ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ފުންނާބުއުސް އަންހެން ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤް ގެ އާ ލަވައަކަށް ވީޑިއޯ ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ޝިފާ ގެ ފޭސްބްކް ގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ‘ސީއެސްޖީ ލަވަ އުފެއްދުމުގެ ތެރެއިން. ފިލްމު އުފެއްދުމުގައި ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހޯއްދަވާފައިވާ އަލްފާޟިލް މުޞްތަފާ ޙުސައިން މި ލަވައިގެ ވީޑިއޯ ހައްދަވައިދެއްވުމަށް އެއްބަސްވެލެއްވިކަމީ ލިބުނު ފަޚްރަކާއި ޝަރަފެއް.’ މިހެންނެވެ.
ޝިފާ ކޮށްފައިވާ މި ޕޯސްޓްގައި އެ އިޝާރާތް ކުރާ ‘ސީއެސްޖީ’ ލަވަ އަކީ ކޮބައިކަން އަދި ވަނީ އޮޅުންފިލާގޮތް ނުވެފައެވެ. ނަމަވެސް މި ޕޯސްޓްގައި ހިމަނާފައިވާ ލަވައިގެ މޭކިން ވީޑިއޯ އިން އިވެނީ ‘ގަހެކެ ގަހެކޭ އިންދަމާ، ރޯކުރަން އަދު ފެންދެމާ’ މި ރާގަށް ކިޔާފައިވާ ހިތާމަވެރި ލަވައެކެވެ. ލަވައިގެ ޅެމުގައި ކިޔަނީ ކޮންމެވެސް ބައްޔެއް އެނގުމުން އެކަމާ ހާސްވެ ކަންބޮޑުވާ ވާހަކަ އާއި ފިކުރުބޮޑުވާގޮތް ވާ ވާހަކަ އެވެ. އަދި ގޮސް ހުސްވެ އިސްޖެހިދާ ވާހަކަ އެވެ.
ހަމަ ގައިމުވެސް ޝިފާ ގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރު ކުރަމުންދާނީ މި ލަވަ ފެންނާނެ ދުވަހަކަށެވެ.
