މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދެމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ ދެވަނަ އެޕިސޯޑާއެކު ރޫމީގެ ވާން އުޅޭ ކޫލް ބަފައިބެ ދައްކާލައިފިއެވެ. މި ސީރީޒްގައި ޖަންނަތުގެ ބައްޕަގެ ރޯލުން ފެނިގެންދާ ޙަސަން މަނިކު (ރޯނު) ދައްކާލާފައިވަނީ މީގެ ކުރިން ފިލްމެއްގައި ހަސަން ދައްކާލާފައި ނުވާ ފަދަ މަޖާގޮތެއް ހުންްނަ ކެރެކްޓަރަަކުންނެވެ.

ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ ދެވަނަ އެޕިސޯޑް ފެށިގެން އަންނަނީ ނޫސްވެރިޔާ ނެޑީ (ފައިސަލް) އަށް ކުރިމަތިވާ ކަންތައްގަނޑަކުންނެވެ. ނެޑީއަށް ކުރިމަތިވާ ކަންތައް އޭނާ ތުހުމަތު ކުރަނީ އެބައެއްގެ ވާހަކަ އޭނާ ހިތަށްއެރިހާ ގޮތަކަށް ލިޔަމުން އަންނަ ޕްރޮޑަކްޝަން ހައުސް ‘ޑާކް ސްޓޭންޑް’ގެ މީހުންގެ ބޮލުގައެވެ.

ނެޑީ: މަށަށް ޔަޤީންކަމާއެކީ އެނގޭ މިކަމުގެ މުގުލުގަ ވާނީ ކޮންބައެއްކަން.
ރޫމީ: އޭނ!؟
ނެޑީ: މަށަށް މިވަރުގެ ގެއްލުމެއް ދީގެން ފައިދާއެއް ލިބޭނެ އުޅޭނީ ހަމަ އެންމެ ބައެއް! …. ޑާކް ސްޓޭންޑް މީހުން!

‘ޑާކް ސްޓޭންޑް’ އަށް ނެޑީ ތުހުމަތުގެ އިނގިލި ދިއްކޮށް އެވަރުން ނިންމައެއް ނުލައެވެ. އޭނާގެ ނޫސްވެރިކަމުގެ ކެހިވެރި އުކުޅުތަކާ އެއްފަދައިން އޭނާއަށް ލިބުނު ގެއްލުން ދެގުނައަށް ބޮޑުކޮށްލައި އެކަން މީސްމީޑިއާ ޝެއާކުރެއެވެ. ނެޑީގެ ޑަބަލް ސްޓޭންޑް، ޗީޕް ދިރިއުޅުމުގެ ކޮންމެވެސް މިންވަރެއް ވެސް ރޭގެ އެޕިސޯޑުން ފެނިގެން ދެއެވެ.

އަނެއްކޮޅުން ޖަންްނަތުގެ ބައްޕަ ރިސީވްކުރަން ދާން ޖެހުނީ ރޫމީއަށެވެ. ޖަންނަތުގެ ބައްޕަ އަށް ރޫމީ އާ ދިމާވުމަށް ފަހު، ހުރެވުނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެ އޮޅުންގަނޑުގެ ތެރޭގައި ވަރަށް މަޖާ ކަންްތައްތަކެއް ހިނގާއިރު، ރޫމީގެ ނަމަކަށް ތަފާތު މަޖާ ނަންތައް ޖަންނަތުގެ ބައްޕަގެ ރޯލުން ފެނިގެންދާ ހަސަން ބޭނުންކުރެއެވެ. ރޫމީގެ ނަމަށް ކިތަންމެ ނަމެއް ބޭނުންކުރިޔަސް، ރޫމީ އާ އަލަށް ދިމާވި ދިމާވުމުންވެސް ޖަންނަތުގެ ބައްޕަގެ ކޫލްކަން ފެނިގެންދެއެވެ.

ރޫމީގެ އެޕާޓްމެންޓަށް ޖަންނަތުގެ ބައްޕަ ގޮވައިގެން ދިއުމަށްފަހު ދެން އެ ކުރިމަތިވާ ކަންތައްތަކުން ވެސް ހަމަ ގައިމުވެސް ނުހީ ނުތިބެވޭނެކަން ޔަޤީންކުރެވެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ރޫމީ އާ ޖަންނަތު“ގެ ލީޑުން ފެނިގެންދާނީ ފުބޫ އާއި ނުޒޫ އެވެ.

ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.