ލައިފްޖެކެޓަކަށް ލާފައިވާ ތުއްތު ކުއްޖެއްގެ ވަށައިގެން މީހުންތަކެއް ތިބި ފޮޓޯއެއް މިދުވަސްވަރު އަނެއްކާވެސް މިވަނީ ވައިރަލްވެފައެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔެލާފައިވަނީ މިއީ އިންޑޮނޭޝިއާގެ ސްރިވިޖަޔާ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި ސަލާމަތްވި ކުއްޖެއް ކަމަށެވެ. ނަމަވެސް ‘އިންޑިއާ ޓްޑޭ އެންޓި ފޭކް ނިއުސް ވޯރ ރޫމް’ (އޭއެފްޑަބަލިޔުއޭ) އިން މިކަމުގެ ހަޤީޤަތް ވަނީ ހާމަކޮށްފައެވެ. އޭއެފްޑަބަލިޔުއޭ އިން ބުނީ މިިއީ 03 ޖުލައި 2018 ވަނަ އަހަރު އިންޑޮނޭޝިޔާގެ ސެލޭޔާރ ރަށް ކައިރިއަށް ބަނޑުން ޖަހައިލި ބޯޓަކުން ސަލާމަތްވި ކުއްޖެއް ކަމަށެވެ.

56 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ސްރިވިޖަޔާ އެއަރ ބޯއިންގ737-500 ސީރީޒްގެ މަތިންދާބޯޓު ރާޑަރަށް ގެއްލުނީ މިމަހު ނުވަވަނަ ދުވަހު ބޯރނިއޯއަށް ފުރައިގެން ދަނިކޮށެވެ. މި ބޯޓުގެ ބައިތަކާއި ބައެއް ފަސިންޖަރުންްގެ ހަށިގަނޑު ބައިތައް މިހާރު އަންނަނީ ފެންނަމުންނެވެ.

ކަަން މިހެން އޮތް ނަމަވެސް، މި ނާޒުކުރު ދަނޑިވަޅުގައިވެސް ފޭކް ފޮޓޯތައް ފަތުރައިގެން ބައެއް އޮންލައިންތަކުން ގިނަ ހިޓްސް ހޯދަން މަސައްކަތްކުރަމުން އަންނައިރު، މީސްމީޑިއާގައި ވެސް ބައެއް ފަރާތްތަކުން މި ޕޯސްޓް ހިއްސާކޮށް ދޮގު ޚަބަރު ފަތުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ބްރޭކިންގ ނިއުސް #ﷲއަކްބަރް، އިންޑޮނޭޝިޔާ ބޯޓުން ތުއްތުކުއްޖެއް ސަލާމަތްވެއްޖެ!” މިއީ ބައެއް ފަރާތްތަކުން މި ފޮޓޯ ހިއްސާކުރަމުން އަންނަ ގޮތެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. ހޭޝްޓެގާއެކު ﷲއަކްބަރް ޖެހުމަށްފަހު ތިމާއަށް މި ފެތުރެނީ ބުހުތާނު ދޮގު ޚަބަރެއްކަމާމެދު ވިސްނާވެސް ނުލަނީތޯއެވެ.

މީގެ ކުރިންވެސް އެތައް ފަހަރަކު މި ފޮޓޯއާއެކު ތަފާތު ދޮގު ޚަބަރުތައް ފަތުރާފައި ވެއެވެ. އެގޮތުން މި ލިންކުތަކުން މިފަދަ ޚަބަރުތައް ބަލައިލެވޭނެއެވެ. ލިންކް, ލިންކް ލިންކް.

ވެއްޓުނު ސްރިވިޖަޔާ މަތިންދާބޯޓުގެ ޚަބަރުތަަކަށް ބަލައިލާއިރު، “ސީއެންއެން” ގައި ރިޕޯޓުކޮށްފައިވާ ގޮތުން ބޯޓުގެ ދެ ކަޅުފޮށި ތެރެއިން އެއް ފޮށި މިހާރު ސާޗް އެންޑް ރެސްކިއު ޓީމުތަކުން ވަނީ ހޯދާފައެވެ. އެގޮތުން މިއަދު މި ފޮށި ހޯދާފައިވަނީ ސާޗް އޮޕަރޭޝަނުގައި ބައިވެރިވި އެ ޤައުމުގެ އަސްކަރިއްޔާގެ ޓީމަކުންނެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީގެ ޗީފް ބޭގަސް ޕުރީތޯއާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުން ދެ ސަރަޙައްދަކުން ސިގްނަލްތައް ދެނެގަނެވިފައިވާއިރު، ބޯޓުގެ ކަޅުފޮށި އޭގެ ތެރެއިން ސަރަޙައްދެއްގައި ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި މަތިންދާބޯޓު ވީނުވީއެއް ނޭނގި ހޯދަންފެށިތާ މާގިނައިރު ތަކެއް ނުވަނީސް، އިންޑޮނޭޝިއާގެ މަސްވެރިންތަކަކަށް މަތިންދާބޯޓެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިގެންވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި މަތިންދާބޯޓު ގޮސް ކަނޑަށް ވެއްޓުނު މަންޒަރު ފެނުނު ކަމަށާއި، އެއާއެކު ބޮޑު ގޮވުމެއްގެ އަޑުއިވުނު ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.