ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޕޮލިސް ކުލަބް ހޯދައިފި އެވެ. ޤައުމީ ވޮލީބޯޅަ ލީގު 1 ފިރިހެން ޑިވިޝަންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ މެދުގައި ކުރިޔަށްދާ މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސިފައިންގެ ކުލަބް ހޯދާފައިވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ޕޮލިސް ކުލަބާއި ވާދަކޮށް 3 ސެޓް 2 ސެޓުން ކާމިޔާބުކޮށްގެން ނެވެ. ތިން ސެމީ ފައިނަލާއި ފައިނަލް ހިމެނޭ މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ ލީގުގެ ތިންވަނަ ހޯދި ކުލަބް އެޗްޑީސީ އާއި ހަތަރުވަނަ ހޯދި ކުލަބް އެމްޓީސީސީ އެވެ. ސެމީ ފައިނަލް ތިންވަނަ މެޗުގައި ބައްދަލުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ޕޮލިސް ކުލަބާއި ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވި ކުލަބް އެޗްޑީސީ އެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ކާމިޔާބުކޮށް ޕޮލިސް ކުލަބް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ 3 ސެޓް 1 ސެޓުން މޮޅުވެގެން ނެވެ. ފުރަތަމަ ސެޓްގައި ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނުއިރު، މި ސެޓްގައި އެއްވެސް ޓީމަކަށް ތަފާތުބޮޑު ލީޑެއް ނެގިފައެއް ނުވެ އެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 26-24 އިން ނެވެ. ފުރަތަމަ ސެޓްގައި ދެއްކި ކުޅުން ދެވަނަ ސެޓްގައި ކުލަބް އެޗްޑީސީއަށް ނުދެއްކުނެވެ. މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 21-25 އިން ނެވެ.
ތިންވަނަ ސެޓްގައި ކުލަބް އެޗްޑީސީއިން ވަނީ ތަފާތު ކުޅުމެއް ދައްކައި ޕޮލިސް ކުލަބަށް ބޮޑު ޗެލެންޖެއް ދީފަ އެވެ. މި ސެޓްގައި ކުލަބް އެޗްޑީސީއިން 25 ޕޮއިންޓް ހޯދިއިރު، ޕޮލިސް ކުލަބަށް ހޯދުނީ 20 ޕޮއިންޓެވެ. ހަތަރުވަނަ ސެޓްގައި ފެނުނީ ޕޮލިސް ކުލަބުން ފުރަތަމަ ދެ ސެޓްގައި ދެއްކި ކުޅުން ތަކުރާރުކުރި ތަނެވެ. މި ސެޓްގައި ކުލަބް އެޗްޑީސީއަށް އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. އެންމެ ފަރަގު ބޮޑުކޮށް ފެނުނު މި ސެޓް ޕޮލިސް ކުލަބް ކާމިޔާބުކުރީ 18-25 އިން ނެވެ.
މި މެޗާއިއެކު ކުލަބް އެޗްޑީސީއަށް މުބާރާތް ނިމުނުއިރު، އެ ޓީމަކީ މުބާރާތުގެ ތިންވަނަ ޓީމެވެ. އެ ޓީމަށް އިނާމާއި މެޑެލް ހަވާލުކުރުން ރޭގެ މެޗަށް ފަހު ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.
