ބައްތިރީސް ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ސަމާސާޅެން ހެދުމުގެ މުބާރާތެއް ބާއްވަން ދިވެހިބަހުގެ އެކެޑަމީން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ މި މުބާާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހަމަތަކަކުގެ މަތިން ހަދާ ޅެންތައް އަންނަ ޖަނަވަރީ މަހުގެ 5ވަނަ ދުވަހުގެ ކުރިން އެ އެކެޑަމީއަށް ހުށަހެޅުމަށެވެ.
މުބާރާތާ ބެހޭ އިތުރު ތަފުސީލު ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ އިޢުލާނާއެކު ޝާއިޢުކޮށްފައި ވެއެވެ.
– ސަމާސާ ޅެން ހެދުމުގެ މުބާރާތުގެ ގަވާއިދު
32ވަނަ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާން ހަމަޖެހިފައިވާ ސަމާސާ ޅެން ހެދުމުގެ މުބާރާތުގެ މަގުސަދަކީ ސަމާސާއަދަބުގެ އިހުސާސުގައި ޅެން ހަދަން ޝައުގު އުފެއްދުމާއި އަދަބިއްޔާތުގެ ފަށުވި ފަންނަން ހޭލުންތެރި ޖީލެއް އުފެއްދުމެވެ. އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް ވިސްނުންތައް އިސްކޮށް، ކޮރޯނާގެ ހިތްދަތި އަސަރުތަކުން އުންމަތަށް ގެނުވި މާޔޫސްކަމާއި ކަންބޮޑުވުންތަކާއި ނާއުންމީދުތައް، ޅެންވެރީންގެ އުފެއްދުންތަކުން ފިލުވައި އުންމީދުތައް އައުކޮށް ދޭ ފަދަ އުފާވެރި ޅެންތަކެއް ވުޖޫދުކުރުމެވެ. އައު ރޫހެއްގައި ގައުމައިގެން ކުރިއަށް ދާން ހިތްވަރު އައު ކޮށްދީ އައު ދިރުމެއް ދޭނޭ ގޮތެއްގައި ދިވެހި އުންމަތް ތެދުވާން އިއްވާނެ ނިދާތައް ސަމާސާއަދަބުގެ ތެރެއިން މުޖުތަމަޢަށް ފޯރުކޮށް ދިނުން ކަމަށްވެސް ދިވެހިބަހުގެ އެކެޑަމީން ހާމަކުރައްވައެވެ.
މުބާރާތަށް ހަދާ ޅެމުގެ ދިގުމިނުގައި ހުންނަން ޖެހެނީ 08 ބައިތާއި 10 ބައިތާއި ދެމެދުގެ ދިގުމިނިކެވެ.
ޅެންވެރިން ދުވަސް ނިސްބަތްވަނީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބު އަލްމަރުޙޫމް އިބްރާހިމް ޝިހާބަށެވެ. ޅެންވެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 15 ޖަނަވަރީ 1989ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އެ ދުވަހުން ފެށިގެން ކޮންމެ އަހަރަކުވެސް ޖަނަވަރީ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރީންގެ ދުވަހުގެ ގޮތުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!