މިހާތަނަށް އައި އިރު، ގިނަ މީހުންނަށް ބޮޑަށް ދޮނާ އެނގެނީ މަޝްހޫރު މޮޑެލް އެއްގެ ގޮތުގައެވެ. ކުރިއަރަމުން އަންނަ ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އެކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ ބައިސްކޯފުގެ ކާމިޔާބު ވެބް ސީރީޒް “އެހެނަސް” އިންނެވެ. އެހެނަސް، އެ ސީރީޒުން ދޮނާގެ އެކްޓިން އެހާ ބޮޑަށް ފާހަގަ ނުކުރެވިދާނެއެވެ. އެ ސީރީޒްގެ ވާހަކައިގެ ގޮތުންނާ ދޮނާއަށް ލިބުނު ރޯލުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. އެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

ހުވާކޮށްފާ ބުނަންކެރޭ ވާހަކައެއް ބުނެލަން ހެއްޔެވެ. މިހާރު ބައިސްކޯފުން ދައްކަމުން އަންނަ ’ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ ފުރަތަމަ ވެބް ސީރީޒް ”ހުވާކޮށްފާ ބުނަން“ ގައި ޢަލީ އުސާމް (ދޮނާ) ދައްކާލައިފިއެވެ. ހުވާކޮށްފާ ބުނަމެވެ. ދޮނާ ފެނިގެން މި ދިޔައީ ވަރަށް ވަރުގަދަ އަދި ތަފާތުވެސް ރޯލަކުންނެވެ.

މަޝްހޫރު އެކްޓަރު ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ”ހުވާކޮށްފާ ބުނަން“ގެ 11 ވަނަ އެޕިސޯޑް ރޭގައި ވަނީ ދައްކާފައެވެ. އެއީ ވަރުގަދަ ކަންތައްތަކެއް ފެނިގެންދިޔަ ޝައުޤުވެރި އެޕިސޯޑެކެވެ.

ދޮނާ އާއި ހަމަ އަށް ޖެހިލާނީ އެޕިސޯޑްގެ ކުރު ޚުލާޞާއަކުންނެވެ. ސީރީޒްގެ 10 ވަނަ އެޕިސޯޑްގައި މާއިޝް (ޢަލީ އާޒިމް) އާއި ދާއިން (ފުބޫ) އަށް ކޮޅުކެހި ލިބި މަގުމަތިވެއެވެ. އެހެންކަމުން މިފަހަރުގެ އެޕިސޯޑުން ފެނިގެން ދިޔައީ އެ ދެމީހުން ކުލީ ކޮޓަރިއެއްގައި ތިބޭ ތަނެވެ. މާއިޝް އަށް ގޮތް ދައްކަމުން ދާއިން ފޯނުން ވާހަކަދައްކަމުން ގެންދިޔައީ ޒާރާ (ވާޝިޔާ މުޙައްމަދު) އާއެވެ. ޒާރާގެ ލޯބިވެރިޔާ ޖާވިދު (މުޙައްމަދު ފައިސަލް) އާ ކެރިގެން ކުރިމަތިލާނެ ގޮތްތައް ދާއިން ކިޔައިދެއެވެ. އެ ކޯލްގައި އިންދާ އެތަނަށް ޖާވިދު އާދެއެވެ. ދާއިން ކިޔައިދިން ގޮތަށް ވަރަށް ގަޓުވެލާފައި ޖާވިދު އާ ޒާރާ ކުރިމަތިލައެވެ. ގުޅިގެން އުޅެން ބޭނުން ނުވާކަމަށް ބުނެ، ގުޅުން ކަނޑާލައެވެ. އެމީހުން ޒުވާބުކޮށްކޮށް ތިއްބާ އެތަނަށް އައިސް ވަންނަނީ ޒާރާގެ ބޭބެ ނައުޝާދު (އާނަންދު) އެވެ. އެތަނުން ޒާރާ ނުކުމެގެން ދެއެވެ. ނައުޝާދު އާއި ޖާވިދަކީ އެކަކު އަނެކަކު ރަނގަޅަށް ދަންނަ ދެމީހުންކަން އެމީހުންގެ ވާހަކަތަކުން އެނގެއެވެ.

“ހުވާކޮށްފާ ބުނަން”ގެ މުހިންމު ރޯލަކުން އިރުފާނާ އިބްރާހީމް (އެރޫ) އާއި ޢަލީ އުސާމް (ދޮނާ)

“ހުވާކޮށްފާ ބުނަން” ގައި ދޮނާ ކުޅެނީ އަރުޝަދުގެ ކެރެކްޓާއެވެ. އަރުޝަދަކީ ސިޔާސީ މީހެކެވެ. އޭނާގެ ބައިވެރިޔާ އެރޫ ކުޅެނީ އައިރީންގެ ރޯލެވެ. ދޮނާ އާއި އެރޫ ތަޢާރަފުވެގެން އަންނަނީ އެ ދެމީހުންގެ ދެމެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއް އޮތް ނަމަވެސް، ހިތްދަތި ހާލަތެއްގެ ތެރޭގައި އުޅެން ޖެހިފައިވާ ބައެއްގެ ގޮތުގައެވެ.

އަރުޝަދުމެންގެ ގެއަށް ޖާވިދު (މުޙައްމަދު ފައިސަލް) އާދެއެވެ. ޒާރާ ކަޓައިފިކަމުގެ ޚަބަރު ދިނުމުން އަރުޝަދުގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އަރުޝަދުގެ ވަރުގަދަ އަދި ނުލަފާ ކެރެކްޓާއިން ދޮނާ ފެނިގެންދާ ގޮތަކީ ކުއްލި ސިހުމެއް ގެނުވި ކަމެކެވެ. އަރުޝަދަކީ ވެސް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހޯދުމަށް ސިޔާސީ ގޮތުން ފެންބޮވާ އިންތިހާއަށް ކަރުހިއްކައިގަނެފައިވާ މީހެއްކަން މި އެޕިސޯޑުން އެނގިގެންދަނީ ބެލުންތެރިންނަށް ހައިރާންކަން ގެނެސްދެމުންނެވެ.

ކޮންމެއަކަސް، މި އެޕިސޯޑުން ދޮނާ ފެނިގެންދިޔައީ ހުނަރުވެރި ޑައިރެކްޓަރެއްގެ އިރުޝާދާއެކު ދޮނާގެ އެކްޓިންގެ ހުނަރުވެރިކަން ކިތަންމެހާވެސް މޮޅަށް ނެރެވިދާނެކަން ޔަޤީންކޮށްދެމުންނެވެ. ދޮނާގެ އެކްޓިންގެ އިތުރުން، މި ސީރީޒްގައި އޭނާގެ ލުކް ވެސް ތަފާތެވެ. މިއީ ސީދާ މި ސީރީޒްއަށް ޑައިރެކްޓަރު ބޭނުންވާ ލުކް ގެނައުމަށް ދޮނާ ގެނެސްފައިވާ ބަދަލެކެވެ.

ދޮނާ އަކީ ކާމިޔާބު މޮޑެލް އެއް – ފޮޓޯ: ދޮނާ ފޭސްބްކް

2009 ވަނަ އަހަރު މޮޑެލްކުރަން ފެށި ދޮނާ އަކީ މިހާރު މި ދާއިރާއަށް އެއްކޮށް ހުސްވެގެން ހުރި ޒުވާނެކެވެ. މޮޑެލްކުރުމާއި އެކްޓިން އަށް ދޮނާ ނެރުމުގެ ފަހަތުގައި ހުރީ “އެހެނަސް”ގެ މާސްޓަރ މައިންޑް އަޙްމަދު އިޤްބާލް (އައިކިޔު) އެވެ.

މި އަންނަ އަހަރަކީ ދޮނާގެ އެކްޓިން ކެރިއަރުގައި ބޮޑު އިސްކިރީނުން އޭނާ ފެނިގެންދާނެ އަހަރުކަމަށް ދޮނާ ބުނެއެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރު މުޙައްމަދު ނިޔާޒު (ޓެޑްރީ)ގެ ފީޗާ ފިލްމެއްގެ މައިގަނޑު ރޯލަކުން އޭނާ ފެނިގެންދާނެއެވެ. މީގެ އިތުރުން ދޮނާ ފާހަގަކުރާ ގޮތުން، ދޮނާގެ މެންޓަރ ޔޫއްޕެގެ ފީޗާ ފިލްމަކުން ވެސް މި އަންނަ އަހަރު އޭނާ ފެނިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.