ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ފިލްމީ ތަރި، ޙަސަން ޢަލީ މަނިކު (ކޮއްޔަ ހަސަނިކު) އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ އަތު ލިޔުއްވުމުން ލިޔުއްވާފައިވާ ނޯޓެއް އެޓޭޗްކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ:-

“ޙަސަން ޢަލީ މަނިކު (ކޮއްޔަ ހަސަނިކު) އަކީ އުފެއްދުންތެރި ޚިޔާލު ތަނަވަސް ބޭފުޅެކެވެ. މީގެ 3 ހަފްތާ ކުރިން އަޅުގަނޑާ ބައްދަލުކޮށް މިފަދަ އެތައް ވާހަކައެއް ހިއްސާ ކުރެއްވި އެވެ. ހަސަނިކަކީ ވަރަށްގިނަ ބައެއްގެ ތާއިދާ ލޯބި ހޯއްދެވި ފަންނާނެކެވެ.
މިއަދު ހަސަނިކް މިވަނީ އަޅުގަނޑުމެންނާ ވަކިވެފައެވެ.
އެ މަރުހޫމް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.”

ރައީސްގެ އިތުރުން މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވެސް މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ތަޢުޒިޔާ ދެންނެވިއެވެ.

އެކަމަނާގެ ޓްވީޓްގައި ވަނީ:- “انا لله وانا إليه راجعون ކޮއްޔަ ޙަސަން މަނިކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއި އެކު. ޙަސަން އަކީ ދިވެހި ފަންނުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މޮޅު ފަންނާނެއް. މާތް ﷲ އެ މަރްޙޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. آمین”

ކޮއްޔަ ހަސަން މަނިކަކީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ފަންނާނެކެވެ. 1989 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ގިނަ އަދަދެއްގެ ޓީވީ ޑްރާމާ ސިލްސިލާ ތަކާއި ފިލްމުތައް ކުޅެފައިވެ އެވެ. ހަސަނިކް އެންމެ ފުރަތަމަ ލީޑް ކުޅުއްވީ ފިލްމު “އަޖައިބު” ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.