13 އަހަރަށްފަހު މަޝްހޫރު ޕްރެޒެންޓަރ، މޫސާ ވަސީމް ޓީވީއެމް އިން އިސްތިއުފާދީފިއެވެ.

މޫސާ ވަސީމް އިސްތިއުފާދިންކަން މީޑިޔާއަށް ހާމަނުކުރިޔަސް އިސްތިއުފާ ދިން ޚަބަރު އޭނާ ދޮގެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސަ ޓީވީއެމްގެ ވަޒީފާ އިން އިސްތިއުފާ ދިނީ މިއަދުއެވެ.

ޕީއެސްއެމްގެ މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕަކަށް މޫސަ ފޮނުވި މެސެޖެއްގައި އޭނާ ވަނީ ޓީވީއެމް އިން އިސްތިއުފާ ދިން ކަން ކަށަވަރު ކޮށްދީފައެވެ.

އެމެސެޖްގައި މޫސަ ބުނީ ޓިވީއެމްގެ މުވައްޒަފުންނާއި އެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. “ޓީވީއެމްގައި މަސައްކަތް ކުރިއިރު އަހަރެންނަށް ވަނީ އެންމެ ރަނގަޅު އެކުވެރިން ލިބިފައި. އަހަރެން މިފުރުސަތުގެ ބޭނުން މިހިފަނީ އަހަރެން ޓީވިއެމްގައި އަދާކުރަމުން އައި ވަޒީފާ އިން އިސްތިއުފާ ދިން ވާހަކަ ބުނެލަން. އަހަރެން އެދެނީ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށް ޕީއެސްއެމް ނިއުސް ޓީމަށް ކާމިޔާބު ކުރިމަގެއް.” މޫސަގެ މެސެޖްގައި ބުނެފައި ވެއެވެ.

މޫސަ ބުނީ އޭނާ ޓީވީއެމް އިން އިސްތިއުފާ ދިން ނަމަވެސް އަބަދުވެސް ނިއުސް ރޫމް އޮންނާއި އޭނާގެ ހިތާއި ވަރަށް ކައިރީގައި ކަމަށެވެ.

މޫސަ ޓީވީއެމްގައި މަސައްކަތް ކުރާތާ 13 އަހަރު ވެފައި ވީނަމަވެސް އާންމުންގެ ބޮޑު މަގުބޫލްކަމެއް އޭނާ އަށް ލިބުނީ ދެއަހަރު ކުރިން ފެށިގެން އޭނާ ހުށަހަޅަމުން އަންނަ މޯލްޑިވިއަން އައިޑޮލް އާއި ހަމައިން ފެށިގެންނެވެ.

ޓީވީން ވަސީމް ފުރަތަމަ ފެނުނީ 2004 ވަނަ އަހަރު އެވެ. ޕާޓް ޓައިމްކޮށް ޚަބަރު ކިޔާ މީހެއްގެ ގޮތުގައި މަހަކު 75 ރުފިޔާގެ މުސާރައަކަށް ޓީވީއެމާ ގުޅުނު އިރު، މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ޚަބަރު ގަޑި އަށް އެރުން ފިޔަވައި އެހެން ފުރުސަތެއް އޭނާ އަށް ނުލިބެ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގެ ފުލްޓައިމް ވަޒީފާ އޭނާ ހޯދީ ކުރިމަތިލި 500 މީހުންގެ ތެރެއިން ނެގި ދެ މީހުން ކުރެ އެކަކުގެ ގޮތުގަ އެވެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.