ޓިކްޓޮކަކީ މިހާރު ފިލްމީ ފަންނާނުންގެ ތަފާތު ހުނަރުތައްް ދައްކައިލުމަށް ބޭނުންކުރާ ވަޞީލަތަކަށް މިވަނީ ވެފައެވެ. ފިލްމު ޝޫޓިންގެ ފަސްމަންޒަރުތަކާއި ޝޫޓިންގައި އުޅޭއިރު ވައިފިލުވައިލުމަށްވެސް ފިލްމީ ތަރިން ޓިކްޓޮކްގެ ބޭނުން ހިފަމުން އާދެއެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަޙްމަދު ސަޢީދު އާއި ޝަކިއްތަ (ޝަކީލާ)ގެ ލޯބިލޯބި ޓިކްޓޮކެއް ސަޢީދުގެ ޓިކްޓޮކަށް މިއަދު ވަނީ ދޫކޮށްލާފައެވެ.
މީގެ އަހަރުތަކެއް ކުރީން ޝަކީލާ، ރީކޯ މޫސަ އަދި މަރްޔަމް ނިޝާ ފެނިގެންދިޔަ ހިތްގައިމު ލޯބީގެ ފިލްމު “ޙައްޤު”ގެ އެންމެ ރޮމޭންޓިކް އެއް ލަވަ ކަމަށްވާ ‘މޫނޭ ތިއީ ހިތް އެދޭ’ އަށް މިފަހަރު އެކްޓްކޮށްފައި މިވަނީ ސަޢީދު އާއި ޝަކިއްތައެވެ. ފިލްމު “ޙައްޤު”ގައި މަރްޔަމް ނިޝާ ކުޅެފައިވާ ކެރެކްޓަރ އިން މިފަހަރު ފެނިފައި މިވަނީ ޝަކިއްތައެވެ. ރީކޯ މޫސަގެ ރޯލުން ސަޢީދުއެވެ.
ސަޢީދުގެ މި ޓިކްޓޮކް، ގަޑިއެއްހައި އިރު ތެރޭގައި 3000 އަށް ވުރެން ގިނަ މީހުން ބަލާފައިވެއެވެ. މި ވީޑިއޯއަށް މިރޭގެ 11:30 ވީއިރު 12000 ވުރެން ގިނަ ވިއުސް ލިބިފައިވެއެވެ. އޭގެ އިތުރުން ގިނަ ބައެއްގެ ފަހި ކޮމެންޓްތައް ވެސް ވީޑިއޯއަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މި ޓިކްޓޮކް ކުޅެފައިވަނީ މިހާރު ސަޢީދު އާއި ޝަކިއްތަ މަސައްކަތްކުރަމުން އަންނަ ވެބް ސީރީޒެއްގެ ޝޫޓިންގައި އުޅެމުންނެވެ.
މިހާރު މީޑިއާ ނެޓުން ދައްކަމުން އަންނަ ކޮމެޑީ ސީރީޒް “ރޫމީ އާ ޖަންނަތު” އަދި ބައިސްކޯފުން ދައްކަމުން އަންނަ ކޮމެޑީ ސީރީޒް “ހުވާކޮށްފާ ބުނަން” ގައި މުހިންމު ރޯލަކުން ސަޢީދު ފެންނަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަންނަ މަހު 08 ގައި މީޑިއާ ނެޓުން ރިލީޒްކުރާ ‘އެއްކާފު ޕްރޮޑަކްޝަން’ގެ ވަރުގަދަ ސިޔާސީ ފިލްމު “މަރްޔާމް” ގައި ސަޢީދު ފެންނާނީ ވަރަށް ވަރުގަދަ ރޯލަކުންކަން ފިލްމުގެ ޓީޒާ އާއި ޓްރެއިލާތަކުން އެނގެއެވެ.
@actorsaeid TikTok with Legendry Shakeetha”AK known as dhonsanpha” on Location of Drama Series “NAFSU”
