ފިލްމް ”ލޯބިވެވިއްޖެ”ގެ ބޯނަސް ލަވަ “މިސް ވޭ”ގެ ވީޑިއޯ ލަވަ ބަލައިފިން ހެއްޔެވެ؟ މިސްކޮށްނުލައި ކޮންމެހެންވެސް މި ހިތްގައިމު ލޯބީގެ ލަވަ ބަލައިލަންވާނެއެވެ.

ބޯނަސް ލަވަ “މިސް ވޭ” ފިލްމު ”ލޯބިވެވިއްޖެ”ގެ އިންސްޓަގްރާމް އެކައުންޓް ނުވަތަ ޢަލީ ސީޒަންގެ އިންސްޓަގްރާމް އެކައުންޓާއި އޭނާގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެއެވެ.

“މިސް ވޭ” އަކީ ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީގެ އަމިއްލަ ރާގަކަށް އޭނާގެ ހިތްގައިމު، އަދިވެސް ޒުވާން އަޑުން ކިޔާފައިވާ ލަވައެކެވެ. މަޝްހޫރު ޝާއިރު އަދި ކުރީގެ ފިލްމު ޑައިރެކްޓަރ އީސާ ޝަރީފުގެ ޝާއިރީ ޤަލަމުން މި ލަވައިގައި ހިމަނާފައި ވަނީ ލޯބިލޯބި، ލޯބީގެ ވާހަކަތަކެކެވެ.

ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކޮށްފައިވާ “މިސް ވޭ” އިން ފެނިގެންދަނީ ފިލްމު ”ލޯބިވެވިއްޖެ”ގެ ޑައިރެކްޓަރ އަދި އެކްޓަރ ޢަލީ ސީޒަން އާއި ކުރިއަރަމުން އަންނަ ޒުވާން އެކްޓްރެސް ޢާއިޝަތު ޢަލީ އެވެ.

ފިލްމް ”ލޯބިވެވިއްޖެ”ގެ އޯޑިއޯ އަލްބަމަށް ލަވަ ކިޔައިދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ، މޯލްޑިވިއަން އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އެވެ. މި އަލްބަމުގައި ނުވަ ވަރަކަށް ލަވަ ހިމެނެއެވެ.

’އެސް ޕްރޮޑަކްޝަންސް‘ގެ ސިއްކައިގެ ދަށުން އުފައްދާފައިވާ ”ލޯބިވެވިއްޖެ”ގެ ޕްރޮޑިއުސަރުންނަކީ ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް އެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.