ޒަމާންތަކެއްގެ ކުރީން މާލޭގެ ގަނޑުވަރުތަކުގައި ކުޅެމުން އައި ދިވެހި މިއުޒިކާއި ލަވައިގެ ހަވީރެއްގެ ތެރެއަށް ވަދެ ހިތް އުފާކޮށްލައި މުނިއަވަސްފިލުވައިލަން ބޭނުންނަމަ، މިއަދު ލަވަފޮށި އެޕްލިކޭޝަންގައި ރިލީޒްކޮށްފައިވާ “މަހާ ޗަންދަރު” އަޑުއަހައިލުމަށް ޚިޔާލުދެމެވެ.

ދިވެހި މިއުޒިކީ ސްޓައިލްގެ ލަވަތަކަށް ލޯބިކުރާ އަޙްމަދު ޒުބައިރުގެ “މަހާ ޗަންދަރު” އަލްބަމުގައި ވަރަށް ހިތްގައިމު 10ލަވަ ހިމެނެއެވެ. މި ހުރިހައި ލަވަތަކެއްގެ ލިރިކްސްވެސް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. މުޖުރާ ނެށުން ނަށާ ސްޓައިލަށް ތައްޔާރުކޮށްފައިވާ މި ލަވަތަކުގެ ތެރޭގައި، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު އިސްޓޭޖްމަތިން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި އެއް ލަވަ ކަމަށްވާ ‘ދޭތީ ހިލޭ ޒިންދުގާނީ’ ލަވަ ވެސް ހިމެނެއެވެ.

“މަހާ ޗަންދަރު”ގެ ލަވަތަކުގެ ލިސްޓަށް ބަލައިލާއިރު، މީގެ އެތަކެއް އަހަރެއް ކުރީން އޮލިމްޕަހުގައި ބޭއްވި މުޖުރާ ޝޯވގައި އިވިގެން ދިޔަ ހުރިހައި ހިތްގައިމު ލަވަތަކެއް ހިމަނާފައިވެއެވެ. އެގޮތުން މި ދެންނެވި މުޖުރާ ޝޯވގައި ޕަރީންތަކެއްގެ ހެދުމުގައި ފެނިގެންދިޔަ މުޖުރާ ލަވަ ‘ޖަހާ ފިޔަ’ އަކީވެސް ވަރަށް ފާހަގަކޮށްލެވޭ ލަވައެކެވެ. ލަވައަކަށް ދޫނުކުރާނެ ލަވަތަކެއް އަލްބަމްގައި ހުރިއިރު، ‘ތަރުހާނީ ދާނުން، ލޯބީގެ މަންޒަރު، ތަވީ ނުބުނަން، ފުރާނަ ދީ، ކުރާށޭ ހެޔޮކަންތައް، ލޯބީގެ ތެރޭގާ، އުއްމީދޭ ފޯރިފޯރި ލަވައިގެ އިތުރުން މަގޭ ދޭލިޔާ’ ހިމެނެއެވެ.

މި އަލްބަމުގެ ހުރިހައި ލަވަތަކެއް ކިޔައި މިއުޒިކް ކުޅެފައިވަނީ ޒުބައިރު އެވެ. ރެކޯޑިން ހެދީ ޒުބައިރުގެ އަމިއްލަ އިސްޓޫޑިއޯގައެވެ.

“މިއީ ކުރީ ޒަމާނުގެ ގަނޑުވަރުތެރޭގަ އިންނާނެ ތޭޓަރު ކިޔާތަނެއް. ތޭޓަރަކީ އެއީ މިސާލަކަށް ދުވާލު ބުރަ މަސައްކަތުގައި އުޅުއްވުމަށްފަހު ރަސްރަސްކަލުންގެ އަނބިންނާ އެކީގަ ކުޅިވަރުކުޅުމަށްޓަކައި ހަމަޖައްސާފަ ހުންނަ ތަނެއް ތޭޓަރަކީ. އެތަނުގެ އެތެރޭގަ ރަސްރަސްކަލުންނާ އޭގެ ދަށުން ތިއްބަވާ ބޮޑެތި ބޭފުޅުންނާ އެ ބޭކަލުންގެ އަނބިއަނބިކަނބަލުންނާ ލޯބިވެރިންނާ އައިސް އެތަނަށް ޖަމާވާނެ. ޖަމާވީމަ ހަރަމަނިޔާ ކުޅެފަ ލަވަކިޔާފަ ނެށުން އޮންނާނީ.” ޒުބޭރުގެ އަމިއްލަ ސޯލޯ އަލްބަމް “މަހާ ޗަންދަރު” އާއި ދިވެހި އެހެން އަލްބަމްތަކާ ތަފާތުވަނީ ކިހިނެއްތޯ އަހައިލުމުން ޒުބައިރު ވެސް އަޅުގަނޑުގެ ވިސްނުމުގެ ވައުފަށް ގެންގޮސްދިނީ އިހުޒަމާނަށެވެ. ޒުބައިރު އެ ސިފަކޮށްދިނީ ކަޅާއިހުދުގެ ހިންދީ ފިލްމުތަކުން އެ ފެންނަ ފަދަ މުޖުރާ ކޯޓީއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.