ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކަނޑިފަރު ދާއިރާއަށް މިފަހަރުވެސް ކުރިމަތިލާފައިވާ އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދުނާން ހަލީމްގެ ކެމްޕޭން ކަނޑިފަރު ދާއިރާގައި ވަރަށް ފޯރިއާއެކު ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 3043 މީހުން ތިބި ކަނޑިފަރު ދާއިރާގެ ތިން ރަށް ކަމަށްވާ ކަނޑިފަރު، ކާފުށިދޫ އަދި ލޮނުދޫގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ އަންހެން ކެންޑިޑޭޓް “މަރްޔަމް” ވެސް ފުރިހަމަ ރޭވުންތެރިކަމާއެކު ފިސާރި ފޯރީގައި ކެމްޕޭން ކުރަމުން އަންނައިރު، ހަލީމް ވެސް ގެންދަވަނީ އޭނާގެ ބާރާއި ނުފޫޒާވެސް އެކުގައި އެއްމެ ތަންފުކެއް ދޫނުކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ.

އަދުނާން ހަލީމްގެ ކެމްޕޭން ޓީމުން ކަނޑިފަރު ދާއިރާގެ ތިން ރަށުގެ ފާރުތަކުގައި ހަލީމްގެ ކެމްޕޭން ޕޯސްޓަރުތައް ހަރުކޮށްފައިވެއެވެ. މީގެ އިތުރުން، ހަލީމް އާއި އޭނާގެ ކެމްޕޭން ޓީމުން ދޮރުންދޮރަށް ހިނގުންވެސް ކުރިއަށް އެބަ ގެންދެއެވެ.

#ބަދަލެއްގެ ފެށުން ކެމްޕޭން ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ”މަރްޔަމް”ގެ ކެމްޕޭން ފަށާފައިވާއިރު، ހަލީމު ކެމްޕޭން ކުރަނީ #މިފަހަރުވެސް ހަލީމް ހޮވަމާ ޝިޢާރުގެ ދަށުންނެވެ.

ދާއިރާގެ ކެމްޕޭނުގެ ފޯރިގަދަވެފައި ވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެދާައިރާގެ ތަފާސްހިސާބުތަކެއް ވެސް އާއްމުކޮށްފައެވެ. އެގޮތުން ކަނޑިފަރު ދާއިރާ ބެހިފައިވާ ރަށްތަކާއި، ރަށްތަކުގެ އާބާަދީއާއި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ އާަބާދީފަދަ މައުލޫމާތު ހިމަނާފައި ވެއެވެ.

އިންތިޚާބުގެ ފޯރިއާއި ކެންޑިޑޭޓް “މަރްޔަމް” އަދި ހަލީމްގެ ވާދަވެރި ހަރަކާތްތަކާއި، އިންތިޚާބުގެ ނަތީޖާ ބަލައިލެވެން އޮތީ މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށެވެ. އޭގެ ސަބަބަކަށް ވަނީ ކަނޑިފަރުދާއިރާގެ އިންތިޚާބުގެ ހުރިހައިކަމެއް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ ޕްލެޓްފޯމުން ކަމަށް ވާތީއެވެ.

މަރްޔަމް” އަކީ ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ވަރުގަދަ ސިޔާސީ ރޯލަކުން ފެނިގެންދާ ސިޔާސީ ފިލްމެކެވެ. އާދައިގެ އަންހެނަކު އޭނާ ހިމެނޭ ދާއިރާގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލުމަށް ކުރާ ދަތުރުގެ ކަންތައްތަކެއް ފެނިގެންދާ ފިލްމު “މަރްޔަމް” އަކީ ރާއްޖޭގައި އުފައްދާ މިބާވަތުގެ ފުރަތަމަ ސިޔާސީ ފިލްމަށް ވެގެންދާނެއެވެ. އެ ކެންޑިޑޭޓެއް ބަލިކުރުމަށް “މަރްޔަމް” ނުކުމެ ހުރީ މިހާރުވެސް ކަނޑިފަރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަދުނާން ހަލީމް އެވެ. ހަލީމްގެ ވަރުގަދަ ރޯލުން ފެނިގެންދާނީ، ދިވެހި ފިލްމީ އުދަރެހުގައި އެންމެ އުޖާލާކަމާއެކު ވިދަމުން އަންނަ ހުނަރުވެރި އެކްޓަރ އަޙްމަދު ސައީދު އެވެ.

ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

މިއީ ’އެއް ކާފު ޕްރޮޑަކްޝަންސް‘ އިން އުފައްދާ މީޑިއާނެޓްގެ މަލްޓި-އެޕް އިން ދެއްކުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމު “މަރްޔަމް” ޑައިރެކްޓްކޮށް ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ.

ފިލްމު “މަރްޔަމް”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ’އޯކޭޒް‘ އިންނެވެ.

ފިލްމު “މަރްޔަމް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.