ތެއްޔެއްގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ ތެޔޮ، 3 މޭޒުމަތީ ސަމުސާ ފެން، 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު، ބައި ދަޅު ގެރިކިރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

2- މަޑު ގިނީގައި 5 ވަރަކަށް މިނެޓް ވާންދެން ކައްކާށެވެ. ޗޮކްލެޓް ޓޮޕިން ކެކުމުން، ޑޯނަޓްތަކުގެ މައްޗަށް އަޅާށެވެ.

މިހާރު އެހެރީ ޑޯނަޓް ތައްޔާރުކޮށްލެވިފައެވެ.

ތިރީގައި މި ހިމަނާލަނީވެސް ޑޯނަޓް ތައްޔާރުކޮށްލާނެ ގޮތުގެ ރަހަފަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.