ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސީރީޒްތަކުން ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ “އިމްލީ” ސީރީޒަށް އަންނަން ހުރި ޓްވިސްޓްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ފެނިގެންދާނީ އިމްލީ (ސުމްބުލް ތޯކީރް) އަކީ ކައިވެންޏެއް ކޮށްގެން އުޅޭ ކުއްޖެއްކަން މާލިނީ އަށް ފަޅާއަރާ ތަނެވެ.

އިމްލީގެ އަވަށް ޕަކްޑަންޑިޔާގައި އިމްލީ ބަހައްޓާފައި އަދިތިޔާ ދިއްލީއަށް ދިއުމަށް ނައްޓާލައެވެ. އޭގޭ އިރުކޮޅެއް ފަހުން އިމްލީ އާއި ކުރިމަތިވާ ކަންތައްގަނޑެއްގައި އިމްލީގެ ގަޔަށް ވަޒަނެއް އަރައެވެ. އިމްލީ ހޮސްޕިޓަލަށް ގެންދަން ދިއްލީއަށް ދިއުމަށް ސަތިޔަކާމް (ވިޖޭ ކުމާރް) އާއި އިމްލީގެ މަންމަ މީޓީ ވަލުމަގުން ދަތުރު ފަށައެވެ. ނަމަވެސް އޭރު ފުލުހުން މުޅި ޖަންގައްޔާ އެކުގައި ހޭލަމޭލަވެ އުޅެނީ ސަތިޔަކާމް ހޯދުމަށެވެ. އެހެންކަމުން ހިތާ ދެކޮޅަށް ނަމަވެސް، މީޓީ އާއި ހަވާލުކޮށްފައި ސަތިޔަކާމް ފިލަން ދެއެވެ.

އިމްލީގެ މަންމަ މީޓީގެ ކޮޑުމައްޗަށް އިމްލީ ލައިގެން ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަނެވެ. ނަމަވެސް އެވަގުތު ފުލުހުން މީޓީ ހުއްޓުވައެވެ. އެތަނަށް އަދިތިޔާ (ގަޝްމީރު މަހާންޖާނީ)އަށް ދެވެއެވެ. އިމްލީގެ މަންމަ ފޮނުވައިލުމަށްފަހު އިމްލީ ގޮވައިގެން އަދިތިޔާ ދިއްލީގެ ހޮސްޕިޓަލަކަށް ދެއެވެ. އޭރު އަދިތިޔާގެ އާއިލާ އެކުގައި ހޮސްޕިޓަލުގައި ތިބެއެވެ.

މަރުގެ ތުންފަތްމަތީގައި އޮތް އިމްލީގެ ހާލަތު ފެނި، އިމްލީގެ މުހިންމުކަން އަދިތިޔާއަށް ވިސްނެއެވެ. އަދިތިޔާ އާއި އޭނާގެ އާއިލާއިން އިމްލީއަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއެވެ. އިމްލީގެ ހާލަތު ރަނގަޅުވެއެވެ.

 

އިމްލީ އާއި އަދިތިޔާގެ ގުޅުން އަދިވެސް އޮތީ މާލިނީ އާއި އަދިތިޔާގެ އާއިލާއަށް ސިއްރުކުރެވިފައެވެ. ނަމަވެސް އެ ސިއްރު ފަޅާއަރަން ކައިރިވެއްޖެކަމަށް ސްޕޮއިލާ އެލާޓްތައް ބުނެއެވެ.

ކޮންމެއަކަސް، އިމްލީގެ ހާލަތު ސްޓޭބަލް ވުމުން މާލިނީ އާއި އަދިތިޔާގެ އާއިލާ މެންބަރުން ގެއަށް ދެއެވެ. ހޮސްޕިޓަލުން ނަރުސްކުއްޖާ ހަވާލުކުރި އިމްލީގެ ތަކެތީގެ ތެރެއިން ފައިގެ އިނގިލީގައި އަޅާ މުންޖެއް (ބިޗިއާ އެއް)ގެ އިތުރުން އައު ކައިވެނީގައި އަޅާ ޒާތުގެ ތަނޑިބަޔަކާއި ކައިވެންޏާއި ގުޅުންހުރި އެއްޗެހިތަކެއް ފެނެއެވެ. މުޅި އާއިލާއަށް ބޮޑު ޝޮކެއް ލިބިގެން ދެއެވެ. އެކަން ފޫބެއްދުމަށް އަދިތިޔާ އަށް އިތުރު ބަހަނާއެއް ނުދެއްކެނީސް، އިމްލީ އަކީ ކައިވެނިކޮށްގެން އުޅޭ ކުއްޖެއްކަން މާލިނީ އާއި އަދިތިޔާގެ އާއިލާއަށް ފަޅާއަރައެވެ. ނަމަވެސް އިމްލީ ކައިވެނިކޮށްގެން އުޅެނީ އަދިޔާއާ ކަން އެނގިގެނެއް ނުދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.