“އާޅޭނޭ! އެބަ އަރައި ހިސާރި ބޮޑަ ރާއްޅެއް!” އަހަރުމެންނާ އަރާ ހަމަވަމުން އައިސަ ގޮވައިލިއެވެ. އައިސަ ހުރީ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ދެ އަތުން ހިފައި އުފުލައިލައިގެންނެވެ. އޭނާ ދުވަމުން ދިޔައީ ގެއާ ދިމާއަށް ދިއުމަށެވެ. އައިސަގެ ދެލޯ ހުރީ ބޮޑުވެފައެވެ. އިންތިހާއަށް ހައިރާންވެ ބިރުގަނެފައި ހުރިކަން އައިސަ ފެންނައިރަށް އެނގިއްޖެއެވެ.

“އެ އޮއް އަރަނޫ ބޮޑަ ރާޅެއް. މި ރަށެއްވާ ނެތް!!” އަހަރެން ދުއްވަން އިން ސައިކަލުގެ ބުރެކި ޖައްސައިލި ވަގުތު އަނެއްކާވެސް އައިސަ ބުންޏެވެ. އައިސަ އިޝާރާތްކުރި ދިމާއަށް ބަލައިލީމެވެ. ތެދެކެވެ. ރަށުގެ (ލ. ފޮނަދޫ) އިރުމަތީ ފަރާތުން ސިރާޖުއްދީން މަގަށް ރަށް ހުރަހަށް އޮންނަ މަގު ފުރާލާފައި ލޮނުގަނޑު އަރައިގެން އާދެއެވެ. އަހަރުމެން ތިބީ ރަށު ތެރެއިން އޮންނަ އެންމެ ދިގު މަގު (ސިރާޖުއްދީނު މަގު) ގައެވެ. އަހަރެން ދުއްވަން އިން މޭޓް ސައިކަލުގެ ފަހަތުގައި އަހަރެންގެ އަންހެނުން ވެސް އިނެވެ.

ރަށުތެރެއަށް ލޮނުގަނޑު އަރަމުން އަންނާތީ ސައިކަލުގެ މިސްރާބު ބަދަލުކޮށްލީ ދަނާލުގެ ދެކުނުން އޮންނަ ހަނި މަގުން ހުޅަނގަށެވެ. ރަށުގެ ބަނދަރާ ދިމާއަށް (ވީހައިވެސް ހުޅަނގުން) ގޮސް އަހަރެންގެ އަވަށަށް (ބަރާސިލަށް) ދިއުމަށެވެ.

ބަނދަރުމަތިން ދުއްވަމުން ދިޔައިރު، އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވަމުން، ރަށަށް ރާޅު އަރަމުން އަންނަކަން މީހުންނަށް އަންގަމުން ދިޔައިމެވެ. ސައިކަލުގެ ސްޕީޑަށް ހަމަ ގައިމުވެސް އެންމެ ތަންފުކެއްވެސް މަޑުޖެހުމެއް ނާދެއެވެ. ވިއްޔާ ވާނީ ސްޕީޑް ބާރެވެ.

ބަނދަރުމަތިން ސައިކަލް ދުއްވަމުން ގޮސް ކޯސްވޭ މަގަށް (ބޮޑުތަކުރުފާނު މަގަށް) ނުކުމެވުނު އިރު، އެ ހިސާބަށް އެއްވެސް ވަރަކަށް ރާޅުގެ ހިލަމެއްވެސް ނުވެއެވެ. އަރަމުން ދިޔަ ރާޅުގެ ބޮޑުމިނެއް، ރަށުތެރެއަށް ލޮނުގަނޑު އަރާނީ ކިހާވަރަކަށް ކަމެއް އަންދާޒާ ނުކުރެވޭތީ، ދުއްވަމުން ދިޔަ ޅިޔަނުގެ ސައިކަލު ލޮނުގައި ނުޖައްސައި ވޭތޯ ބެލުމަށް ބަރާސިލު އަވަށުގެ ބޯޅަ ދަނޑާއި ދިމާއަށް މިސްރާބު ޖެހީމެވެ. އަހަންނަށް ފެންނަނީ ހަމައެކަނި މަގުން އަހަރެން ދުއްވަން އޮތް ތަނެވެ. އެހެން ދިމާއަކަށް ކަޅިއެއް އެއްލަންވެސް ހިތަކަށް ނާރައެވެ.

“ބޯޅަ ދަނޑު ފައިރަވެސް އެއޮއް ވެއްޓެނޫ. ރާއްޅާއެކު ލޮނަގަނޑަ މައްތުން އެއޮއް އުމަނޫ.” އަހަރެންގެ އަންހެނުން މިހެން ބުނި ހަނދާން ވެއެވެ. ނަމަވެސް އެ ބުނާ ތަނެއް އަހަންނަކަށް ނުފެނެއެވެ. އަހަރެންގެ ފޯކަސް ހުރި ދިމާގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ބޯޅަ ދަނޑު ފަހަނައަޅައި އެތައް ހިސާބަކަށް ދިޔަފަހުން މިކަމުން ސަލާމަތެއް ނެތްކަން ކަށަވަރު ވެއްޖެއެވެ. ވަގުތުން ސައިކަލު އަނބުރާލީމެވެ. އައި ކޮޅަށް ދުއްވާފައި ގޮސް ސައިކަލު މަޑުކޮށްލީ އަހަރެންގެ މައިންބަފައިންގެ ގެ (އެސްޖެހިގެ) ހުންނަ މަގަށް ބޮޑުތަކުރުފާނު މަގުން ގޮސް ވަންނަ ހިސާބު ކަން މައްޗާ ހަމައިގައެވެ. ސައިކަލުގެ ހަރު ޖައްސާފައި އަހަރެމެން ދެމަފިރިން ސައިކަލުން ފޭބި ވަގުތު، ސުނާމީގެ ރާޅާއެކު ރަށުތެރެއަށް ބާރު ސްޕީޑްގައި އަރައިގެން އައި ލޮނުގަނޑު އަހަރެމެންނާ ހަމައަށް ވެސް ފޯރައިފިއެވެ. އިސާހިތަކު މޭކަށިގަނޑާ ހަމައަށް ފެންގަނޑު އަރައިފިއެވެ.

ބާރު އޮޔާއެކު ރަށުގެ އިރުން ހުޅަނގަށް ދެމެމުން ދިޔަ އެ ގަދަ އޮއިވަރުގެ ތޫފާނީ ލޮނުގަނޑުތެރޭގައި އެއްގަމަށް (ތިބި ހިސާބުން އިރުމަތީ ފަރާތަށް) ހިނގަން ފެށީ އަހަރެންގެ މައިންބަފައިންގެ ގެއާއި އަހަރެން އޭރު ދިރިއުޅެމުން ދިޔަ އަހަރެންގެ އަންހެނުންގެ ގެއަށް ދިއުމަށް ހިތް އަވަސްވެ، ކަންބޮޑުވެ، ބިރުގަނެ، މާޔޫސްވެ ހުރެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެވަގުތު އަންހެނުންގެ ގޭގައި ތިބޭނީ އަހަރެމެންގެ 3 އަހަރަށްދާ އަންހެން ދަރިފުޅާ އަންހެނުންގެ މަންމަ އާއި އަންހެނުންގެ ކުޑަ ފިރިހެން ކޮއްކޮ އަކާއި ބަލި ހާޅުގައި ތިބި އަންހެނުންގެ ކާފަ އާއި މާމަ އެކަނިމާ އެކަންޏެވެ.

ކުރިއަށް ހިނގޭތޯ މަސައްކަތް ކުރިޔަސް، ފިޔަވަޅެއް އެޅެނީ ވަރަށް ހާލުންނެވެ. ފައި ދަށުގައި ބިމުގެ ވެލިކޮޅެއްވެސް ހަރުނުލާކަން އެނގެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ފައިދަށުން ވެލިގަނޑު ކެހިގެންދަނީ އެ ގަދަފަދަ އޮއިވަރުގެ ސަބަބުންނެވެ. އަނެއްކޮޅުން ގަދަ އޮއިވަރާއެކު ބޮޑެތި އަލަމާރި، ދޮންނަ މެޝިނު، އައިސްއަލަމާރި އާއި އެނދު ފަދަ ތަކެތިވެސް އިރުން ހުޅަނގަށް އޮޔާއެކު ދަތުރުކުރަމުން ދާތަން ފެނެއެވެ.

އެވަގުތު އަހަރެންގެ ހިިތަށް އައި އެއްޗެހީގެ ގިނަކަމުން އަދިވެސް އެ ކަންކަން ސިފަކޮށްލަންވެސް ދައްޗެވެ. އަހަރެންގެ ދަރިފުޅު ކޮބައިބާވައެވެ؟ މި ގަދަފަދަ ރާޅުގެ ސައިލުގައި ޖެހިގެން ސަލާމަތުން ތިބެވޭނެބާވައެވެ؟ އަހަރެންގެ މައިންބަފައިންނާއި އާއިލާ އެންމެން ކޮބައިބާވައެވެ؟ ރަށުގެ އިރުމަތީ ފަރާތު އަތިރިމައްޗާ ނުހަނު ގާތުގައި ދިރިއުޅެމުން އަންނަ އަހަރެންގެ އެއްބަނޑު އެއްބަފާ ހަމައެކަނި ދައްތައާއި އާއިލާ އަދި އެންމެ ދޮށީ ބޭބެއާއި އޭނާގެ އާއިލާ ސަލާމަތުން ތިބޭނެބާވައެވެ؟ އަންހެނުންގެ މަންމަ، ކޮއްކޮ، ކާފަ އަދި މާމަ ސަލާމަތުން ތިބޭނެބާވައެވެ؟ މިއީ އަނެއްކާ ދުނިޔެ ނިމެނީ ނޫންބާވައެވެ؟…………… މިފަދަ އެތަކެއް ސުވާލުތަކެއް ހިތަށް ވެރިވަމުންދިޔައިރު، އަހަރެންގެ އަންހެނުންނަށް ސަޕޯޓްދިނުމަށް އޭނާގެ ގައިގައި ހިފަހައްޓައިގެން އެއްގަމަށް އެރުމަށް ހަނގުރާމަ ކުރަމުން ދިޔައީ ރޮމުން، ގިސްލަމުން، ކިޔުނުހާ ހެޔޮއެއްޗެއް ކިޔަމުންނެވެ.

ނުނިނޭ

މިއީ 26 ޑިސެމްބަރު 2004 ސުނާމީ ކާރިސާގައި އަހަރެން ކުރި ތަޖުރިބާތައް ތަފުސީލުކޮށް ގެނެސްދިނުމަށް ފެށި ކުރު ސިލްސިލާ އެކެވެ. މީގެ 15 އަހަރު ކުރިން ފެށިގެން، ހަމަ ކޮންމެ އަހަރަކު މި ކަން ސިފަކޮށްފައި ލިޔެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އެ ދުވަހުގެ އެ ހިތްދަތި ފުން ހަނދާންތައް އައުވުމާއެކު ލިޔުން ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް މިއަދު އައު ހިތްވަރަކާއެކު، އެ ދުވަހުގެ ތަޖުރިބާތައް ލިޔެވޭތޯ މި ފެށި މަސައްކަތް މިހިސާބަށް ކުރުމަށް މިންވަރު ކުރެއްވީތީ ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.

ޔާﷲ! މިފަދަ އެހެން ދުވަހެއް މި އުއްމަތަށް ނުދައްކަވާށިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.