“ފްލައިޓް” މިއީ ވައިގެތެރޭގައި މަތިންދާބޯޓެއް ސަލަމަތްކުރުމަށް ކުރިއަށްގެންދާ މިޝަންއެއް ދައްކުވައިދޭ ގޮތަށް ބޮލީވުޑްގައި ތައްޔާރުކުރާ މިފަދަ ފުރަތަމަ ފިލްމެކެވެ. ޔޫއެފްއޯ މޫވީޒް އާއި ރިލަޔަންސް އެންޓަޓެއިންމެންޓުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ ކްރޭޒީ ބޯއީޒް އެންޓަޓެއިންމެންޓުން ނެވެ.

ފިލްމު “ފްލައިޓް”ގެ މޯޝަން ޕޯސްޓަރެއް އިއްޔެ އާއްމުކޮށްފައިވާއިރު، އޭވިއޭޝަން އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީއަށް ނުހިމެނޭ މީހުންގެވެސް ބޮޑު ސަމާލުކަމެއް ޕޯސްޓަރަށް ދަމައިގެންފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

މޯހިތު ޗައްޑާ، ޕަވަން މަލްހޯތުރާ އާއި ޒާކިރު ހުސައިން ތަރިންގެ ގޮތުގައި ފެނިގެންދާ މި ފިލްމަށް ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތަކުންނާއި އާއްމުންގެ ތަޢުރީފުތައް ޓްވިޓަރ އާއި މީސްމީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ބޮލީވުޑްގެ ނަން ހިނގާ މީހުންގެ ތެރެއިން ސުނިލް ގްރޯވަރ، ކްރިތިކާ ކަރްމާ، އަންކިތާ ލޮކާންޑޭ، އަކްޝަޔޭޭ ރާތީ އާއި އަދިވެސް އިތުރު ފަރާތްތަކުން ޓްވިޓަރގައި މި ފިލްމަށް ތަޢުރީފުކޮށްފައި ވެއެވެ.

“ފްލައިޓް”ގައި ދައްކުވައިދޭނީ ރަންވީރް މަލްހޯތުރާ (މޯހިތު ޗައްޑާ) މަތިންދާބޯޓެއް ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކެކެވެ. ކޭ ޗައްޑާ ގެނެސްދޭ މި ފިލްމަކީ ސޫރަޖް ޖޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ. ކިޑްނީން އުފައްދާ އެޑްނިރަލިން ހޯމޯން ދެގުނައަށް އުފައްދާފަދަ ވަރުގަދަ މަންޒަރުތަކެއް ދައްކުވައިދޭނެ މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ވިވެކް ވަސްވާނީ، ޝިބާނީ ބޭޑީ، ޕްރީތަމް ސިންހް، ކައިޒާދު ކޮޓްވާލްގެ އިތުރުންވެސް މުހިންމު ތަރިންތަކެއް ފެނިގެންދާނެއެވެ.

ފިލްމު “ފްލައިޓް” ރިލީޒްކުރާނީ 19 މާރިޗް 2021 ގައެވެ. މިއީީ ސޔާސީ ބައެއް މީހުން އެބުނާ ބީދައިން ބާރަށް ބެލްޓްއަޅައި ބާާރުކޮށްލައިގެން ތިބެ ބަލަންޖެހޭނެ ފަދަ ވަރުގަދަ ފިލްމަކަށް ވެގެންދާނެ ފިލްމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.