ބޭރު ގައުމުތަކުގެ ޕްރޮޑަކްޝަން ހައުސްތަކާ ގުޅިގެން ދިވެހި ފަންނާނުން ކޮށްފައިވާ މަސައްކަތްތައް މަދުން ނަމަވެސް ފެންނަމުން ދެއެވެ. އެގޮތުން އިންޑިއާ އާއި ސްރީ ލަންކާގެ ފަންނާނުންނާ ގުޅިގެން އުފައްދާ ޕްރޮޑަކްޝަން ފެނެއެވެ. ރާއްޖޭގެ ޕްރޮޑަކްޝަން ހައުސް އެއް ކަމަށްވާ ‘ދަރާ ޕްރޮޑަކްޝަން’ އާއި އިންޑިޔާގެ ނިއު ދިއްލީގައި ވިދާލާފައިވާ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއިއެކު ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް މީގެ ކުރިން މުޙައްމަދު ރަޝީދު (ދަރާ) ވަނީ ބުނެފައެވެ.

‘ދަރާ ޕްރޮޑަކްޝަން’ އާއި ގުޅިގެން އިންޑިޔާގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ އާޓިސްޓުންތަކެއް މިވަނީ އެތަނުގެ ހިޓް ލަވައެއް ކަމަށްވާ “ދުކްމުކާލީ” އަށް ރާއްޖޭގައި ލަވައެއް ޝޫޓްކޮށް ރިލީޒްކޮށްފައެވެ. އައްސާމްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭކިބް ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެނިގެންދެއެވެ.

މި ލަވައިގެ ވީޑިއޯ ތައްޔާރުކުމުގައި އައްސާމްގެ އާޓިސްޓުންގެ އިތުރުން ރާއްޖޭގެ ޒުވާން އާޓިސްޓުން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން ލަވައިން ފެނިގެންދާ ނޭކިބް އާއި ކެޓްރީނާގެ މޭކަޕް ހަދައިދީފައިވަނީ ފާޠިމަތު މާޔާ އެވެ. ޑްރޯން މަންޒަރުތައް ނެގީ ސަމާހް އެވެ. ޕްރޮޑަކްޝަންގެ މަސައްކަތުގައި ރާއްޖެއިން އިސްވެ އުޅުނީ ދަރާ ޕްރޮޑަކްޝަން އިން މުޙައްމަދު ރަޝީދު (ދަރާ) އެވެ.

ދަރާ ޕްރޮޑަކްޝަންގެ ވިސްނުން ހުރީ ބޭރުގެ ފަންނާނުންނާއި ގުޅިގެން ރާއްޖޭގެ ފަންނާނުންނަށް ފުރުޞަތުތަކެއް ލިބޭ ގޮތަށް ގިނަ މަސައްކަތްތަކެއް ކުރުމަށެވެ. އެގޮތުން މީގެ ކުރިންވެސް ބައެއް ހިންދީ ލަވަތައްވެސް ނެރެފައިވެއެވެ. މީގެ އިތުރުން ވެބް ސީރީޒެއްގެ މަސައްކަތްވެސް އިންޑިޔާގެ ފަންނާނުންނާައި ގުޅިގެން ކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.