ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ޚާއްޞަ “އަވައްޓެރިޔާ” ބައިސްކޯފަށް ގެނެސްގެން އުޅޭކަން އެނގޭދޯއެވެ. މިއީ ހަމަ ކޮންމެހެންވެސް ބައްދަލުކޮށްލަން ޖެހޭ ފަދަ “އަވައްޓެރިޔާ”އެކެވެ. ގައިމުވެސް މި “އަވައްޓެރިޔާ” އާއި ބައްދަލުކޮށްލުމަށްފަހު ލިބިގެންދާނީ ހިތަށް ހަމަޖެހުމެވެ. މިއީ އިސްމާޢީލް ޝަފީޤް އާއި ޔޫއްޕެ ޕްރޮޑިއުސްކޮށް ގެނެސްދެމުން އަންނަ ވެބް ސީރީޒެކެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ މި ސީރީޒްގެ މަސައްކަތް ފެށީ “ތެދޭ އަނބިން ރީއްޗޭ”ގެ ނަމުގައެވެ. ސީރީޒްގެ މަސައްކަތް ފެށި ދުވަސްކޮޅު މުނިއަވަސް އަށް ޔޫއްޕެ ބުނީ މި ސީރީޒްގެ މަސައްކަތް ވަކި ހިސާބަކަށް ކުރުމަށްފަހު ނޫނީ މީޑިއާއަށް މަޢުލޫމާތު ހިއްސާކުރަން ބޭނުންނުވާ ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން މި ސީރީޒްގެ ޕައިލެޓް އެޕިސޯޑް ބައިސްކޯފުން ދައްކައި، މިހާރު މިވަނީ ދެވަނަ އެޕިސޯޑުވެސް ދައްކާފައެވެ.

“އަވައްޓެރިޔާ”ގެ ކާސްޓަށް ބަލާލާއިރު، ޢަލީ ޢާޒިމް (ދޮން އައްޔަ) އަކީ އަނބިދަށުވެފައި ހުންނަ މީހެކެވެ. ނަމަކީ ސޯލިހް އެވެ. މި ދާއިރާއަށް މުޅިން އަލަށް ތަޢާރަފުވާ ހިތްގައިމު އަންޝާމް އަކީ ފިޔާޒާ އެވެ. ސޯލިހުގެ ފިސާރި އަނބިކަމަނާ އެވެ. އިބްރާހިމް ޖިހާދު އަކީ ‘ހައްލު އޭޖެންސީ’ގެ ނަމުގައި ވިޔަފާރިއެއް ހިންގަމުން އަންނަ ޒާތެއްގެ ޑޮކްޓަރެކެވެ. ނަމަކީ އަލްގީން އެވެ. އަޙްމަދު އީސާ (އާނަންދު) އަކީ ޑޮކްޓަރު އަލްޤީންގެ އަރިސް މުވައްޒަފެކެވެ. އަޙްމަދު އަޒްމީލް (އަޒޭ) އަކީ އޯގާތެރި، އެހެނަސް ކަޓް ގޮތްގަނޑެއް ހުންނަ ކިޔަމަންތެރި އަންބެއް ލިބިފައިވާ މީހެކެވެ. ނަމަކީ ޖާބިރު އެވެ. އާމިނަތު ނޫރާ އަކީ މަރީނާ އެވެ. ޖާބިރުގެ އަނބިމީހާ އެވެ. އަޙްމަދު ޒިޔާ އަކީ މި ސީރީޒްގައި ލަކީ އެވެ. މޮޑެލްކުރުމާއި ޓީވީ ޕްރެޒެންޓިން އަށް މަޝްހޫރު ޢަލީ އުޝާމް (ދޮނާ) އަކީ ރަސީން އެވެ. ކުއްޖަކާ ހިތާވެގެން މާ ގިނަ ދުވަހު ކެތްކޮށްނުލެވޭ މީހެކެވެ.

މި ސީރީޒް ކެމެރާކުރަނީ ސިވާޒް (މާސްކޭ) އެވެ. އެޑިޓްކުރަނީ ޔޫއްޕެ އެވެ. ޑަބިން ހަދަނީ ޒިޔާ އެވެ. މިއުޒިކް ހަދަނީ އައްޔުމަން އެވެ.

މިއީ ކޮންކަހަލަ ޖޮންރާއެއްގެ ސީރީޒެއްކަމާއި ދެ އެޕިސޯޑުން ވީ ކިހިނެއްކަން ބައިސްކޯފަށް ވަދެގެން ނޫނީ ނުބެލެނޭއެވެ. ހަމަ ގައިމުވެސް މިއީ މުނިއަވަސްފިލުވައިލުމަށް ރަނގަޅު ސީރީޒަކަށް ވާނެ ސީރީޒެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.