މުނިއަވަސް މަދަހަ މުބާރާތް – ސީޒަން 2 އަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށާ، މީގެ ކުރިން އާއްމުވެފައިނުވާ އަމިއްލަ ޅެން ތަކަކަށް މަދަހަ ހުށައަޅަން ޖެހޭގޮތަށް އޮތްނަމަވެސް 50 އަށް ވުރެން ގިނަ މަދަހަ ހުށައެޅުން ލިބިފައިވާކަމަށް މަދަހަ މުބާރާތުގެ ކަންތައްތައް ބަލަހައްޓާ ޓީމުން ބުނެފިއެވެ.

މުނިއަވަސް އޮންލައިން މަދަހަ މުބާރާތް 1441 އަށް 98 މަދަހަ ހުށައަޅާފައިވާއިރު، މިފަހަރު ފަންސާހަށް ވުރެން ގިނަ ވީޑިއޯ ލިބުން މީ އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރުގެ އަދަދެއް. ވަރަށް ގިނަ ފަރާތްތަކުން ގުޅާފަ ދެންނެވި އަލަށް ޅެމެއް ހަދަން ޖެހުމަކީ އުނދަގޫ ކަމެކޭ. އެހެން ނަމަވެސް އަޅުގަނޑުމެން ނިންމީ ރާގުތައް އާ ނޫނަސް މަދަހަތަކުގެ ޅެންވެރިކަން ބަދަލުކޮށްލަން. މިއީ ޅެންވެރިންނަށް ވެސް ލިބިގެންދިޔަ އިތުރު ފުޞަތެއް.” މުނިއަވަސް އިން ފާހަގަކޮށްފައިވެއެވެ.

“ކުރިން އާއްމުވެފަ ހުރި މަދަހަތައް މިފަހަރުވެސް ލިބުނު. އެގޮތުން ކެންސަލް ކޮށްލަން ޖެހުނު 17 މަދަހަ ވީޑިއޯ. އެ މަދަހަތައް މުބާރާތުގަ ނުހިމަނާނެކަން މަދަހަ ފޮނުއްވި ފަރާތްތަކަށް އެންގިން. ބައެއް ފަރާތްތަކުން އަލުން އާ މަދަހަ ފޮނުއްވި.” ގަވާއިދަކާ އުސޫލެއް ހެދިފައި އޮތުމުން އެގޮތުގައި ހިފަހައްޓަން މުނިއަވަސް އިން ބޭނުންވާކަން ފާހަގަކުރަމުން މަދަހަ ކޮމެޓީގެ ފަރާތުން ފާހަގަކުރިއެވެ.

މުނިއަވަސް މަދަހަ މުބާރާތް – ސީޒަން 2 އަށް ހުށައެޅި މަދަހަތަކުގެ އެޑިޓިން މަސައްކަތް މިފަހަރު ކުރަމުން ގެންދަނީ މުބާރާތުގެ މެއިން ސްޕޮންސަރ ‘ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)‘ގެ ފަރާތުން ޢީސާ ޝަރީފް އެވެ.

މުބާރާތުގެ ކޯ ސްޕޮންސަރ އަކީ ‘އިއްޔަ ރެކޯޑްސް’ އެވެ. މުބާރާތަށް ޖަޖުންގެ ގޮތުގައި އިބްރާހިމް ރަމީޒް އާއި ހަމްދޫން ހަމީދު ހަމަޖައްސައިދިނީ ‘އިއްޔަ ރެކޯޑްސް’ އިންނެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގަދަ ފަސް ބައިވެރިންނަށް އެ ރެކޯޑް ލޭބަލް އިން ހަދާ މަދަހަ އަލްބަމެއްގައި މަދަހަ ކިޔުމުގެ ފުރުޞަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އުމުރުން 04 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ހުޅުވައިލި މި މުބާރާތް ބަހާލެވިފައިވަނީ ތިން އުމުރުފުރާ އަކަށެވެ. މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށެވެ.

ކޮންމެ އުމުރުފުރާއަކުން:
1 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/2500
2 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1500
3 ވަނަ ހާސިލްކުރާ ދަރިވަރަކަށް -/1000

❂ މީގެ އިތުރުން މުބާރާތުގައި އެންމެ މޮޅު ފަސް މަދަހަ (ޓޮޕް ފައިވް މަދަހަ) ހުށައެޅި ބައިވެރިންނަށް، މުބާރާތުގެ ސްޕޮންސަރ އިއްޔާ ރެކޯޑްސް އިން ތައްޔާރުކުރާ މަދަހަ އަލްބަމެއްގައި މަދަހަ ކިޔުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

❂ މުބާރާތުގެ މަދަހަތައް ‘މުނިއަވަސް ފޭސްބްކް ޕޭޖް’ މެދުވެރިކޮށް އާއްމުކުރަން ފަށާނީ ރަމަޟާން މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.