ބ. ގޮއިދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. އެގޮތުން ފެނާއި ނަރުދަމާއަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދާއި އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަޙްމަދު މަޢުސޫމުގެ އިތުރުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ. މިރަސްމިއްޔާތުގައި އެރަށު ކައުންސިލާއި ރައްޔިތުން ބައިވެރިވިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ދެއްކި ވާހަކަފުޅުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ވިދވެފައިވަނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް މެދުނުކެނޑި ރައްޔިތުންނަށް ޚިދުމަތް ލިބުމަށް ކަމަށެވެ.
މިހާރު ދަނީ އެރަށުގައި ފެން ޕްލާންޓް ބަހައްޓާ ޢިމާރާތުގެ މަސައްކަތް ކުރަމުންނެވެ. ފެނާ ނަރުދަމާގެ މަޝްރޫޢުއާއެކު އެރަށުގައި ބޯފެން ރައްކާކުރާ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ. މި މަޝްރޫޢުގެ ދަށުންު އެރަށުގައި 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގާއެއް އަދި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގާއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް ވިދާޅުވިގޮތުގައި ޑިޒައިންއާއި އަދި އީއައިއޭ ހެދުންފަދަ މަސައްކަތްތައް ނިންމުމަށް ޢަމަލީ މަސައްކަތް ނުފެށި ގިނަ ދުވަސް ވީ ކަމަށާއި، މަޑުޖެހުމެއް އައި ނަމަވެސް ކޯވިޑްގެ ޙާލަތުގައިވެސް މިއަހަރުގެ ޖޫން އަށް މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓްގައި ގޮއިދޫގެ 153 ގެއަށް ނެޓްވޯކް ގުޅުމަށްވަނީ ހަމަޖެހިފައެވެ. 46 މިލިއަން ރުފިޔާއަށް ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
