މަރްޔަމް” އަކީ ހިތްވަރުގަދަ ޒުވާން އަންހެނަކު އޭނާ ހިމެނޭ ކަނޑިފަރު ދާއިރާގެ ނުފޫޒުގަދަ މެންބަރު އަދުނާން ޙަލީމް ބަލިކޮށްލައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް ނުކުމެ ހުރި ހިތްވަރުގަދަ އަންހެނެކެވެ. އޭނާއަކީ ބަދަލެއްގެ ފެށުމެވެ. “މަރްޔަމް“ގެ ބަދަލުގެ ފެށުމުގެ ވަރުގަދަ ކެމްޕޭނުގައި އެކިއެކި ދާއިރާތަކުގެ ކަނބަލުން އަންނަނީ ބައިވެރިވަމުންނެވެ.

މަރްޔަމް“ގެ ވަރުގަދަ އުއްމީދުގައި އޭނާއާއެކު މިވަނީ ބްރޯޑްކާސްޓިން މީޑިއާގައި ކާމިޔާބު ކަނބަލެއް ކަމަށްވާ ނަސްމާ ޢަބްދުލް މުޙްސިން ބައިވެރިވެފައެވެ. ‘އުއްމީދު‘ގެ ނަމުގައި ނަސްމާގެ ޝާއިރީ ގަލަމުން އަތުރާލާފައިވާ ބަސްތަކަށް ދިރުން ގެނެސްދީފައިވަނީވެސް ނަސްމާގެ ހިތްގައިމު އަޑުންނެވެ. މީގެ ކުރިން އަޅުގަނޑުމެންނަށް އިވިފައިވަނީ ނަސްމާގެ އަޑުން ޚަބަރު ކިޔާ އަޑެވެ. ޕްރޮގްރާމްތައް ހުށައެޅުމާއި ރިޕޯޓްތައް ކިޔާ އަޑެވެ. ނަމަވެސް މިފަހަރު ނަސްމާވެސް މިވަނީ ބަދަލެއްގެ ފެށުމެއް ދައްކައިދީފައެވެ. ނަސްމާގެ ލަވަކިޔުމުގެ ހުނަރު ދައްކައިދީފައި މިވަނީ ގައިން ހީބިހި ނަގާހާ މޮޅަށް އޭނާ ކިޔާފައިވާ ‘އުއްމީދު‘ މި ލަވައިންނެވެ. އޭނާ އަކީ ޚުދު އޭނާ އަކީ އުއްމީދީ ލަވަކިޔުންތެރިއެއްކަން ސާބިތުކޮށްދީފައި މިވަނީ “މަރްޔަމް” އަށް ހިތްވަރުދެމުންނެވެ.

‘އެއްކާފު ޕްރޮޑަކްޝަން’ އިން މުޙައްމަދު ވިސާން (ކަނޑި) ޑައިރެކްޓްކޮށް ކެމެރާކޮށް ގެނެސްދޭ ސިޔާސީ ފީޗާ ފިލްމު “މަރްޔަމް“ގެ ޕްރޮމޯޝަން ލަވައެއްގެ ގޮތުގައި ‘އުއްމީދު‘ ނެރެފައިވަނީ އެ ޕްރޮޑަކްޝަންގެ މީސް މީޑިއާ މަންސަތަކުގައި މިއަދުގެ ވަގުތެއްގައެވެ.

އުއްމީދު‘ ލަވައިގެ ޅެން ހަދައި، ލަވަ ކިޔާފައިވަނީ ނަސްމާ ޢަބްދުލް މުޙްސިން އެވެ. ލަވައިގެ މިއުޒިކް ހަދައި މިކްސިންގ އާއި މާސްޓަރިންގެ ހެދީ އިބްރާހީމް ޝިހާމް އެވެ.

ވިސާން (ކަނޑި)ގެ “މަރްޔަމް” އަކީ މީޑިއާ ނެޓް އޮރިޖިނަލްސް އިން ގެނެސްދޭ އަލަތު ފީޗާ ފިލްމެވެ. އޯކޭޒް އިންކް އިން ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރާ މި ފިލްމު ފެނިގެންދާނީ ހަމައެކަނި މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށެވެ.

ލީޑުން މަރްޔަމް މަޖުދާ އާއި އަޙްމަދު ސަޢީދު ފެނިގެންދާ “މަރްޔަމް“ގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

ފިލްމުގައި ހަރަކާތްތެރިވާ މުހިންމު އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

ފިލްމު “މަރްޔަމް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.