ބޮލީވުޑް ސުޕަސްޓާރ އަމީތާބް ބައްޗަންއާއި އިމްރާން ހާޝިމީގެ “ޗެހެރޭ” އަކީ އެ ފިލްމެއްގެ ނަން އިއުލާނު ކުރީއްސުރެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނަ ފިލްމެކެވެ.
ދުވަހަކަށްވުރެ ދުވަހެއް ފިލްމާއިމެދު ޝައުޤުވެރިކަން އިތުރުވާ ކަހަލަ ކަންތައްތަކެއް ހާމަކުރަމުން ގޮސް މީގެ ދެތިން ދުވަސް ކުރިން ފިލްމުގެ ކުރު ޓީޒާއާއިއެކު މިވަނީ ޝައުޤުވެރިކަން އެތައް ގުނައަކަށް އިތުރުވެފައެވެ. އެޔާއެކު އަމީތާބް ފިލްމުގައި ފެނިގެންދާ ގޮތުގެ ޕޯސްޓަރަކާއެކު މިވަނީ ފިލްމުގެ އޮފިޝަލް ޓްރެއިލަރ ރިލީޒްކުރާ ތާރީޚު ހާމަކޮށްފައެވެ. މިއަދު ހެނދުނު އަމީތާބްގެ ޓުވިޓާގައި ވަނީ މިމަހު 18 ގައި ޓްރެއިލަރ ރިލީޒް ކުރާނެކަމަށް ބުނެފައެވެ.
އަމީތާބާއި އިމްރާންގެ އިތުރުން އަންނޫ ކަޕޫރާއި ރިއާ ޗަކްރަބަތީ އަދި ކްރިސްޓަލް ޑީ ސޫޒާ މައިގަނޑު ރޯލުތަކުން ފެނިގެންދާ “ޗެހެރޭ” އަކީ އަނަންދު ޕަންޑިތު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ރޫމީ ޖަފްރީ ޑައިރެކްޓްކުރާ މި ފިލްމު އަންނަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ވަނީ ނިންމާފައެވެ.
