ގިނަބައެއްގެ މަޤްބޫލުކަން ހޯދައިފައިވާ އިނގިރޭސި ސިލްސިލާ ”ޑެކްސްޓަރ“ގެ 09ވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ. ޝޯވްޓައިމް އިން މި ޓްރެއިލަރ އާއްމުކުރީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

މިއަހަރުގެ ފިނިމޫސުން ފެށޭ ހިސާބުގައި (ސެޕްޓެމްބަރު މަހު) ”ޑެކްސްޓަރ“ގެ 09 ވަނަ ސީޒަން ދައްކަން ފަށާނެކަން ’ޝޯވްޓައިމް‘ އިން ހާމަކޮށްފައިވާއިރު، ”ޑެކްސްޓަރ“ގެ ޑެކްސްޓަރ މޯގަންގެ ގޮތުގައި އެކްޓަރު މައިކަލް ސީ. ހޯލް ފެނިގެންދާނެ ގޮތް ވެސް ވަނީ އާއްމުކޮށްފަ އެވެ.

”ޑެކްސްޓަރ“ ސީޒަން 09ގައި ވެސް ހިމެނޭނީ ޖުމްލަ 10 އެޕިސޯޑެވެ.

https://www.youtube.com/watch?v=-fB9vTS5_Pk

“ޑެކްސްޓަރ” ސީޒަން 09ގެ ފުރަތަމަ ޓީޒަރއެއް އާއްމުކުރީ މިއަހަރު އޭޕްރީލް 29ގައެވެ. އެ ޓީޒަރ އިން ފެންނަނީ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތެރެއިން ސްނޯއިން ފުރިފައިވާ ޖަންގައްޔަކަށް ބަލަހައްޓައިގެން ހުންނަ ތަނެވެ. ޑެކްސްޓަރ ހުންނަ ކޮޓަރީގައި އަލިފާންގަނޑެއް ރޯކޮށްފައި ހުންނައިރު، ބެކްގްރައުންޑުން އިވިގެންދަނީ ނީނާ ސިމޯންސްގެ ‘ޑޯންޓް ލެޓް މީ ބީ މިސްއަންޑަސްޓޫޑް’ ޖަހަމުންދާ އަޑެވެ.

”ޑެކްސްޓަރ“ އަކީ އަދުލުއިންސާފާއި ޝަރީޢަތުގެ މަރުހަލާއިން އެއްވެސް ހުކުމެއް ނުކޮށް ނުވަތަ ނުކުރެވި ދޫވެފައި ތިބޭ ކުށްވެރިން މެރުމުގައި ހަރަކާތްތެރިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރެއް ކަމަށްވާ ޑެކްސްޓަރ މޯގަން، އެފަދަ ކުށްވެރިން މަރައި، އެމީހުންގެ ހަށިތައް ނައްތައިލުމުގައި ކާމިޔާބު ހަރަކާތްތަކެއް ދައްކުވައިދޭ ސީރީޒެކެވެ.

ރަސްމީ ވަޒީފާގައި ޑެކްސްޓަރ އަކީ ޕޮލިސް ޓިޕާޓްމަންޓުގައި މަސައްކަތްކުރާ ބްލަޑް ސްޓެއިން ޕެޓާން އެނަލިސްޓެކެވެ. އޭނާގެ މި ހުނަރު ބޭނުންކޮށްގެން ބޮޑެތި ގާތިލުންނާއި އެހެން ސީރިއަލް ކިލަރުން ހޯދައެވެ. އަދި ފުލުހުންނަށް އެ މައުލޫމާތު ނުދީ އޭނާ ބޭނުންވާ މީހުން މަރައި ކޮށައި ކަނޑުފައްތައި ނައްތާލައެވެ.

“ޑެކްސްޓަރ”ގެ 08ވަނަ ސީޒަން ނިންމާލިއިރު އެ ސީރީޒް އަށް ވަނީ އެތައް އެވޯޑު ތަކެއް ލިބިފައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.