ސްކިލް ޓްރެއިނިން ސެންޓަރުން އަތޮޅުތަކަށް ޚާއްސަ އޮންލައިން ކުލާސްތަކެއް ފަށަނީއެވެ. މި ކުލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުގައެވެ. މި ކުލާސްތަކު ތެރޭގައި އާޓް އެންޑް ކްރާފްޓް ކުލާސް، ދިވެހި ކިޔަމާ ލިޔަމާ ކުލާސް، ސްކިލް ލާރން ފޮ ކިޑްސް އާއި އަދިވެސް ތަފާތު ކުލާސްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލާސްތަކަކީ ގޫގުލް މީޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ކުލާސްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެންމެ ޚާއްސަ ކުލާސްތަކެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ހަށަނަރަ ކުލާސްތަކެވެ. މި ކުލާސްތަކަކީ ސްކިލްގައި މުޅިން އަލަށް ފަށާ ކުލާސްތަކެކެވެ. މި ކުލާސްތައް އަމާޒުކޮށްފައިވަނީ އަކުރުތަކާއި ފިލިތައް ކިޔަން ފަށައިގަންނަ ކުދިންނަށެވެ. މި ކުލާސްތަކުގައި ދިމީ މިސް ތައްޔާރުކޮށްފައިވާ ހަށަނަރައިގެ ލަވަތައް ބޭނުންކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި ހަމައެހެންމެ މި ކުލާސްތަކުގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ޓީޗަރުންކަމުގައިވެސް މަޢުލޫމާތު ލިބެއެވެ. މި ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ސްކިލް ޓްރެއިނިން ސެންޓަރުގެ ރަސްމީ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމުން ނުވަތަ 7613696 މެސެޖުކުރުމުން ނުވަތަ ގުޅުމުން ލިބޭނެއެވެ. މިހާތަނަށް 300 ކުދިން މި އޮންލައިން ކުލާސްތަކުގައި ބައިވެރިވެފައިވެއެވެ. މި ކުލާސްތައް ރޭވިފައިވާ ގޮތުން ކޮންމެ މަހަކު އާކުދިންނަށް ބައިވެރިވުމަށް ހުޅުވާލެވޭނެއެވެ. މި ޕްރޮގްރާމްތަކުގައި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުން، ދިވެހި އުނގެނުމަށްޓަކައި ސްކިލްގެ މި ކުލާސްތަކުގައި ބައިވެރިވާކަމަށާއި އެގޮތުން އޮސްޓްރޭލިޔާ، ނޭޕާލް އަދި އިންޑިޔާގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުން ދިވެހި އުނގެނުމަށްޓަކައި މި ކުލާސްތަކުގައި ބައިވެފައިވާކަމަށްވެސް ދިމީ މިސް މަޢުލޫމާތު ދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.