ބައިސްކޯފުން ދައްކަމުން އަންނަ ކާމިޔާބު ސިޓްކޮމް “ކަރުހަކުރުު”ގެ ބެލުންތެރިން އިންތިޒާރުކުރަމުން ދިޔަ އެއް ކަމަކީ އެ ސީރީޒްގައި އެންމެ މަޖާ ނަގާ ކެރެކްޓަރ ޒެކް، ކަރަންޓީނު ނިންމާފައި އަންނާނެ ދުވަހަކަށެވެ. ބެލުންތެރިންގެ ކުރަމުން އައި އިންތިޒާރަށް ނިމުން އައިސްފަވަނީ ރޭ ދެއްކި އެ ސީރީޒްގެ 11 ވަނަ އެޕިސޯޑުންނެވެ.
ޒެކްގެ ރޯލުން ފެންނަ ޢަލީ އާޒިމް (ދޮން އައްޔަ)، ކަރަންޓީނު ނިންމާފައި އައިސް ފޮނިކަނޑަން ފެށީ އަމަށުވަރަކަށް ނޫނެވެ. ބޯޓުދަތުރުކުރަން ގޮސްފައި އަންނަ މީހުން ދައްކާ ފަދަ ފޮނި ވާހަކަތައް ދައްކަން ފެށި އިރު ހީވީ ބޯޓުދަތުރުކުރަން ގޮސްފައި އައިސް އުޅޭ މީހެއް ހެންނެވެ. ދަތުރުކުރި ސަރަހައްދުތަކުގެ ފިނި ވާހަކައާއި ބޮޑެތި ރާޅުތަކުގެ ތެރޭގައި އުޅުނުގޮތުގެ ވާހަކަތައް ކިޔައިދިން އިރު، ނާފިއު (އަކްޘަމް މަޢުމޫން) އާއި ލީޒާ (ޢާއިޝަތު ޢަލީ) ތިބީ ހައިރާންވެ އަންތަރީސްވެފައެވެ.
ކޮންމެއަކަސް، ޒެކްގެ ފޮނި ބައިސާތަކަށް ފަހު، ރަޝީދުގެ އާއިލާއިން ހިންގާ ފިހާރައިގައި ޒެކް ބޭންދުމުން ދެން ކަންތައްވީ ގޮތްވެސް ރޭގެ އެޕިސޯޑުން ފެނިގެންދިޔައެވެ.
ރޭގެ އެޕިސޯޑުގައި ލިއުޝާ (ލަމްހާ ލަތީފް) ހުރިހައި ވަގުތެއް ހޭދަކުރީ ކޮޓަރީގައެވެ. ފުރަބަންދަށް ލުޔެއް ލިބުމުން ނާއިފު (ރައުފަތު ޞާދިޤު)ގެ ދެމަފިރިން މާ ވަދިކޮށް އުޅުނީ ކޮޓަރީގައެވެ. ދޭތެރެއަކުން ނާއިފު ސިޓިންރޫމަށް ނުކުންނަ އިރުވެސް ހިނގަނީ ފާޑަކަށެވެ. އެކަމަށް ޖޯކުޖަހައި ދެމާނަ ހިމެނޭ ޑައިލޮގުތަކުން ބަހުން ޖަހަން ނާފިއު (އަކްޘަމް މަޢުމޫން) އިންނަނީ ހީލަހީލައެވެ.
“ކަރުހަކުރުު”ގެ މި ސީޒަންގެ ފަސްވަނަ އެޕިސޯޑާ ހަމައިން ޒެކް ނުފެނި ހުރުމަށްފަހު، ރޭގެ އެޕިސޯޑުގައި ޒެކް ފެނުމުން ސީރީޒަށް އިތުރު ދިރުމެއް ލިބިގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް 10 ވަނަ އެޕިސޯޑުން ކުޑޭ (މުޙައްމަދު އަފްރާހު) ކަރަންޓީނަށް ދިއުމުން ހަމަ ގައިމުވެސް ބެލުންތެރިންނަށް މާޔޫސްކަމެއް ލިބުނެވެ. ނަމަވެސް ޒެކް އައުމުން ދެން ކަންތައްތައް ހުންނާނެ ގޮތް އެނގެއެއްނުދޯއެވެ.
މަހްދީ އަޙްމަދުގެ މަޖާ ސްކްރީންޕްލޭ އަށް، މުޙައްމަދު މުންތަސިރު (މުންކޮ)ގެ ހުނަރާއި ހިއުމަރ ހިމަނައިގެން ޑައިރެކްޓްކޮށް ގެނެސްދޭ ”ކަރުހަކުރު”ގެ އައު އެޕިސޯޑެއް ކޮންމެ ބުދަ ދުވަހެއްގެ ރޭ ބައިސްކޯފުން ދައްކާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!