ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. މިއީ އެޗްސީޕީ ބެލްގެ މޮނޮގްރާފް ގައި ބަޔާންކުރައްވާފައި ގޮތެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި ބަޔާން ކުރަން ޖެހެއެވެ. ހިލާލީ ދަރިކޮޅަކީ ވެސް ރާއްޖެއިން ބޭރުން އައި ދަރިކޮޅަކުން ރާއްޖޭގައި އުފެދުނު ގޮތްޕެކެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްޠާން ޙަސަން އަލްހިލާލީ އެވެ. މިރަދުންނަކީ ރަސްކަމުގެ ސިލްސިލާގެ 30 (29) ވަނަ ރަދުންނެވެ.

ސުލްޠާން ކަޅު މުޙައްމަދަކީ 3 ފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ބޭފުޅެކެވެ. ސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާ ރަދުންނަކީ ޢުމަރު ރަސްގެފާނު ނުވަތަ ސުލްޠާން ޢުމަރު (ދެވަނަ)ގެ ދަރިކަލެކެވެ.

އެހެންކަމުން މި ރިޕޯޓުގައި ބަލައިލާނީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައި ރަސްކަން ކުރެއްވި ރަސްކަލުންގެ ތެރެއިން ޞ. ކަޅު މުޙައްމަދު ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި ގޮތާއި އެ ދުވަސްވަރުގައި ހިނގައި ދިޔަ މުހިންމު ކަންތައްތަކުގެ މައްޗަށެވެ.

އައްސުލްޠާން ކަަޅު މުޙައްމަދު ސިރީ ދަންމަރު މަހާރަދުން ( ފުރަތަމަ ފަހަރު) ރަސްކަން ކުރެއްވި ގޮތާއި ހިނގާދިޔަ ކަންތައްތައް.

އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބޮވަނަ މަހާރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވި ކަމަށް ބެލެވެނީ 1490މ ( 895ހ) ވަނަ އަހަރުއެވެ. މި ރަދުންނަށް ރާދަވަޅީގައި ނިސްބަތްކޮށްފައިވަނީ “މުޙައްމަދު ކަލަމިންޖާން ސިރީ ދަރުމަ ބޮވަނަ މަހާރަދުން” މިފަދައިންނެވެ.

މިރަދުން ރަސްކަން ކުރައްވާތާ ނުވަ މަސްދުވަސް ވީތަނާ، މި ރަދުންގެ އެއްބައްޕާ އަޚު ޔޫސުފު ކަލަމިންޖާ، ތަޚުތު އަތުލައްވައިފިއެވެ. މިގޮތުން ފުރަތަމަ ދައުރުގެ ރަސްކަން ނިމިފައިވަނީ މީލާދީން 1491 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 896 އަހަރު އެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ ފުރަތަމަ ރަސްކަމުގެ ގިނަ މައުލޫމާތުތަކެއް ނެތެވެ. ނަމަވެސް ރަސްރަސްކަލުންގެ މެދުގައި ތަޚުތު ބަދަލުވަމުންގޮސްފައިވާލެއް އަވަސްކަމުން، މިދުވަސްވަރަކީ ރަސްކަމުގެ ކޮއިލުތެރޭގައި ގިނަ ހަމަނުޖެހުންތަކެއް ހިނގި ދުވަސްވަރެއްކަން ދޭހަވެއެވެ. މި ރަސްގެފާނަކީ މަކަރުވެރި އަނިޔާވެރި ރަސްކަލެކެވެ.

އައްސުލްޠާން ކަަޅު މުޙައްއމަދު ސިރީ ދަންމަރު މަހާރަދުން (ދެވަނަ ފަހަރު) ރަސްކަން ކުރެއްވި ގޮތާއި ހިނގާދިޔަ ކަންތައްތައް.
ސުލްޠާން ކަޅު މުޙައްމަދު ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 900 ވަނަ އަހަރު އެވެ. އެފަހަރު ރަސްކަން ކުރެއްވީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ. ދެވަނަ ފަހަރު ރަސްކަން ކުރައްވާތާ 15 އަހަރުވީތަނާ މީނާއަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅު ޙަސަން ރަސްގެފާނު ނުވަތަ ސުލްޠާން ޙަސަން (ހަތްވަނަ) ރަސްކަމަށް ވެރިވެވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 915 ވަނަ އަހަރުގައެވެ.

ސުލްޠާން ކަޅު މުޙައްމަދު 3 ފަހަރުގެ މަތީން 32 އަހަރާއި 9 މަސް ދުވަހު ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި އެވެ. ކަޅު މުޙައްމަދު ރަސްގެފާނަކީ މަކަރުވެރި އަނިޔާވެރި ރަސްކަލެކެވެ. ބަޔާންކުރެވުނު ދިގު މުއްދަތުގައި މިރަދުން ރަސްކަންކުރެއްވީ ދަގަނޑު އަތްޕުޅަކުން ނެވެ.

އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބޮވަނަ މަހާރަދުންގެ ދެވަނަ ރަސްކަން ނިމުމަކަށް އައީ، 15 އަހަރު ރަސްކަން ކުރެއްވިތަނާ، މި ރަދުންނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅު ޙަސަން، ރަސްކަމަށް ވެރިވެވަޑައިގަތުމުންނެވެ. އެހެންކަމާއެކު، މި ރަސްކަން ނިމުމަކަށް އައި ކަމަށް ބެލެވެނީ 1510މ (915ހ) ވަނަ އަހަރުއެވެ.

މިއީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނުގެ ފުރަތަމަ ރަސްކަން އޭނާގެ އަޚު ޔޫސުފު ކަލަމިންޖާ އަތުލެއްވުމަށްފަހު، އެހިނދު ކަންނަންނޫރުގެ އިސްލާމުންގެ ވެރިޔާ (ދިވެހި ތާރާޚުގައި ވާ ގޮތުގައި އަލީރާޖާ) ގެ އެހީ ހޯއްދެވިއެވެ. މީލާދީން 1494 ވަނަ އަހަރު ކަޅު މުޙައްމަދު ރަސްގެފާނު އެ ތަހުތު އަތުލެއްވީ ކަންނަންނޫރު އަލީރާޖާ އަރިހަށް އެހީ ހޯއްދަވަން ވަޑައިގަތުމަށް ފަހު މާލެއަށް އެނބުރި ވަޑައިގަތް ފަހުންނެވެ. އެހިނދު ރަސްކަމުގައި އިންނެވީ އައްސުލްޠާން ޔޫސުފުގެ ރަސްކަމަށް ދެމަސްދުވަސް ވީތަނާ އަވަހާރަވުމުން، ރަސްކަމަށް އިސްކުރެވުނު އައްސުލްޠާން ޢަލީ (ހަތަރުވަނަ) ސިރީ އައުދަ ވީރަ މަހާރަދުންނެވެ. މިރަސްކަމުގެތެރޭގައި ހިނގާފައިވާ އިތުރު ކަންތައްތަކަށްބަލާއިރު؛

1- ޙަސަން ތާޖުއްދީންގެ ތާރީހުގައި، މީލާދީން 1494 ވަނަ އަހަރު (900ހ) ” ކަންނަންނޫރުގެ އަލީރާޖާ ” ކިޔުނު މީހަކު ކަޅު މުހައްމަދު ރަސްގެފާނު ދެވަނަ ފަހަރަށް ދިވެހި ތަޚުތު ހޯއްދެވުމުގައި އެހީވެދިންކަމަށްވެއެވެ.
2- މީލާދީން 1497 ވަނަ އަހަރު، ޕޯޗުގީޒުން އިންޑިޔާ ކަނޑުގެ މި ސަރަހައްދަށް ފުރަތަމަ ދަތުރުކުރިއިރު، ދިވެހި ސިންގާސަނައިގައި އިންނެވީ އައްސުލްޠާނު ކަޅު މުޙައްމަދު ރަސްގެފާނެވެ.
3- ޕޯޗުގީޒުންގެ ބަޔަކަށް ދިވެހިރާއްޖެ އެންމެ ފުރަތަމަ ފެނުނީ 1503 ވަނަ އަހަރުއެވެ. ޕޯޗުގީޒުންގެ މަޝްހޫރު ވަސްކޯޑާ ގާމާ ދެވަނަ ފަހަރު އިންޑިޔާއަށް ދަތުރުކުރެއްވީ މީލާދީން 1502 އިން 1503 އާ ދެމެދުގައެވެ.

4- ދިވެހިންނާ ޕޯޗުގީޒުންނާ ފުރަތަމަ ފަހަރަށް ދިމާވި ހާދިސާ ވެސް ހިނގީ 1503މ ވަނަ އަހަރުއެވެ. ޕޯޗުގީޒުންގެ ވައިސްރޯއި ވަސްކޯ ޑާ ގާމާގެ ޗީފް ކެޕްޓަންގެ މަގާމުގައި އޭރު ހުރި ވިންސެންޓޭ ސޮދްރޭ ކާލީކޯޓާ ކައިރި ހިސާބަކުން ދިވެހިންގެ ހަތަރު ދޯނި އަތުލައިގަތެވެ.

5- އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނުގެ ދެވަނަ ރަސްކަމުގެ ދުވަސްވަރު މީލާދީން 1497 ވަނަ އަހަރު ތެރޭގައި އިޓަލީގެ ޖެނޮއާ އިން އައި ވިޔަފާރިވެރިއެއް ކަމަށްވީ ހިއެރޮނީމޯ ޑި ސަންޓް ސްޓެފާނޯ، ދިވެހިރާއްޖެއަށް އައިސް، މޫސުން ނުބައިވެގެން ނުފުރިގެން ހަ މަސްދުވަސް ވަންދެން ރާއްޖޭގައި ހުއްޓުނެވެ.6- މީލާދީން 1505 ވަނަ އަހަރު، ޕޯޗުގީޒުންގެ ހަތަރު ނަވުގައި ގާތްގަޑަކަށް 300 ސިފައިން ގޮވައިގެން ޑޮމް ލޮރެންސޯ ޑި އަލްމޭޑާ ގޯވާއިން ފުރައިގެން ދިވެހިރާއްޖެއަށް އަންނަން ދަތުރުކުރިއެވެ.

7- މީލާދީން 1501 ވަނަ އަހަރާއި 1503 ވަނަ އަހަރާ ދެމެދުގައި ކޮޗިން ގައްޔާއި ކަންނަންނޫރުގައި ހުރި ޕޯޗުގީޒު ސަރުކާރުގެ އޮފިސަރެއް ކަމަށްވާ ޑުއާރޓޭ ބަރްބޯސާ ދިވެހިރާއްޖެއަށް އައެވެ. ރާއްޖެއާ ބެހޭ ގޮތުން މީނާއަށް ފެނުނު ކަންތައްތައް “ދަ ބުކް އޮފް ޑުއާރޓޭ ބަރްބޯސާ” ގައި ލިޔެފައިވެއެވެ.

އެހެންކަމުން މިކަންކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ، ކަޅު މުޙައްމަދު ރަސްގެފާނު، އޭނާގެ އަމިއްލަ އެދުންފުޅަށްޓަކައި، ކުރެއްވި ކަންތައްތަކަކުން ދިވެހިރާއްޖެއަށް އޭނާ ދެއްވި ގެއްލުންތަކެވެ. ޝައްކެއްނެތް ގޮތުގައި، މާމަލޭގެ ބާރު ރާއްޖޭގެމައްޗަށް ގަދަވެގެން ދިޔައީ، މި ރަދުންގެ މި ރަސްކަމުން ފެށިގެންނެވެ. އަދި މި ރަސްކަމުގެ ފުރަތަމަ ފަހަރު ހިނގާފައިވާ ކަންތައްތައް ތާރީޚުން އެނގެން ނެތްނަމަވެސް ދެވަނަ ދައުރުގައި ކަންތައްތަކެއް ހިނގާފައިވާކަމެވެ.

ރިފަރެންސް

ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(1988، ޖެނުއަރީ ). ފަތްތޫރަ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.